މަސްވެރިން

ރައީސްގެ ވައުދާ އެއްގޮތަށް މަސްވެރިކަމާ ބެހޭ އާ ބިލެއް

ރާއްޖޭގައި މިހާރު އަމަލު ކުރަމުންދާ މަސްވެރިކަމާބެހޭ ގާނޫނުގެ ބަދަލުގައި މުޅިން އަލަށް ތައްޔާރުކޮށްފައިވާ ބިލެއް އެޓާނީ ޖެނަރަލް އޮފީހުން މިއަދު ރައީސް އޮފީހަށް ފޮނުވައިފި އެވެ.

ރާއްޖޭގައި މިހާރު އަމަލު ކުރަނީ 14 މާއްދާގެ މައްޗަށް 1987 ގައި ގެނައި މަސްވެރިކަމާ ބެހޭ ގާނޫނަކަށެވެ. ފިޝަރީޒް މިނިސްޓްރީ އިން ތައްޔާރުކޮށްފައިވާ އާ ބިލަކީ 80 މާއްދާގެ މައްޗަށް އެކުލެވިގެންވާ އަދި މަސްވެރިކަމާބެހޭ ގޮތުން ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ގިނަ ވައުދުތަކެއް ހިމަނައިގެން އެކުލަވާލާފައިވާ ބިލެކެވެ.

މަސްވެރިކަަމާ ބެހޭ އާ ބިލާ ބެހޭ ގޮތުން އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ބިލު ހުށަހެޅީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިވާ މަސްވެރިކަމުގެ ދިރުންތަކާއި އެތަކެތީގެ މާހައުލު މުސްތަގުބަލުގެ ޖީލުތަކަށް ފޮނުވައި ދިނުމަށްޓަކައި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމާ ގުޅޭ އުސޫލެއް ކަނޑައަޅަން ކަމަށެވެ.

އަދި ރާއްޖެ ސަރަހައްދުގައި ހުރިހާ ފަރާތްތަކުން ކުރުާ މަސްވެރިކަމާއި، ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓު ކުރުމެއް ނެތި ކުރާ މަސްވެރިކަން ހުއްޓުވުމަށާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގައި ދިވެހިން ކުރާ މަސްވެރިކަން ކޮންޓްރޯލު ކުރުމުގެ ބޭނުމުގައި ހުށަހެޅި ބިލެއް ކަމަށް ވެސް އޭޖީ އޮފީހުން ބުންޏެވެ.

އެގޮތުން ރައީސް ސޯލިހުގެ ވައުދުތަކު ތެރޭގައި ހިމެނޭ ބާނާ މަސް ސީދާ ބޭރު ގައުމުތަކަށް ވިއްކަން ބިލުގައި ހިމަނާފައިވެ އެވެ. އަދި އެކަމާ ބެހޭ އިޖުރާއަތްތައް ގަވައިދަކުން ބަޔާން ކުރަން ވާނެ ކަމަށް ވެސް ބިލުގައިވެ އެވެ. ބޭރު ގައުމުތަކަށް ސީދާ ވިއްކޭނީ ދިވެހި ސަރުކާރާ ދެމެދު ކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ގައުމުތަކަށް ކަމަށް ވެސް އެ ބިލުގައިވެ އެވެ.

އާ ބިލުން މަނާވާނެ ބައެއް ކަންކަން

  • ބޮޑު ދަލުގެ މަސްވެރިކަން
  • އޮޔާދާ ދަލުގެ މަސްވެރިކަން
  • ދަމާ ދަލުގެ މަސްވެރިކަން
  • އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމާއި އެންވެރިކަން ފިޔަވައި ދާ ބޭނުންކޮށްގެން މަސްވެރިކަން ކުރުން
  • ދޫކުރާ ދަގަނޑު ބޭނުންކޮށްގެން މަސްވެރިކަން ކުރުން
  • ގޮވާއެއްޗެހި ނުވަތަ ވިހައެއް އަދި އެފަދަ އެއްވެސް ކެމިކަލެއް ބޭނުންކުރުން
  • ރޮދުލުން

އޭގެ އިތުރުން ދިވެހި އުޅަނދުފަހަރުތަކުން ބޭރުގެ މަސްވެރި އުޅަނދުތަކަށް މިނިސްޓްރީ އިން ދޫކުރާ ހުއްދައެއް ލިބިގެން މަސްވިއްކޭނެ އުސޫލާއި، ދިވެހި އުޅަނދުފަހަރުތަކުން މަސް ގަންނަން އަންނަ ބޭރު އުޅަނދުފަހަރުތަކުން ވެސް ހުއްދަ ނެގަން ޖެހޭ އުސޫލު ބިލުގައިވާނެ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

މަސްވެރިކަމުގައި ބޭނުން ކުރާ އާލާތްތަކާއި، ހިފާ ބާވަތްތަކާއި މަސްވެރިކަން ކުރާ ބޭނުމާއި، މަސްވެރިކަމުގެ ބާވަތް ކަނޑައަޅައި ގެޒެޓުގައި އިއުލާން ކުރަން ޖެހޭ ގޮތަށް ބިލުގައި ހިމަނާފައިވާ ކަމަށް އޭޖީ އޮފީހުން ބުންޏެވެ. އަދި ރާއްޖޭގެ ސަރަހައްދުގައި ކުރުން މަނާ ބާވަތްތަކުގެ މަސްވެރިކަމަކީ ކޮބާކަން ވަރަށް ސާފުކޮށް ބިލުގައި ބަޔާންކޮށްފައިވާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.