ފިނިޕޭޖް

ވަރަށް ސަޅި ފަސް ލަވަ ސިލްސިލާ: މިފަހަރު ދެވިހިފާނެ!

ދެވިހިފާނެ އަކީ މިފަހަރުގެ ހޮވުމަށް ދީފައިވާ ނަމެވެ. މިއީ ދިވެހި އަމިއްލަ ފަންނާނުންގެ މިއުޒިކާއި ލަވައިގެ ހުނަރުވެރިކަން ފާހަގަކުރުމުގެ ގޮތުން ފަށާ ސިލްސިލާއެކެވެ. ކުރު ގޮތަކަށް ބުނަނީ ނަމަ "ވަރަށް ސަޅި ފަސް ލަވަ ސިލްސިލާ" އަކީ ފާޑެއްގެ ލަވަ ޗާޓެކެވެ.

މި ހަފުތާގެ ތީމަކީ "ދެވިހިފާނެ" އެވެ. އެގޮތުން ހޮވާލާފައި މިވާ ފަސް އަކީ ދިވެހި އެހުންތެރިންގެ މެދުގައި ނިކަން ބޮޑު މަޝްހޫރުކަމެއް އަދި މަގްބޫލުކަމެއް ހޯދާފައިވާ ލަވަތަކެކެވެ. ނުވަތަ އެ ލަވައެއް ޖަހައި ފޫހިނުވެ އެއަށް ނިކަން ފަސޭހައިން ދެވިހިފާ ކަހަލަ ލަވަ އާއި ރާގުތަކެކެވެ.

ފުރަތަމަ ހޮވުމަކަށް މި އޮތީ ސިމްބޮލިކް ރިކޯޑްސްގެ ނަމުގައި ޒުވާނުން އާޓިސްޓުންތަކެއް މާލޭގައި ހިންގާ ޕްރޮޑަކްޝަން ހައުސްއެއްގެ ދަށުން، ބޭއި ނަމަކަށް ލަވަކިޔުންތެރިޔަކު ރިކޯޑްކޮށްފައިވާ "ޖެހިފާ މިވާ މަގެ ހާލާތު" ނަމަކަށް ކިޔާ ލަވަ އެކެވެ.

އެންމެ ފުރަތަމަ މި އޮތީ އެ ލަވަ އާއި އޭގެ ރަސްމީ ވީޑިއޯ ލަވަ އެވެ. މިއީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު އާންމުކޮށްފައިވާ ލަވައެކެވެ.

މި ލަވަ އަކީ ޒުވާން އަންހެން ކުދިންގެ މެދުގައި ނިކަން ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ ލަވައެކެވެ. އަދި އެއް ބަޔަކު ބުނާ ގޮތުން ނިކަން ފަސޭހައިން އެ ލަވައަކަށް ދެވިހިފައިގެންދާ ލަވައެކެވެ.

ނަމަވެސް އަޅުގަނޑުމެންގެ ކްރިޓިކް އަދި ތަޖުރިބާކާރު މިއުޒީޝަން ޝަހީދުގެ ހިޔާލުގައި މި ލަވަ އަށް ވުރެ "މާ ބޮޑަށް ދެވިހިފާނެ" ލަވަތަކުގެ ވާހަކަ އަދި ކުރިއަށް އޮތީ އެވެ.

"މިއީ ދެން ހުއްޓާނުލައި ދިހަ ބާރަ ފަހަރު ޖަހާލެވޭ ފެންވަރުގެ ލަވައެއް ނޫން އަޅުގަނޑުގެ ހިޔާލުގައި. މި ލަވަ އަޅުގަނޑަށް ސިފަވެގެން އަންނަނީ ލޫޕެއްގައި ބެދިފައި އިން ލަވައެއްގެ ގޮތުގައި. މިއުޒިކަށް ބަލާއިރު ވެސް މާ ބޮޑު އަދި މާ މޮޅު ކަންތައްތަކެއް ނުހިނގާ މީގައެއް،" ލަވައާ ބެހޭ ގޮތުން އެންމެ ފުރަތަމަ ޝަހީދު ބުނީ މިހެންނެވެ.

ނަމަވެސް މިއީ ކޮންމެވެސް އެއް ބަޔަކަށް ރީތިވެ އެ ބަޔަކު ދެވިހިފާފާނެ ކަހަލަ ލަވައެއް ކަމަށް އޭނާ ފަހުން އެއްބަސްވި އެވެ.

