ޑރ. މުހައްމަދު މުއިއްޒު

ގުޅިފަޅު މައްސަލާގައި ސަރުކާރުގެ ވާހަކަތައް ދެކޮޅެއް ނުޖެހޭ: މުއިއްޒު

އަވަސްގެ "ސުވާލަކަށް ފަހު ސުވާލެއް" ގެ މި ހަފްތާގެ ޕްރަގްރާމް -- އަވަސް ވީޑިއޯ: އަހުމަދު ރަމީޒު (އަންދު)

މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް އޮތް ހަމައެކަނި ހައްލަކީ ގުޅިފަޅު ކަމަށާ ގުޅިފަޅަކީ ބޯހިޔާވަހިކަމުގެ މަންޒިލަކަށް ހަދަން ސަރުކާރުން އެއްބަސްނުވާންވީ ސަބަބެއް ނެތް ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. މުއިއްޒު މިހެން ވިދާޅުވީ އަވަސްގެ "ސުވާލަަކަށް ފަހު ސުވާލެއް" ޕްރަގްރާމްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މުއިއްޒު ވިދާޅުވީ ގުޅިފަޅަކީ މާލެ ސިޓީ ކަައުންސިލްގެ އިހުތިސާސުގައި އޮތް ތަނެއް ނޫން ނަމަވެސް މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން އޮތް ހަމައެކަނި ހައްލަކީ ގުޅިފަޅު ކަމުން އެ ވާހަކަ ސިޓީ ކައުންސިލުން ދައްކަން ޖެހޭ ކަމަށެވެ. ގުޅިފަޅު އިތުރަށް ހިއްކައިގެން 280 ހެކްޓަރުގެ ބިމެއް ބޯހިޔާވަހިކަމަށް ހާއްސަ ކުރެވޭނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. އެކަން އެގޮތަށް ކޮށްފިނަމަ މާލެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ކައުންސިލް އިންތިހާބުގެ ކެންޕެއިންގައި ރައްޔިތުންގެ ފަރާތުން އެންމެ ބޮޑަށް ލިބުނު ޝަކުވާއަކީ އެއީ ކަމުން އެ މައްސަލަ ހައްލުކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

ގުޅިފަޅުގެ މައްސަލާގަައި ރައީސް ސޯލިހާއެކު ބޭއްވުނު ބައްދަލްވުމުގައި ބޯހިޔާވަހިކަމުގެ މަންޒިލަކަށް ގުޅިފަޅު ބަދަލުކުރުމުގެ މުހިންމުކަން އެމަނިކުފާނަށް ދެންނެވި ކަމަށާ 30،000 ރައްޔިތުންނަށް ބޯހިޔާވަހިކަން ހަމަޖެއްސޭނެ ގޮތަށް ގުޅިފަޅު ޕްލޭން ބަދަލު ކުރައްވާނެ ކަމަށް ރަައީސް ވިދާޅުވި ކަމަށެވެ.

ރަައީސް ޔާމީންގެ ވެރިކަމުގައި ހަައުސިން މިނިސްޓަރަކަށް މުއިއްޒު ހުންނެވި ދުވަސްވަރު ގުޅިފަޅަކީ މީހުން ދިރިއުޅެން ކަމުދާތަނެއް ނޫން ކަމަށް ނިންމި ނިންމުމާމެދު ރައީސް ސުވާލު ކުރެއްވުުން އެކަން ސާފުކޮށްދެއްވި ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ 2015 ވަނަ އަހަރު ގުޅިފަޅަކީ ލައިޓް އިންޑަސްޓްރިއަލް ޒޯނެއްގެ ގޮތުގައި ކަނޑައެޅީ ތިލަފުށިން އަރަމުންދާ ބޯ ދުމުން ސަލާމަތްވާނެ ގޮތެއް އެ ވަގުތަށް ފެންނަން ނެތުމުން ކަމަށެވެ. ނަމަވެސް 2017 ވަނަ އަހަރު އޭޑީބީގެ އެހީގައި ލިބުނު ޕްރޮޖެކްޓެއްގައި ދުން ނާރާ ގޮތަށް ކުނި ނައްތާލެވޭނެ އިންތިޒާމު ހަމަޖެއްސޭނެ ކަމަށް ފެނުމުން އެ ނިންމުން ބަދަލުކުރި ކަމަށެވެ. އަދި އެއީ ކަމެއް އޮޅުވާލުން ނޫން ކަމަށް ވިދާޅުވެ ބަދަލުވީ ހާލަތު ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެ ވާހަކަ ދެންނެވުމުން ގުޅީފަޅުގެ ޕްރޮޖެކްޓަށް ބަދަލު ގެންނަވާނެ ކަމަށާ ކަމާގުޅޭ އިދާރާތަކަށް ސިޓީ ކައުންސިލާއެކު މަޝްވަރާ ކުރެއްވުމަށް އަންގަވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ.

