ހަބަރު

ތިން ހޮސްޕިޓަލަކުން ކަކުލު ހުޅުގެ އޮޕަރޭޝަން ކުރެވޭ ގޮތް އާސަންދައިން ހަދައިފި

އާސަންދަ ކަވަރު ކުރާ ގޮތަށް ކަކުލު ހުޅު ބަދަލު ކުރުމުގެ ޕްރޮގްރާމް ފަށަން އާސަންދަ ކުންފުނިން ތިން ހޮސްޕިޓަލާއެކު އެއްބަސްވެއްޖެ އެވެ.

އެ ތިން ހޮސްޕިޓަލަކީ އައިޖީއެމްއެޗާއި ޓްރީޓޮޕް ހޮސްޕިޓަލާއި މެޑިކާ ހޮސްޕިޓަލެވެ.

އައިޖީއެމްއެޗްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ ހޮސްޕިޓަލުގެ ފަރާތުން އާސަންދައާއެކު ސޮއި ކުރެއްވީ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް ސަލީމެވެ. އާސަންދައިގެ ފަރާތުން މެނޭޖިން ޑައިރެކްޓަރު މަރިޔަމް ޝަފީގެވެ. ޓްރީ ޓޮޕްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޑޭޭވިޑް ފެއިންބާގެވެ.

ފަހުން މެޑިކާގެ އެއްބަސްވުމުގައި ވެސް ވަނީ ސޮއިކޮށްފައެވެ.

ކަކުލު ހުޅު ބަދަލު ކުރަން އައިޖީއެމްއެޗް މިހާރު ވެސް 170 އަށްވުރެ ގިނަ މީހުން ވެއިޓް ލިސްޓް ކޮށްފައި ވެ އެވެ. އެ ފަރާތްތަކަށް އަވަސް ހިދުމަތް ދިނުމަށް ފަށާ މި ޕްރޮގްރާމްގެ ދަށުން އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ލަފައާއެކު ޓްރީޓޮޕާއި މެޑިކާއިން ކަކުޅު ހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަން ކުރަން ހަރަދު އާސަންދައިން ކަވަރު ކުރާނެ އެވެ. އަދި އޮޕަރޭޝަނާ ގުޅިގެން ދިމާވާ އިތުރު މައްސަލަތަކަށް ކުރަން ޖެހޭ ފަރުވާގެ ހަރަދު ވެސް އާސަންދައިން ދޭނެ އެވެ.

ނަމަވެސް ޕްރައިވެޓް ރޫމްގެ ހަރަދު އާސަންދައިން ކަވަރެއް ނުކުރާނެ އެވެ.