އައިޖީއެމްއެޗް

އައިޖީއެމްއެޗަށް ބާރުބޮޑުވެ ބައެއް ކަށީގެ އޮޕަރޭޝަންތައް ޓްރީޓޮޕަށް

އައިޖީއެމްއެޗުން ކުރަމުންގެންދާ ކަށީގެ އޮޕަރޭޝަންގެ ހިދުމަތް އަވަސް ކުރުމުގެ ގޮތުން ޓްރީޓޮޕް ހޮސްޕިޓަލް އަދި އާސަންދާ އާއިއެކު އެއްބަސްވުމެއްގައި އައިޖީއެމްޗުން ސޮއިކޮށްފި އެވެ.

އައިޖީއެމްއެޗް ގައި މިއަދު ކުރިއަށް ދިޔަ ސޮއިކުރުމުގެ ރަސްމިއްޔާތުގައި، އެ އެއްބަސްވުމުގައި އާސަންދައިގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓާ މަރިޔަމް ޝަފީގާ އެވެ. ޓްރީޓޮޕް ހޮސްޕިޓަލްގެ ފަރާތުން ސޮއިކުރެއްވީ އެ ހޮސްޕިޓަލްގެ ސީއީއޯ ޑޭވިޑް ފެއިންބާގް އެވެ. އަދި އައިޖީއެމްޗުގެ ފަރާތުން އެެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އިބްރާހީމް ސަލީމް އެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ ސީއީއޯ ސަލީމް ވިދާޅުވީ، އެއްބަސްވުމުގެ ބޭނުމަކީ އައިޖީއެމްއެޗްއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ ސަބަބުން، ކަށީގެ އޮޕަރޭޝަންތައް ނުކުރެވި ތިބި ފަރާތްތަކުގެ އޮޕަރޭޝަންތައް ވީހާވެސް އަވަހަށް ކޮށްދިނުން ކަމަށެވެ.

ސަލީމް އިތުރަށް ވިދާޅުވީ، އެއްބަސްވުމުގެ ދަށުން އެންމެ ފުރަތަމަ ކުރަން ހަމަޖެހިފައިވަނީ ކަކުލު ހުޅުގެ އޮޕަރޭޝަންތައް ކަމަށެވެ. އެއީ އައިޖީއެމްއެޗުގެ ވެއިޓިންގް ލިސްޓުގައި ގިނައިން ތިބީ ކަކުލު ހުޅުގެ އޮޕަރޭޝަންތައް ކުރަން ޖެހިފައިވާ މީހުން ކަމަށް ވުމުން ކަމަށް ސަލީމް ވިދާޅުވި އެވެ.

އެއްބަސްވުމުގައި ވާގޮތުން އައިޖީއެމްއެޗުގައި ކަކުލު ހުޅުގެ އޮޕަރޭޝަންތައް ކުރުމަށް ވެއިޓިންގް ލިސްޓުގައި ތިބި ފަރާތްތަަކުގެ ތެރެއިން ބައެއް ފަރާތްތައް އޮޕަރޭޝަން ކުރުމަށް ޓްރީޓޮޕް ހޮސްޕިޓަލަށް ފޮނުވާނެ އެވެ. އެގޮތަށް ޓްރީޓޮޕް ހޮސްޕިޓަލަށް ފޮނުވާ ފަރާތްތަކުގެ ބޭސްފަރުވާގެ ހުރިހާ ހަރަދެއް ހަމަޖައްސާނީ އާސަދައިންނެވެ.

އާސަންދައިގެ މެނޭޖިން ޑިރެކްޓާ މަރިޔަމް ޝަފީގާ އެެއްބަސްވުމާއި ބެހޭގޮތުން މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކަކަލު ހުޅުތަކުގެ އޮޕަރޭޝަންތަކަށް އާސަންދައިން ކަނޑައަޅައިފައިވަނީ 65،000 ރުފިޔާގެ ޕެކޭޖެއް ކަމަށެވެ. އެހެންކަމުން، އެ ޕެކޭޖުގައިވާ ހިދުމަތްތައް ފިޔަވާ އެހެން އެއްވެސް ހިދުމަތެއް އާސަންދައިން ކަވަރުކޮށް ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.