"ބިޓެއް ކަޓައިގެން އުޅޭ މީހަކަށް، ހާއްސަކޮށް ޒުވާން ކުއްޖަކަށް މި ލަވަ ނިކަން ކަމުގޮސް އެއަށް ދެވިހިފާފާނެ. މި ލަވައިގައި މިހުރީ އެފަދަ ހިތާމައެއް ބަންޑުންކޮށްލާ ކަހަލަ އިހްސާސެއް"

"ލަވައިގައި އެ ކިޔައި ދެނީ ބޭވަފާތެރިއެއްގެ ވާހަކަ. ތިބޭނެ ލޯބީގައި ނިކަން ކެހި އާއި ދެރަ ލިބިފައި ތިބި ޒުވާން ކުދިން. އެފަދަ ކުދިން މި ލަވަ އަށް މޮޔަނުވާނެއެކޭ ބުނާކަށް ނުކެރޭނެ."

ޝަހީދު ބުނީ މިހެންނެވެ. ޔަގީނަށް ވެސް މިއީ މިއުޒިކްގެ މާ ބޮޑު ކުޅަދާނަ ކަމެއް އޭގައި ނެތަސް ނިކަން އާދައިގެ އެކަމަކު އެ ލަވައަކުން ފަސޭހަކަމާ އެކު ބައެއްގެ ހިތުގައި ކުޅެލެވޭ ފެންވަރުގެ ލަވައެކެވެ.

ދެން މިއޮތީ ދެ ވަނަ ހޮވުމެވެ. އެކަމަކު އަޅުގަނޑުމެން މި ލިސްޓަކީ ވަކި ތަރުތީބަކުން ކުރިއަށް ގެންދާ ލިސްޓެއް ނޫންކަން ފާހަގަކޮށްލާނަމެވެ.

ކުރިއަށް މި އޮތީ ޒުވާން ދެ އާޓިސްޓުން ކަމުގައިވާ ސޮއްޕެ އާއި މާއިންގެ ލަވަ އެކެވެ. މާއިން އަކީ ގިނަ ބައެއްގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ ޕޮޕް ލަވަކިޔުންތެރިއެކެވެ. ސޮއްޕެ އަކީ ތަރިއެއް ހެން އަރަމުން އަންނަ ހިޕް-ހޮޕް ފަންނާނެކެވެ.

ދެ މީހުންގެ މި ލަވައިގެ ނަމަކީ "ބުނެލާ ލޯބިވޭ" އެވެ.

ދެން ޝަހީދު ބުނާ އެއްޗަކަށް އެނބުރިގަންނަމާ ހިނގާށެވެ. އޭނާ ބުނަނީ ކުރިން އެ އައި ލަވަ އަށް ވުރެ ބޮޑަށް ދެވިހިފާނެ ލަވަ އަކީ މިއީ ކަމަށެވެ.

"ފޫހިކަމެއް ނެތި ފުލުފުލުން އަޑުއަހާލެވޭ ފެންވަރުގެ ލަވައެއް މިއީ. މި ލަވައިގެ މިއުޒިކްގެ އިތުރުން ވަކިން ހާއްސަކޮށް މި ލަވައިގައި މާއިންގެ ޕާފޯމެންސް ފާހަގަކޮށްލެވޭ. މިއީ އޭނާ އާންމުކޮށް ޕާފޯމްކުރާ ފެންވަރަށް ވުރެ މަތިން ގޮސްފައި އިން ލަވައެއް،" ޝަހީދުގެ ތައުރީފު މި ލަވަ އަށް ބުރުވައިލި އެވެ.

"މީގެ މެލޮޑީ ވެސް ވަރަށް ސަޅި. މިއީ އޭގެ މިއުޒިކަށް ބަލާއިރު ވެސް ކުރީގެ ލަވަ އަށް ވުރެ އެޑްވާންސް މިއުޒިކެއް. އެކަމަކު އެއްގޮތަކަށް ކުރީގެ ލަވައާ މި ލަވަ އަދި އެހެން ލަވަތައް ވެސް އަޅުވައި ކިޔަނީކީއެއް ނޫން."

އެއީ ތެދެކެވެ. މި ލިސްޓުގައި ހިމަނާފައި ވަނީ މަސްހުނި ރާގުތަކެއް ނުވަތަ ލަވަތަކެކެވެ.

ޝަހީދު ބުނީ އޭނާ އަކީ ހިޕް-ހޮޕްގެ ފޭނަކަށް ނުވިޔަސް ލަވަ އަށް ސޮއްޕެ ރިކޯޑްކޮށްފައިވާ ބައި ވެސް ނިކަން ކަމުދިޔަ ކަމަށެވެ. އެކަމަކު ވެސް ބޮޑަށް އޭނާގެ ތައުރީފު އޮހުނީ ލަވައިގެ މިއުޒިކަށާއި މާއީންގެ ޕާފޯމެންސަށެވެ.

