ސަރުކާރުން އިސްނަގައިގެން، ޓްރީ ޓޮޕް ހޮސްޕިޓަލާއި، އައިޖީއެމްއެޗް އަދި އާސަންދަ ކޮމްޕެނީ ލިމިޓެޑް ގުޅިގެން މިދިޔަ ޖޫން މަހު ސޮއި ކުރި އެއްބަސްވުމުގެ ދަށުން، އެންމެ ފުރަތަމަ ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކާމިޔާބުކަމާއެކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ކޮށްފި އެވެ.
ޓްރީޓޮޕުން ބުނީ، މިއަދު އެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ކަށީގެ ހާއްސަ ޑޮކްޓަރު، ޑރ. ޑޭވިޑް މޮންޓިނެގްރޯ އާއި، ޑރ. ހުސައިން ފައިސަލް އަދި ހޭނައްތާ ޑޮކްޓަރު، ޑރ. އަމްރު ސަފްވަތް ކަަމަށާއި، އެކަމުގައި އަމަލީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ ހުނަރުވެރި ޓެކްނިކަލް ސްޓާފުންނާއި ނަރުހުންގެ ޓީމަކުން ކަމަށެވެ.
އައިޖީއެމްއެޗްއަކީ ދިވެހިންނަށް ހިދުމަތް ދެމުންއަންނަ ސިއްހީ ހިދުމަތުގެ މައިނާރު ކަމުގައި ވާއިރު، ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކުރުމަށް ލިސްޓުކުރެވިފައިވާ މިީހުންގެ އަދަދު ގިނަވުމާއިއެކު، ޓްރީ ޓޮޕް ހޮސްޕިޓަލް، އައިޖީއެމްއެޗް އަދި އާސަންދަ ކޮންޕެނީ ލިމިޓެޑް ގުޅިގެން، އެލިސްޓަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، ތިން ފަރާތުން ވަނީ އެއެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އެ އެއްބަސްވުމުގެ ދަށުން، ކަކުލު ހުޅު ބަދަލު ކުރުމަށް އައިޖީއެމްއެޗްގައި ލިސްޓް ކޮށްފައިވާ މީހުން ޓްރީ ޓޮޕް ހޮސްޕިޓަލަށް ބަދަލުކުރެވި، ސަރުކާރުގެ އިންޝޯރެންސް ސްކީމް އާސަންދައިން ހަރަދުކޮށްދިނުމަށްވަނީ ހަމަޖެހިފައިވާކަމަށްވެސް ޓްރީޓޮޕުން ވަނީ ބުނެފަ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ބައިނަލްއަޤްވާމީ ފެންވަރުގެ ސިއްޙީ ހިދުމަތް ރާއްޖޭގައި ފޯރުކޮށްދިނުމަށް 2018 ވަނަ އަހަރު ގާއިމް ކުރެވުނު ޓަރޝަރީ ހޮސްޕިޓަލަކަށް ވުމާއި އެކު އެ މަޝްރޫއަކީ ސަރުކާރުން އިސްނަގައިގެން ފޯރުކޮށްދޭ ސިއްޙީ ހިދުމަތް އަވަސް ކުރުމަށްޓަކައި އާސަންދައާއި އައި.ޖީ.އެމް.އެޗްގެ ފަރާތުން ޓްރީ ޓޮޕް ހޮސްޕިޓަލާއި އެކު ކޮންޓްރެކްޓް އުސޫލުން ކުރިއަށް ގެންދެވޭ މަޝްރޫއެއްކަމަށްވެސް ޓްރީޓޮޕުން ވަނީ ބުނެފަ އެވެ.