މިފްކޯ

ތަސްމީނުގެ ފުނައްޑޫ ސަރުކާރަށް ގަނެ މިފްކޯއަށް

މަސް ގަނެ އެކްސްޕޯޓް ކުރަން ކުރީގެ ހޯމް މިނިސްޓަރު އަހުމަދު ތަސްމީން އަލީ 2004 ވަނަ އަހަރު ތަރައްގީކުރި ތ. ފުނައްޑޫގެ ކާރުހާނާ ސަރުކާރަށް ގެނެ މިފްކޯގެ ދަށަށް ބަދަލު ކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ލިޔުމުން ޖަވާބެއް ހޯއްދަވަން އެދި ވަޑައިގެން ކުރެއްވި ސުވާލަކަށް ލިޔުމުން ދެެއްވި ޖަވާބެއް މެދުވެރިކޮށެވެ. ފިޝަރީޒް މިނިސްޓަރު ދެއްވި ޖަވާބު ރައްތިތުންގެ މަޖިލީހުގެ ޖަލްސާގައި އަމީން އާންމު ވަނީ މިއަދު އިއްވަވާފަ އެވެ.

ހުސެއިން ވިދާޅުވީ ފުނައްޑޫގެ ކާރުހާނާގެ މަސައްކަތް ހުއްޓިފައިވާތީ އެތަނުން މަސްގަތުމުގެ މަސައްކަތް މިފްކޯ މެދުވެރިކޮށް އަލުން ފެށޭނެ ގޮތަށް ހަދައިދިނުމަށް ތިމަރަފުށީގެ މަސްވެރިންނާއި ވިޔަފާރިވެރިން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވާފައިވާ ކަމަށެވެ. އަދި އޭގެ ފަހުން މިފްކޯއަށް ފުނައްޑޫ ހިންގިދާނެތޯ ބަލަން ފީސިބިލިޓީ ސްޓަޑީއެއް ހަދައި އިކޮނޮމިކް ކައުންސިލަށް ހުށަހަޅަން ރައީސް އޮފީހުން އެންގި ކަމަށެވެ.

އަދި ވިދާޅުވީ އެ ފީސިބިލިޓީ ސްޓަޑީއަށް ފަހު މިނިސްޓްރީން ނިންމާފައި ވަނީ ފުނައްޑޫ ކާރުހާނާ ސަރުކާރަށް ގަތުމަށެވެ. މިމަހުގެ ހަވަނަ ދުވަހު އެ މުއާމަލާތްކޮށް ފުނައްޑޫއާއި އެރަށުގެ އެންމެހާ މުދާތަށް މިފްކޯގެ ދަށަށް ބަދަލުކޮށްފައިވާ ކަަމަށް ވެސް ވިދާޅުވި އެވެ.

ފުނައްޑޫ ގަނެ މިފްކޯގެ ދަށަށް ބަދަލުކުރި އިރު އެ ރަށް އޮތީ ބޭންކް އޮފް މޯލްޑިވްސްއިން ވިއްކާލަން އެތައް ފަހަރަކު އިއުލާނު ވެސް ކޮށްފަ އެވެ.

ފުނައްޑޫ ތަރައްގީކޮށް އެރަށުގައި މަސްގަނެ އެކްސްޕޯޓް ކުރަން ފެށީ 2004 ވަނަ އަހަރު އޮތް ރައީސް މައުމޫން ސަރުކާރުގެ ހޯމް މިނިސްޓަރަކަށް ތަސްމީނު ހުންނެވި އިރު އޭނާގެ ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްއިންނެވެ. މަސްގަތުމުގެ އޮޕަރޭޝަން 2008 ވަނަ އަހަރު ހުއްޓާލުމުން އެރަށް ވިއްކާލަން ބޭންކުން އިއުލާން ކުރަން ފެށީ އެރަށް ހަދަން ނެގި ލޯން ނުދެއްކުމުންނެވެ.