"ރެޕް ލަވަތަކަކީ ވަރަށް ފޫހި ލަވަތަކެއް އަސްލު އަޅުގަނޑަށް. އެކަމަކު ވެސް މިއީ އެކަހަލަ ލަވަތަކަށް ފޫހިވާ މީހުންނަށް ވެސް ކަމުދާނެ ލަވައެއް،" ޝަހީދު ބުންޏެވެ.

"މީގެ ކޯރަސް އިން ކޮންމެ މީހެއްގެ ހިތުގައި ވެސް މި ލަވަ އަޅައިގަންނާނެ"

"ލަވައިގެ ވަކިން ހާއްސަކޮށް ބޭނުންކޮށްފައިވާ ކީބޯޑް ސީކުއެންސްތައް، ލަވައިގެ ބްރޭކް ޑައުންތައް ވަރަށް ރީތި. ފްލޯ ގެންގޮސްފައި ހުރި ގޮތް ވަރަށް ފުރިހަމަ ލަވައެއް މިއީ"

"މާއިންގެ ލަވަކިޔުމާއި މިއުޒިކްގެ ކީ ލަވަ ނިމެން ދާ ވަރަކަށް ހައިކޮށްލި ނަމަ އަދި މާ ސަޅިވާނެ އަދި. މީގައި މިހާރު މިހުރީ އިތުރު ހައި ކޯޑްތަކެއް ނާޅައި އެއް ކޯޑްތަކެއްގައި ގޮސް ލަވަ ނިންމާލާފައި. އޭގެ ބަދަލުގައި އެ ކީ ހައިކޮށް ގެނެސް ބަދަލުކޮށްލި ނަމަ ހީވަނީ މިއަށް ވުރެ ވެސް ފުރިހަމަވާނެހެން."

ދެން މި އޮތީ ތިން ވަނަ ހޮވުމެވެ. އެ ލަވައަކީ މަޝްހޫރު ޑިންބާ މިއުޒިކް ފެމިލީގެ ލަވައެއް ކަމުގައިވާ "ހިތުގާ ނަށާ ރާނީ" އެވެ. މި ލަވަ ކިޔާފައި ވަނީ މަޝްހޫރު ދިވެހި ބޭންޑް ނޮތުނެގަލްގެ ލީޑް ވޯކަލިސްޓް އައްފާނެވެ.

މިއީ މިފަހަރުގެ ހޮވުމުގައި ހިމެނޭ ލަވަތަކުގެ ތެރެއިން އެންމެ ދޮށީ އެއް ލަވަ އެވެ. ޝަހީދު ބުނަނީ ލަވައިގައި ނިކަން ރީތި ހާމޮނީތަކެއް ގެނެސްފައި ހުއްޓަސް ކުރީގެ ދެ ލަވަ އަށް ބަލާއިރު "ދެވިހިފުމުގެ" ލެވެލް މި ލަވައިގައި ދަށްކަމަށެވެ.

ނަމަވެސް މިއީ ވެސް ލޯބިވެރިންގެ މެދުގައި ނިކަން ބޮޑު މަގްބޫލުކަމެއް ހޯދި ލަވައެއްކަން ފާހަގަކޮށްލެވެ އެވެ.

"މި ވައްތަރުގެ ލަވަތަކުގެ ވެސް ތިބޭނެ ފޭނުންތައް. އެ މީހުންނަށް މި ލަވަ ހަމަ ކަމުދާނެ. ހާއްސަކޮށް ގިޓާ ސޯލޯތަކަށް ލޯބިކުރާ މީހުންނަށް ވެސް މި ލަވަ ކަމުދާނެ،" ޝަހީދު ބުންޏެވެ.

"މިފަހަރުގެ ހޮވުމަށް ބަލާއިރު އެޑިކްޝަން ލެވެލް އެންމެ ދަށް ލަވަ މިއީ. ވޯކަލްގެ ހާމޮނީސްތައް ހުރި ގޮތަށް ގިޓާގެ ސޯލޯސްތަކުގެ ހާމޮނީތައް ވެސް އިތުރުކޮށްލާފައި ހުރި ނަމަ މި ލަވަ މި އަށް ވުރެ ފުރިހަމަވާނެ"

"މާ ބޮޑު ލިރިކްސްއެއް ވެސް ނެތް. އެކަމަކު އޭގެ މިއުޒިކާއި ގިޓާ ސޯލޯތަކުން ފޫހިކަން ދުރައްޖައްސައި އެބަ ހިފަހައްޓާ ދޭ. އައްފާނަކީ ވަރަށް މޮޅު ވޯކަލިސްޓެއް. ވަރަށް ތަފާތު އެކި ރޭންޖުތަކުގައި ލަވަކިޔާ ހުނަރުވެރިއެއް. ލަވަ ހިފަހައްޓަނީ ސޯލޯ އާއި އައްފާނުގެ އަޑުންނޭ ބުނެވިދާނެ."

