އާސަންދަ

ނަފްސާނީ ބަލީގައި 81،000 މީހުން ފަރުވާ ހޯދައިފި

Jun 8, 2022
2

ގައުމީ ހެލްތު އިންޝުއަރެންސް ސްކީމް -- އާސަންދައިގެ ދަށުން ނަފްސާނީ ބަލިތަކަށް ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެއްސި ފަހުން ފާއިތުވި ދެ އަހަރުގެ ތެރޭގައި އާސަންދަ ސްކީމުގެ ތެރެއިން 81،864 މީހުންނަށް ފަރުވާ ދީފި އެވެ.

ނަފްސާނީ ބަލިތަކަށް ހާއްސަ ކްލިނިކެއް ހުޅުވައި، އާސަންދައިގެ ދަށުން ނަފްސާނީ ބަލިތަކަށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. ރައީސްގެ ވައުދާ އެއްގޮތަށް ސަރުކާރުގެ މައި ހޮސްޕިޓަލް -- އައިޖީއެމްއެޗްގައި "ސެންޓާ ފޯ މެންޓަލް ހެލްތް"ގެ ނަމުގައި މެންޓަލް ހެލްތް ކްލިނިކެއް ހުޅުވާ އާސަންދަ ލިބޭނެ އިންތިޒާމު ހަމަޖެއްސީ މާޗް 1، 2019 ގައެވެ.

އޭގެފަހުން ފެބްރުއަރީ 1، 2020 ގައި ވަނީ އަމިއްލަ ކްލިނިކްތަކާއި ހޮސްޕިޓަލް ތަކުން ފޯރުކޮށްދޭ ނަފްސާނީ ބަލީގެ ބައެއް ފަރުވާތަކަށްވެސް އާސަންދަ ސްކީމްގެ ތެރެއިން ފަރުވާ ހޯދޭނެ އިންތިޒާމު ހަމަޖައްސާފަ އެވެ. އެގޮތުން ސައިކޮލޮޖިސްޓް ކޮންސަލްޓޭޝަން، ސައިކޮލޮޖިކަލް އެސެސްމެންޓް އަދި ސައިކޮލޮޖިކަލް ތެރަޕީ އާސަންދަ ސްކީމުން ކަވަރުކުރެ އެވެ.

ސްކީމްގެ ދަށުން މި ހިދުމަތްތަކަށް ކަނޑައަޅާފައިވަނީ ކޮންމެ މީހަކަށްވެސް އަހަރަކަށް ޖުމުލަ 5،000 ރުފިޔާ އެވެ. އެހެންނަމަވެސް، އެންސްޕާގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައި ތިބޭ ފަރާތްތަކަށް ކުރިންވެސް އޮންނަ އުސޫލުން ހިލޭ ފަރުވާ ހޯދޭނެ އިންތިޒާމުވެސް ހަމަޖައްސާފައިވެ އެވެ.

އާސަންދަ ކުންފުނިން އަވަސްއާ ހިއްސާކުރި މައުލޫމާތަށް ބަލާއިރު އާސަންދަ ސްކީމުގެ ތެރެއިން މިދިޔަ ދެ އަހަރުގެ ތެރޭގައި ޖުމްލަ 81،864 މީހުން ނަފްސާނީ ބަލީގައި ފަރުވާ ހޯދާފައިވެ އެވެ. އެއީ 2020 ވަނަ އަހަރު ފަރުވާ ހޯދި 43،988 މީހުންނާއި، މިދިޔަ އަހަރު ފަރުވާ ހޯދި 37،876 މީހުންނެވެ. ދެހާސްވިހިވަނަ އަހަރު ފަރުވާ ހޯދި މީހުންގެ ފަރުވާއަށް 14.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު މިދިޔަ އަހަރު ފަރުވާ ހޯދި މީހުންނަށް 11.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ނަފްސާނީ ބަލީގައި ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާއިރު ރާއްޖޭގައި ގިނަ ބަޔަކު ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންދާ ސަބަބުތަކާ ގުޅޭ ގޮތުން އެކަށީގެންވާ ދިރާސާއެއް ކުރެވިފައި ނެތް ކަމަށް ކަމާ ގުޅޭ އިދާރާތަކުން މީގެކުރިން ބުނެފައިވެ އެވެ.