ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ބޮޑުކަންނެލިވެރިންގެ މައްސަލަތަކަށް ހައްލު ހޯދައިދޭނަން: ރައީސް

ބޮޑު ކަންނެލިވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ބޮޑު ކަންނެލި ބާނާ މަސްވެރިން، މަސްވެރިންގެ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ ހަރަކާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ނެވެ.

އެ މުޒާހަރާގެ ބައިވެރިން ވަނީ މައިގަނޑު ހަތަރު ކަމެއް ކޮށްދެއްވުމަށް އެދި ރައީސްއަށް ހުށަހަޅުއްވާފަ އެވެ. އެއީ މިފްކޯގައި ބޮޑު ކަންނެލި ކިރޭނެ ގޮތް ހަމަޖައްސައިދިނުމާއި، އިތުރު ގައުމުތަކުގައި މާކެޓްގައި މަސް ވިއްކޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށެވެ.

އަދި މަސްވެރިން ބާނާ މަސް ތާޒާ ކަންމަތީގައި ކޮލެޓީ ހިފެހެއްޓުމަށް ބޭނުންވާ އައިސް ލިބޭނެ އިތުރު 18 ޕްލާންޓް ގާއިމް ކޮށްދިނުމުގެ އިތުރުން މާލެ ސަރަހައްދުގައި މަސް ދޯނިތައް ބަދަރު ކުރެވޭނެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައި ދިނުމަށް ވެސް ރައީސްގެ އަރިހުން އެމީހުން އެދުނެވެ.

ރައީސް ސޯލިހް ވިދާޅުވީ އެ ހަތަރު ކަންތައް ކޮށްދެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މަސްވެރިންނަށް މިހާރު ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދެއްވާނެ ކަމަށެވެ.

މަސްވެރިންގެ ކަންބޮޑުވުންތައް ފާހަގަކޮށް މިދިޔަ އަހަރު ވެސް އިހުތިޖާޖުތަކަށް ނުކުތެވެ. ނަމަވެސް އެއްވެސް މައްސަލައަކަށް ހައްލު ނުލިބޭތީ މިއަހަރު ވެސް ހަރަކާތަށް މަސްވެރިން މިވަނީ ނުކުމެފަ އެވެ.

މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބާނާ މަހަށް ހަމަ އަގު ނުލިބުމެވެ.