ދެން މި އޮތީ މިފަހުން ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ލަވަކިޔުންތެރިޔާ އަދި މިއުޒީޝަން ފަތޯގެ ލަވައެކެވެ. އޭނާ މާ ކުރިން ރިކޯޑްކޮށް މިފަހުން ނެރުނު ދިވެހި ފިލްމެއް ކަމުގައިވާ "އެންމެ ފަހު ވިންދާ ޖެހެންދެން" ގައި ހިމަނައިގެން އިތުރު މަޝްހޫރުކަމެއް ލިބިފައިވާ ލަވަ "ރޯލީމޭ" އެވެ. 

ފަތޯ އަކީ ކުރިން ޒުވާނުންގެ މެދުގައި ލޯބީގެ ލަވަތަކުން ބޮޑު މަޝްހޫރުކަމެއް ހޯދި ޓްރިއޯ ބޭންޑްގެ ގިޓަރިސްޓެކެވެ. މިހާރު ސޯލޯ އާޓިސްޓެކެވެ.

"މިއީ އޭގެ ފުރަތަމަ ނޯޓުން ވެސް ހިތާ ކުޅެލާ ފެންވަރުގެ ލަވައެއް،" ލަވަ ލިސްޓް ހަވާލުކުރިތާ ހަފުތާއެއްހާ ދުވަސް ފަހުން ބައްދަލުވެ ލަވަތަކަށް ކޮމެންޓްކުރަމުން ގޮސް ފަތޯގެ "ރޯލީމޭ" ޕްލޭކޮށްލުމަށް ފަހު ޝަހީދު ބުނެލީ މިހެންނެވެ.

"ފުރަތަމަ އެ ފަށަނީ ވެސް ވޯކަލް އިންތާ. އެ ފެށުމުން ވެސް ހިތާ ކުޅެލާ،" ދެން ވެސް އޭނާގެ ތައުރީފު ހުއްޓައެއް ނުލި އެވެ.

"ލަވައަކުން މީހެއްގެ ހިތާ ކުޅެލެވެންޏާ، އޭގެ އެންމެ ފުންމިނަށް އެކަން އެބަ ކުރޭ މި ލަވައިގެ މިއުޒިކާއި އޭގެ ވޯކަލިސްޓް. މިއުޒިކާއި އޭގެ ވޯކަލިސްޓް ވެސް ވަރަށް ގުޅޭ."

އެހެންވީމަ މީހަކު ލަވައެއް އަޑުއަހައިގެން އެ ލަވައަކަށް ދެވިހިފާ ކަމުގައި ވަނީ ނަމަ މިއީ އޭގެ ލަވައެކެވެ. ޝަހީދު ވެސް އެއްބަސްވެ އެވެ. އޭނާ ބުނީ މި ލަވަ އަކީ ހިތެއް ވެސް ފަތަހަކުރަން ޖަހަން ރަނގަޅު ލަވައެއް ކަމަށެވެ.

"ބިޓެއް ވެސް ސެޓްކުރެވިދާނެ މި ލަވަ ހަދިޔާކޮށްގެން"

"ލަވައިގެ ރިކޯޑިން ކޮލިޓީ ވެސް ފާހަގަކޮށްލެވޭ. ފަހުގެ އަމިއްލަ ރާގުތަކަށް ބަލާއިރު ވަރަށް ތަފާތު، ވަރަށް ފެންވަރު ރަނގަޅު ލަވައެއް މިއީ."

"ފިލްމަށް ލިބުނު ކާމިޔާބީގައި ލަވައިގެ ހިއްސާ ވަރަށް ބޮޑު ކަމަށް ގަބޫލުކުރެވޭ. ހީވަނީ ލަވަ މާ ކުރިން އަޑުއަހާފަ ފިލްމުގެ ވާހަކަ ލިޔެލާފައި އޮތް ހެން. މި ލަވަ ފިލްމުގައި ހިމެނޭތީ ވެސް ފިލްމު ބަލާހިތްވާނެ މީހުން."

ޝަހީދު ބުނީ މިއީ ޕާފެކްޓް ލަވައަކަށް ވެދާނެ ކަމަށެވެ.

