ސްޕެޝަލިސްޓް ޑޮކްޓަރުން އިތުރުކޮށް ބަލިމީހުންނަށް ހިދުމަތް ނުލިބި މަޑުކުރަންޖެހޭ ވަގުތު ކުޑަކުރުމަށް އިސްލާހީ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އާންމުންގެ ސުވާލުތަކަށް ރައީސް ޑރ. މުއިއްޒު ކޮންމެ ދުވަހަކުވެސް ޖަވާބު ދެއްވަމުން ގެންދަވާ ސިލްސިލާގެ ތެރެއިން މިއަދު ސުވާލުކުރި މީހާ ސުވާލުކުރީ ރާއްޖޭގައި ޑޮކްޓަރަށް ދެއްކުމުގެ ކަންކަން އޮންނަ ގޮތުން ވަރަށް ބޮޑެތި ބުރަ އުފުލަންޖެހޭތީ އެކަމާ ގުޅޭ ގޮތުންނެވެ.
ސުވާލުތަކުގެ ޖަވާބުގައި ރައީސް މުއިއްޒު ވިދާޅުވީ ސިއްހީ ނިޒާމު ވަރުގަދަ ކުރުމަކީ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށެވެ.
އެގޮތުން ރާއްޖޭގައި ތިބި ސްޕެޝިސްޓުންނަށް އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުން ވަޒީފާ ދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އޭގެ އިތުރަށް ބޭރުންވެސް ރާއްޖޭގައި ސްޕެޝަލިސްޓުން ނެތް ދާއިރާތަކަށް ހޯދުމަކީވެސް މިހާރު ފަށާފައިވާ މަސައްކަތެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ސުޕަ ސްޕެޝަލިސްޓް ޑޮކްޓަރުން އިތުރުކުރެވުުން ޑޮކްޓަރަށް ދެއްކުމަށް އިންތިޒާރުކުރަންޖެހޭ ވަގުތު މަދުވެގެންދާނެ ކަމަށެވެ.
މީގެ އިތުރުން އެޕޮއިންޓްމަންޓް ލިބޭ ދުވަސް ދުރާލައި އެނގޭނެ ގޮތަށް ނިޒާމު ބައްޓަން ކުރަމުން ގެންދަވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
"އެޕޮއިންޓްމަންޓް ހަދާއިރުގައި އެޕޮއިންޓްމަންޓް ލިބޭ ދުވަސް ޔަގީންކަމާއެކީގައި ހަމަޖެހިގެންދާ ގޮތަށް އިރާދަކުރެއްވިއްޔާ ނިޒާމު ބައްޓަން ކުރަމުން މި ދަނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
މާލެ ސަރަހައްދުގެ އިތުރުން ޓާޝަރީ ހޮސްޕިޓަލް ހުންނަ ރަށްރަށުގައިވެސް ކަންކަން ރަނގަޅުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.