ގުޅިފަޅުގައި ޕޯޓް އެޅުމަށް މިސަރުކާރުން ގެންގުޅޭ ޕްލޭނަށް ބަދަލު ގެނެސް ގުޅިފަޅު ތަރައްގީކުރުމުގައި މާލެ ސިޓީ ކައުންސިލާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފި ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގުޅިފަޅުގައި މިސަރުކާރުން ކުރިއަށް ގެންދަން ނިންމާފައި އޮތް ބޮޑު މަޝްރޫއަކަށް މިސަރުކާރުން ބޮޑު ބަދަލެއް ގެންނަވާނެ ކަމަށް މުއިއްޒު ހާމަކުރައްވާފައި މިވަނީ މިއަދު ރައީސް ސޯލިހާ އެކު ބައްދަލުކުރެއްވުމަށްފަހު މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
މުއިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ ދައިމީ ގެދޮރުވެރިކަމެއް ކަމަށާއި ރައްޔިތުންގެ އެ އުއްމީދު ހަގީގަތަކަށް ހަދައިދެވެން މިހާރު އޮތް މަންޒިލަކީ މާލެއާ އެންމެ ކައިރީގައިވާ ގުޅިފަޅު ރެސިޑެންޝަލް ސިޓީ އަކަށް ނުވަތަ ގެދޮރުވެރިކަމުގެ މަންޒިލަކަށް ބަދަލުކޮށްގެން ކަމަށެވެ.
"އެޔޭ މާލޭގެ ރައްޔިތުންގެ ވިންދަކީ. ރައްޔިތުން ބޭނުންވާ ގޮތަކީ. މިހާރު އެތަން ޑިޒައިން ކޮށްފައި އޮތީ ޕޯޓެއް އަޅަންކަން އަޅުގަނޑު އެކްނޮލޮޖު ކުރިން. އަދި [ޕޯޓެއް އަޅަން މިސަރުކާރުގައި] އެގްރިމެންޓެއް ހެދިފައި އޮތް ވާހަކަ ވެސް އަޅުގަނޑު ހަމަ ފާހަގަކުރިން. އަޅުގަނޑު ދެންނެވިން އެހެންވީމާ އެއީ [ރައީސްއަށް ނިންމަވަން] ފަސޭހަ ނިންމުމަކަށް ނުވާނެ ކަން އަޅުގަނޑު ވެސް ފާހަގަކުރަމޭ،" ގުޅިފަޅާ ގުޅޭގޮތުން މިހާރު ގޮތްތަކެއް ނިންމަން ރައީސް ސޯލިހަށް ވެސ އުދަގޫތަކެއް ހުންނާނެ ކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް އެންމެ ބޭނުންވަނީ ބޯހިޔާވަހިކަމެއް ކަމަށްވާއިރު އެކަން ކޮށްދިނުމަށް މާލޭގައި ބިމެއް ނެތް ކަމަށެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިއްކާފައިވާ ބިމުން އެކަނި ވެސް އެ މައްސަލަ ހައްލު ނުކުރެވޭނެ ކަމުގައި ރައީސް އަށް ދެންނެވި ކަމަށެވެ. އެހެންކަމުން މާލޭގެ ރައްޔިތުން އެދޭ ކަމަކީ ގުޅިފަޅަކީ ގެދޮރުވެރިކަމުގެ މަންޒިލަކަށް ބަދަލުކުރުން ކަމަށާއި އެކަމުގައި ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ވާހަކަ ދެންނެވި ކަމުގައިވެސް ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ގުޅިފަޅުގައި ޕޯޓް އަޅަން މިސަރުކާރުން ނިންމީ ކަމާ ގުޅޭ ފަންނީ ވަރަށް ގިނަ ފަރާތްތަކާ މަޝްވަރާ ކޮށްގެން ކަމުގައި ރައީސް ފާހަގަކުރެއްވި ކަމަށެވެ. އެގޮތުން އެ ނިންމުން ނިންމީ އޭނާ ހައުސިން މިނިސްޓަރަ ކަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުންނެވިއިރު އެ ސަރުކާރުން 2015 ވަނަ އަހަރު ހިސާބުގައި ތައްޔާރުކޮށްފައިވާ ލިޔެކިޔުންތަކަށް ވެސް ބަލާފައި ކަމުގައި ރައީސް ސޯލިހް ދެންނެވި ކަމަށެވެ.
