ހަބަރު

މާފުށީ ސިއްހީ ނިޒާމު ރަނގަޅު ކުރުމަށް ގޮވާލާ މުޒާހަރާ ކޮށްފި

ކ. މާފުށީގެ ސިއްހީ ހާލަތާ ގުޅިގެން އެ ރަށުގައި މިއަދު މުޒާހަރާ ކޮށްފި އެވެ.

މާފުށިން ވާހަކަ ދެއްކި މީހެއް ބުނި ގޮތުގައި އެރަށުގައި ކުރި މުޒާހަރާ އަކީ ސުލްހަވެރިކަމާއެކު އަޑު އުފުލުމަށް ކުރި މުޒާހަރާއެއް ކަމަށެވެ. އަދި މި މުޒާހަރާގައި ރަށުގެ ސިއްހީ މަރުކަޒުން ދޭ ހިދުމަތްތަކުގެ ފެންވަރު ދަށް ކަމަށާއި ލެބޯޓްރީ އާއި އާއްމު ވޯޑު ފަދަ ތަންތަނުގެ ހިދުމަތްތައް ރަނގަޅު ކުރަންޖެހޭ ކަމަށް ގޮވާލާފައިވެ އެވެ.

މާފުށީގައި އިއްޔެ ވަނީ މޫދަށް އެރެން ގޮސް އުޅުނު ހަތަރު އަހަރުގެ ކުޑަ ކުއްޖަކު ގެނބިގެން މަރުވެފަ އެވެ. ކުޑަކުއްޖާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ވަނީ މަރުވެފައިވާ ކަމަށް ކައުންސިލުން މައުލޫމާތު ދިނެވެ. މިހާދިސާގެ އިތުރުން، މިދިޔަ އަހަރުވެސް އެ ރަށުގައި ވަނީ އެއްމާބަނޑު ދެކުދިންނަށް ބަލިވެއިންދާ ޒުވާން އަންހެން ކުއްޖެއް މަރުުވެފަ އެވެ. ތިން މަައިންގެ މަރަށްފަހު މާފުށީ ސިއްހީ މަރުކަޒަށް އަންހެން ކުއްޖާގެ އާއިލާއިން ތުހުމަތުތަކެއް ކުރި އެވެ.

"ސިއްހީ ކަންކަން ހައްލު ކުރެވޭނީ ކިތައް ފުރާނަ ދިއުމުންތޯ،" މިއަދުގެ މުޒާހަރާގައި ބައިވެރިވި ފަރާތެއްގެ ބޯޑުގައި ލިޔެފައިވެ އެވެ.

ގެސްޓް ހައުސްގެ ވިޔަފާރި ކުރާ މާފުއްޓަކީ، ދައުލަތަށް އެންމެ ގިނައިން ޓެކްސް ދައްކާ އެއް ރަށެވެ. މިރަށުގެ ގެސްޓް ހައުސްތަކުގައިި ފަތުރުވެރިން އަބަދުވެސް ފުރާ ތިބެ އެވެ. އަދި ރަށުގައިވެސް ބޮޑު އާބާދީއެއް އޮންނައިރު އެރަށުގެ ސިއްހީ ނިޒާމު ރަނގަޅު ކުރުމަށް ރަށު ރައްޔިތުން މީގެ ކުރިންވެސް ވަނީ ގޮވާލާފަ އެވެ.