"މިއުޒިކް ބަދަލުވާ އިރު ވެސް ލަވައިގެ ފީލް އެއްވެސް ގޮތަކަށް ނުގެއްލި ނުވެއްޓި އޭގެ ފީލްގައި މީހާ ރޮއްވަމުން ރޮއްވަމުން ކުރިއަށް ދާ ލަވައެއް މިއީ. މީގެ ގޮތުގައި މި ލަވަ މިހާރު އެހުރީ އެންމެ ޕާފެކްޓް ޓިއުނުގައި،" އޭނާ ބުންޏެވެ.

"މި ލަވަ އާންމުންގެ ވޯޓް ނަގާ ޗާޓެއްގައި ހިމެނިޔަސް އެއް ވަނާގައި ޒަމާންގަނޑެއް ވަންދެން އޮންނާނެކަން ޔަގީން."

ދެން މި އޮތީ މި ހަފުތާގެ އެންމެ ފަހު ލަވަ އެވެ. އީމާންސް ކޮންސްޕިރެސީގެ އަލަތު އަލްބަމުގެ ލަވައެއް ކަމުގައިވާ "މޮހޮރު" އެވެ.

މިއީ ވެސް ޒުވާނުންގެ މެދުގައި ނިކަން ބޮޑު މަގްބޫލުކަމެއް ހޯދައި އެތައް ތައުރީފެއް އެއަށް އޮހެމުން ގޮސްފައިވާ ލަވައެކެވެ. އެހެންވީމަ މި ލަވަ ބަޔަކު މީހުން އެއަށް ދެވިހިފާވަރުވޭތޯ ބަލާލަމާ ހިނގާށެވެ.

"މިއީ ވަރަށް ތަފާތު ފީލްއެއްގެ ލަވައެއް. ރޮކް ލަވައަށް ވިޔަސް އޭގެ މިއުޒިކަށް ހާއްސަ ގޮތަކަށް ނޫން އީމާން މި ލަވަ ކިޔާފައި ވަނީ. ލަވައިގެ ވޯކަލް ބައި ވަރަށް ތަފާތުވީމަ އެހާ ފަސޭހައިން އެ އަޅައިގަންނަނީ. ވޯކަލްސްގައި އެބަހުރި ދިވެހި ގޮތްގަނޑެއް ހިމަނާފައި. މިސާލަކަށް ރައިވަރާއި އަންބާގެ ފީލް ގެންނަން މަސައްކަތްކޮށްފައި ހުރިކަން ފާހަގަކޮށްލެވޭ،" ޝަހީދު ބުނީ ލަވަ ތަފާތުކޮށްލާ އެއް ސިފައަކީ އީމާންގެ މި ސްޓައިލް ކަމަށެވެ.

އީމާން އަކީ އެއް އިރެއްގައި ޝަހީދު ގާތަށް ގޮސް ގިޓާ ކުޅެ އުޅުނު ޒުވާނެކެވެ. އެހެންވީމަ އީމާންގެ ހުނަރުވެރިކަމަކީ ޝަހީދަށް އާ ކަމެއް ވެސް ނޫނެވެ.

"ރާއްޖޭގައި މިވަގުތު ތިބި އެންމެ މޮޅު ރޮކް ވޯކަލިސްޓުންގެ ތެރެއިން ފާހަގަކޮށްލެވޭ އާޓިސްޓެއް އީމާނަކީ. އޭނާ ފަށައިގަތްއިރު އަޅުގަނޑު ގާތަށް ވެސް އައިސް މިއުޒިކް ކުޅެ އުޅުނު. އޭރު ވެސް ވަރަށް ފާހަގަކޮށްލެވޭ އީމާންގެ ހުނަރު،" ޝަހީދު ބުންޏެވެ.

"އީމާނަކީ ލިރިކްސް ހަދަން ވަރަށް މޮޅު އާޓިސްޓެއް. އެކަން ލަވައިން ވެސް އެނގޭ. މިއީ އޭގެ ލިރިކްސް ވަރަށް ތަފާތު ރާއްޖޭގެ މިހާރުގެ ހާލަތާ ވަރަށް ގުޅޭ ލަވައެއް. މާހައުލަށް ވަރަށް ބޮޑަށް ވިސްނައިގެން ހަދާފައިވާ ލަވައެއް މިއީ."

"އެކަމަކު ފޫހިކަމެއް ނެތި މާ ގިނަފަހަރު ފުލުފުލުން އަޑުއަހާލެވޭނެހެނެއް ހީއެއް ނުވޭ."