"ދެން އަޅުގަނޑު ދެންނެވިން އޭރުގެ ސިޔާސަތުގައި ތިލަފުއްޓަކީ ކުނި އަންދައިގެން ކުނި މެނޭޖުކުރާ ތަނެއްގެ ގޮތުގައި އޮތް ތަނެއް ކަމާއި ފަހުން 2018އާ ހަމައަށް އައި އިރުގައި އެތަނަކީ އެގޮތަށް ކުނި މެނޭޖު ކުރާ ތަނެއް ނޫން ކަމަށް ކަނޑައެޅިފައި އޮތް ކަން. އެހެންވީމާ އެތަނަކީ ގުޅިފަޅަކީ ލައިޓް އިންޑަސްޓްރިއަލް ޒޯނެއްގެ ގޮތުގައި ކުރީގެ ޕްލޭނެއްގައި އޮތް ނަމަވެސް ފަހުން އެތަނަކީ ރެސިޑެންޝަލް ޒޯނެއް ކަމަށް ކަނޑައެޅުމަށް ކެބިނެޓުން ވިސްނާ ސިޔާސަތަށް ގެނައި ބަދަލު އަޅުގަނޑު [ރައީސްއަށް] ދެންނެވިން. އެހެންވީމާ ގުޅިފަޅަކީ ރެސިޑެންޝަލް ޒޯނެއްގެ ގޮތުގައި ދެން ތަރައްގީ ކުރެވިދާނެ ތަނެއް ކަމަށް އަޅުގަނޑު ދެންނެވިން،" ރައީސް ޔާމީންގެ ސަރުކާރުގައި ގުޅިފަޅުގެ ސިޔާސަތަށް ގެނެވުނު ބަދަލު ހިއްސާކުރައްވަމުން މުއިއްޒު ވިދާޅުވި އެވެ.
ގުޅިފަޅާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލްގެ ވިސްނުން ހުރި ގޮތް އޮޅުންފިލުއްވައި ދެއްވުމުން ގުޅިފަޅުގެ މަޝްރޫއުގައި މާލެ ސިޓީ ކައުންސިލުން ވަރަށް މުހިއްމު ދައުރެއް އަދާކުރައްވަން ޖެހޭ ކަމުގައި ރައީސް ދެންނެވި ކަން ވެސް މުއިއްޒު ފާހަަގަކުރެއްވި އެވެ. އަދި ސީދާ މޭޔަރުގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ގުޅިފަޅު ޕްލޭން ނިންމަން ބޭނުންވާ ކަމުގައި ރައީސް ދެންނެވި ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.
"އެހެންކަމުން މިހާރު ހެދިފައި އޮތް ޕޯޓް އެޅުމުގެ ޕްލޭނަށް ބަދަލު ގެންނަވަން އަޅުގަނޑާ އެކީގައި މަސައްކަތް ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ދަންނަވާނެ ކަމަށާއި އެތަނުގައި މިހާރު 1200 ވަރަކަށް ހައުސިން ޔުނިޓް ނޫނިއްޔާ ގޯތި ދޭން ޖާގަ ކަނޑައެޅިފައިވީ ނަމަވެސް އެ ނިންމުން ބަދަލުކުރަން އަޅުގަނޑާ އެކީ މަސައްކަތް ކުރަނ އެމަނިކުފާނުގެ ވިސްނުންފުޅުގައި [އޮތް]." މޭޔަރު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ހުށަހެޅުންތަކަށް ރިއާޔަތްކޮށް ގުޅިފަޅުގައި ގުދަން ކުރަން މިހާރު ކަނޑައަޅާފައިވާ ޖާގަ މާލެ ސަރަހައްދުގެ އެހެން ތަނަކަށް ބަދަލުކޮށް ގުޅިފަޅުގައި 30،000 ރައްޔިތުންނަށް އުޅެވޭ ވަރުގެ ޖާގައެއް ކަނޑައެޅުމަށް ސިޓީ ކައުންސިލާ އެކު ކަމާ ގުޅޭ އިދާރަތަކުން ބައްދަލުވެ ގޮތްތަކެއް ނިންމަން ދަންނަވާނެ ކަމުގައިވެސް ރައީސް ވިދާޅުވި ކަމަށެވެ. އެގޮތަށް އެކަން ވެއްޖެނަމަ ގުޅިފަޅުން 5،000 ގޯތި ދޫކުރެވޭނެ ކަމަށާއި އަދި އިތުރު ފްލެޓްތައް ވެސް އެޅޭނެ ކަމަށް މުއިއްޒު ގަބޫލުކުރައްވަ އެވެ. އެކަމަކު އޭގެ ފަހުގައިވެސް ތަކުރާރުކޮށް ވިދާޅުވީ ބޭނުންފުޅުވަނީ ޕޯޓް ތިލަފުއްޓަށް ބަދަލުކޮށް މުޅި ގުޅިފަޅަކީ މީހުން ދިރިއުޅެން ހާއްސަ މަންޒިލަކަށް ވުމަށް ކަމަށެވެ.