"އަޅުގަނޑު ދެންނެވިން މުޅި ޕްލޭން ބަދަލުނުކުރެވެންޏާ.. އެއީ އެމަނިކުފާނު އެގްރީމަންޓެއް ހައްދަވާފައި އޮތީމަ ޕޯޓް އަޅުއްވަން ޖެހިވަޑައިގަންނަވާނެކަން އަޅުގަނޑުވެސް ގަބޫލުކުރަމޭ. އެހެންވީމަ ޕޯޓަށް ޖާގަ ނަންގަވާފައި ދެން ހުރި ހުރިހާ ޖާގައެއް ނަންގަވާށޭ ބޯހިޔާވަހި ކަމަށް،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ރައީސް އެހެން ވިދާޅުވި ފަހުން ފަސް މަސް ދުވަސް ހޭދަވީ ނަމަވެސް މިހާތަނަށްވެސް އެއްވެސް ބައްދަލުވުމެއް ބޭއްވިފައި ނުވާ ކަމަށާ އެކަމާ ކަންބޮޑުވުންފާޅު ރައީސް އޮފީހަށް ހަތަރު ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ. އަދި މަޝްވަރާތައް ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވެ ބައެއް ފަހަރު ރައީސް އޮފީހުން ޖަވާބު ދެއްވާ ކަަމަށެވެ.

ކޯޓަށް ދިއުމުގެ ވިސްނުން މުޅީން ދޫކޮށްނުލާނެ

މުއިއްޒު ވިދާޅުވީ ގުޅީފަޅުގައި ޕޯޓް އެޅުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން ބުނި ނަމަވެސް ތިން އަހަރު ވެގެންދިޔައިރުވެސް އެ ނިންމުމާއި އެއްބަަސްވުންވެސް ރައްޔިތުންނަށް ފެންނަން ނެތް ކަމަށެވެ. އިންޑިއާގެ ކުންފުންޏަކާއި ހަވާލުކޮށްގެން ޕޯޓެއް އެޅުމުގެ ވާހަކަ އިވޭއިރު އެކަމުގެ އެއްބަސްވުން ފެންނަން ޖެހޭ ކަމަށެވެ.

އެފަދަ އެއްބަސްވުމެއް އޮތްނަމަ އެ އޮތް އެއްޗެއް ސިއްރުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ގުޅިފަޅު މައްސަލާގައި ދޫނުދެއްވާނެ ކަމަށެވެ. އަދި ޝަރުއީ މަރުހަލާއަށް ދާންޖެހޭ ހާލަތުގައި އެކަން ކުރަން ނިންމާފަައިވާ ނިންމުން ދޫކޮށްނުލައްވާ ކަމަށެވެ. ނަމަވެސް އުންމީދަކީ އެ ހާލަތަށް ދާން ނުޖެހުން ކަމަށް ވިދާޅުވިއެވެ.

"އެއްގޮތަކަށްވެސް އަޅުގަނޑުމެންގެ ހިޔާލު ބަދަލުވީއެއް ނޫން. ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކުރާނަން،"

މުއިއްޒު މިއަދުވެސް ވިދާޅުވީ ޕޯޓް އެޅުމަށް އެންމެ ރަނގަޅު ރަށަކީ ތިލަފުށި ކަމަށެވެ. އަދި ގުޅިފަޅުން ތިލަފުއްޓަށް ޕޯޓް ބަދަލުނުކުރެވޭނެ ސަބަބެއްވެސް އޮވެގެން ނުވާނެ ކަމަށެވެ.

"މިވަރުގެ ބޮޑު ހައްލެއް އޮއްްވާ އެކަން ނުކުރަންވީ އެއްވެސް ސަބަބެއް ނެތް. އުފަލާއެކު ކުރައްވަންވީ ނޫންތޯ. މާދަމާވެސް ޕްލޭނަށް ބަދަލުގެނެސް އެކަން ކުރައްވަންވީ ނޫންތޯ،"

ތިލަފުއްޓަށް ޕޯޓް ބަދަލުކުރުމާ ގުޅޭގޮތުން ރައީސަށް އެ ވާހަކަ ދެންނެވުމުން ކުރިއަށް އޮތް 25 އަހަރަށް ކުނިވަޅުލާ ރަށެއްގެ ގޮތުގައި ތިލަފުށި ބާއްވަން ޖެހޭ ކަމަށް ރައީސް ވިދާޅުވި ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެއީ އެކްްސްޕާޓުން ދެއްވާފައިވާ ލަފައެއް ކަމަށް ރައީސް ވިދާޅުވި ނަމަވެސް އެކަން ގަބޫލުނުކުރައްވާނެ ކަމަށެވެ. އެކްޕާޓުން އެފަދަ ލަފައެއް ނުދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް އެހެން ވިދާޅުވެފައިވަނިކޮށް ތިލަފުށީ ހިއްކަން ނިންމާފައިވާކަން އެޗްޑީސީން އިއުލާނު ކުރުމުން ސަރުކާރުން ދައްކާ ވާހަކަ ދެކޮޅު ނުޖެހޭކަން ހާމަވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އެހެންވީމަ ދެކޮޅެއް ނުޖެހޭ މި ދައްކާ ވާހަކަތަކެއް،" މުއިއްޒު ވިދާޅުވިއެވެ.