އާސަންދަ

އާސަންދައިގެ ދަށުން އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދޭ ގޮތް ހަމަޖައްސައިފި

ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ ސްކީމްގެ ދަށުން އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދޭ ގޮތް ހަމަޖައްސައިފި އެވެ.

ހިދުމަތް ފެށުމާގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާސަންދަ ކުންފުނީގެ އެމްޑީ އައިމިނަތު ޒީނިޔާ ވިދާޅުވީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށް މިއަދުން ފެށިގެން އާސަންދަ ސްކީމުގެ ދަށުން އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދޭނެ ކަމަށެވެ.

އެކިއެކި އުމުރުފުރާތަކަށް މެޑިކަލް ޗެކަޕް ހެދުމުގެ ހިދުމަތް ތަންފީޒުކުރުމަށް ހަމަޖެހިފައިވާ ތާރީހުތައް

  • 35 އަހަރާއި 49 އަހަރާ ދެމެދު - 1 އެޕްރީލް 2024
  • 19 އަހަރުން ދަށުގެ ކުދިން (ސްކޫލް ސްކްރީނިން ޕްރޮގްރާމް މުރާޖައާކުރުމަށްފަހު ތަންފީޒުކުރަން ފެށުން) 1 އެޕްރީލް 2024
  • 19 އަހަރާއި 34 އަހަރާ ދެމެދު - 1 ޖުލައި 2024

ޒީނިޔާ ވިދާޅުވީ ޗެކަޕް ހެދުމަށް ސަރުކާރުގެ ހިދުމަތްދޭ މަރުކަޒެއްގެ ކައުންޓަރަށް ވަޑައިގަތުމުން ނުވަތަ ގުޅުމުން އެޕޮއިންޓްމަންޓް ހިދުމަތް ހަމަޖެހިގެންދާނެ ކަމަށެވެ.

އެގޮތުން ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި އަތޮޅު އަދި ރީޖިނަލް ހޮސްޕިޓަލްތަކާއި މާލެ ސިޓީގައި ނަމަ އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލަށް ގުޅައި މެޑިކަލް ޗެކަޕް ހެދުމަށް ނަން ނޯޓް ކުރެވޭނެ އެވެ.

ފުރަތަމަ މެޑިކަލް ޗެކަޕް ހެދުމަށްފަހު ހަ މަސް ދުވަސް ފަހުން ދެވަނަ މެޑިކަލް ޗެކަޕް ހެދުމަށް ޑޮކްޓަރު ލަފާ ދެއްވައިފިނަމަ އަހަރުގެ ތެރޭގައި ދެވަނަ ފަހަރު ޗެކަޕް ހެދޭނެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ހަލީމް ވިދާޅުވީ އާސަންދައިގެ ދަށުން އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދުމަށް ހުޅުވާލާއިރު އައިޖީއެމްއެޗްގައި އެޕޮއިންޓްމަންޓަށް ނަން ނޯޓުކޮށް ޗެކަޕް ހެދުމަށް ހަފުތާގެ ދުވަސްތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.

އެ ގޮތުން ހެލްތު ޗެކަޕްއަށް އެޕޮއިންޓްމަންޓް ހަދާނީ ހޮނިހިރު ދުވަހާއި ބުދަ ދުވަހު ކަމަށާއި ހެލްތު ޗެކަޕް ކުރިއަށްދާނީ އާދިއްތަ ދުވަހާއި ބުރާސްފަތި ދުވަހު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޑޮކްޓަރަށް ދެއްކުން ކުރިއަށްދާނީ އަންގާރަ ދުވަހާއި ހޮނިހިރު ދުވަހު ކަމަށް ވިދާޅުވި އެވެ.

"ޑިމާންޑް އަންނަވަރުން ދުވަސްތައް އިތުރުކުރަމުންދާނަން،" ހަލީމް ވިދާޅުވި އެވެ.

ހަލީމް އިތުރަށް ވިދާޅުވީ ހުސްބަނޑާހުރެ ހަދަންޖެހޭ ޗެކަޕްތަކާއި އެ ނޫންވެސް ޗެކަޕްތަކަށް ވާންޖެހޭ ތައްޔާރީތަކުގެ ތަފުސީލު ހޮސްޕިޓަލުން ދޭނެ ކަމަށާއި ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދައްކަންޖެހޭނަމަ އެކަމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.