ފެނަކަ ކޯޕްރޭޝަން

މިިފްކޯގެ އައިސް ޕްލާންޓްތައް ފެނަކައާއި ހަވާލުކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޑެޓް (މިފްކޯ)ގެ ދަށުން ހިންގަމުން ގެންދިޔަ އައިސް ޕްލާންޓްތައް ފެނަކަ ކޯޕަރޭޝަން ލިމިޑެޓާ މިއަދު ރަސްމީކޮށް ހަވާލުކޮށްފި އެވެ.

ފެނަކަ ކޯޕަރޭޝަންގެ ހެޑް އޮފީހުގައި މިއަދު އޮތް ރަސްމީއްޔާތެއްގައި ކަމާ ގުޅޭ އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީ އެވެ. ފެނަކަ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު އެވެ.

މިފްކޯއިން ބަލަހައްޓަމުން ދިޔަ 13 އައިސްޕްލާންޓާއި، އެ ތަންތަނާ ގުޅޭ އެންމެހާ ތަކެއްޗާއި، މުވައްޒަފުން ވެސް ފެނަކައިގެ ދަށަށް ބަދަލުކޮށްފައިވެ އެވެ.

މިރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ މިބަދަލު ގެނެވުނު ސަބަބަކީ، އައިސް އުފެއްދުމަށްޓަކައި ބޭނުންވާ ދެ ބާވަތަކީ ކަރަންޓާއި ފެން ކަމުގައިވެފައި އެންމެ އަގުހެޔޮކޮށް ކަރަންޓު އުފައްދާ ފޯރުކޮށްދެވޭނީ ފެނަކައަށް ކަމުގައިވާތީ ކަމަށެވެ.


"ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ފެނަކައިގެ އިންޖިނިއަރުން ތިބޭތީ، އައިސް ޕްލާންޓަކަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ބަލާނެ މީހުންވެސް އެތަންތަނުގައި ތިބޭވެނެ. މިވެސް މިބަދަލު ގެނައި ސަބަބެއް،" ޑރ. ހުސައިން ވިދާޅުވި އެވެ.

ފެނަކަ އިން ހަވާލުވި 13 އައިސްޕްލާންޓް

  • ހއ. އިހަވަންދޫ
  • ނ. ޅޮހި
  • ރ. އަލިފުށި
  • ބ. ތުޅާދޫ
  • ފ. ނިލަންދޫ
  • ތ. ހިރިލަންދޫ
  • ގއ. ދާންދޫ
  • ގއ. ދެއްވަދޫ
  • ގއ. ގެމަނަފުށި
  • ގއ. ކޮލަމާފުށި
  • ގދ. ފިޔޯރީ
  • ގދ. ފަރެސްމާތޮޑާ
  • ސ. ހިތަދޫ

މިރަސްމިއްޔާތުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު ވިދާޅުވީ މަސްވެރިން ބޭނުންވާ މިންވަރަށް އަދި ހިދުމަތް މެދުނުކެނޑި ހިދުމަތް ދޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ މިބަދަލު ގެނައުމުން އެންމެ ބޮޑު ފައިދާއެއް ކުރާނީ ސީދާ މަސްވެރިންނަށް ކަމަށެވެ. އަދި މިބަދަލާ ގުޅިގެން ސީދާ މަސްވެރިކަމަށް ކުންފުނީގެ އަމާޒު ހިފަން ފަސޭހަ ވެގެންދާނެ ކަމުގައިވެސް ފައުޒީ ވިދާޅުވެފައިވެ އެވެ.