މިފްކޯ

މަސްވެރިން ތަމްސީލްކުރަން މިފްކޯ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި

މިފްކޯގެ ޑިރެކްޓަރުންގެ ބޯޑުގައި މަސްވެރިން ތަމްސީލް ކުރާނެ މީހަކު ކަނޑައެޅުމަށް ކުރިމަތިލުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފި އެވެ.

މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމުގެ ބޭނުމުގައި މަސްވެރިން ތަމްސީލުކުރާނެ މީހަކު މިފްކޯ ބޯޑަށް ކަނޑައެޅުމަކީ މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މަސްވެރިން ތަމްސީލްކުރަން ކުރިމަތިލާ މީހުންގެ ޝަރުތުތައް

  • ދިވެހި ރައްޔިތަކު ކަމުގައިވުން
  • މަސްވެރިކަމުގައި މިހާރުވެސް ހަރަކާތްތެރިވާ މީހަކަށްވުން
  • އުމުރުން 18 އަހަރު ވެފައިވުން
  • ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުން ނުދިއުން
  • ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އަދަބު މައާފްކުރެވުނުތާ ފަސް އަހަރުވުން

މިފްކޯގެ ބޯޑް މެންބަރަކަށް ކުރިމަތިލުމަށް އެދޭ ފޯމާ އެކު މަސްވެރިކަން ކުރަމުންދާ މީހެއް ބަޔާންކުރާ ރަށު ނުވަތަ ސިޓީ ކައުންސިލްގެ ލިޔުމަކާއި
އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަންޖެހެ އެވެ.

ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ކުރިއަށް އޮތް ޖެނުއަރީ 11 ވަނަ ދުވަހުގެ މެންދުރުފަހު 1:30ގެ ނިޔަލަށެވެ.

އެސްޓީއޯގެ ދަށުން މިފްކޯ ހިންގަމުން ދަނިކޮށް ކުރިންވެސް މިފްކޯ އޮތް ގޮތަށް ސަރުކާރުގެ 100 ޕަސަންޓް ހިއްސާވާ ކުންފުންޏެއްގެ ގޮތަށް މިމަހުން ފެށިގެން މިފްކޯ ވަނީ ހިންގަން ފަށާފަ އެވެ.