"އެހެންނަމަވެސް މި ފެށުން މިއީ ރަނގަޅު ފެށުމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން. އެ ފެށުން އެގޮތަށް ފެށިގެން ދިއުމުން މާލޭގެ ރައްޔިތުންގެ އަޑު އެހި ގުޅިފަޅުގައި މިހާރު ކުރިއަށް ގެންދަން ނިންމާފައި އޮތް ޕޯޓް ކުރިއަށް ނުގޮސް އެތަަނަކީ މައިގަނޑު ގޮތެއްގައި ހައުސިންއަށް ކަނޑައެޅިފައި އޮތް ތަނަކަށްވެ އަދި އެންމެ ފުރިހަަމަ ގޮތެއްގައި މުޅި ގުޅިފަޅަކީ ވެސް ހަމަ ހައުސިން އަށް ކަނޑައެޅިފައި އޮތް ތަނކަށް ވެގެން ގޮސް ހައުސިން އާ ގުޅޭ ކަންކަން އަންނަ ސިޓީ އަކަށް ނޫނިއްޔާ މަންޒިލަކަށް ވެގެން ދާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން،" މުއިއްޒު ވިދާޅުވި އެވެ.
ރައީސް ސޯލިހްގެ ސަރުކާރުން ނިންމާފައިވަނީ ގުޅިފަޅުގައި ޕޯޓެއް ހެދުމަށްފަހު އެތަނުން 600 އަކަފޫޓުގެ 1200 ގޯތި ދޫކުރުމަށެވެ. ނަމަވެސް މުއިއްޒު ގެންދަވަނީ ކައުންސިލް އިންތިހާބުގެ ދުވަސްވަރުން ފެށިގެން ގުޅިފަޅު ބޯހިޔާވަހިކަމަށް ހާއްސަ ރަށަކަށް ހަދައިދިނުމަށް އިލްތިމާސް ކުރައްވަމުންނެވެ.
ގުޅީފަޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު 2010 ވަނަ އަހަރު އިންޑިއާގެ ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް (ޖީޑީޕީ) ކުންފުންޏާއި ހަވާލުކޮށްގެން ހިއްކައިގެން މީހުން ދިރުއުޅުމަށް ތަރައްގީ ކުރި ރަށެކެވެ. އެކަމަކު ޖީޑީޕީން އެ ރަށް ތަރައްގީކުރުން ލަސްކުރަމުންދާ ކަމަށް ބުނެ ޖީޑީޕީގެ އެއްބަސްވުން ބާތިލްކޮށް ދިވެހި ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ގޮތަށް ގުޅީފަޅު އިންވެސްޓްމަންޓް އުފައްދާ ފެބްރުއަރީ 6، 2016 ގައި އެކުންފުންޏަށް ގުޅިފަޅު ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެެވެ. ރައީސް ޔާމީންގެ ސަރުކާރުން ނިންމީ ލައިޓް އިންޑަސްޓްރީތަކެއް އެ ރަށުގައި ތަރައްގީ ކުރުމަށެވެ. އެހެންކަމުން މީހުން ދިރިއުޅެން ގުޅިފަޅުގައި ހަދާފައި ހުރި ހައުސިން ޔުނިޓްތަކަށް ބައެއް މީހުން ފައިސާ ދައްކާފައި ވަނިކޮށް ރައީސް ޔާމީންގެ ސަރުކާރުން ވަނީ އެ ފްލެޓްތައް ސަރުކާރަށް ނަގާފަ އެވެ. ނަމަވެސް ފްލެޓްތަކަށް ބަދަލު ދިނީ މިސަރުކާރުގަ އެވެ.