މަސްވެރިން

މަސް ދޯނިތަކަށް ކްރެޑިޓަށް ތެލާއި އައިސް ދޫކުރަން ފަށައިފި

މަސްވެރި އުޅަނދުތަކަށް ކްރެޑިޓަށް ތެލާއި އައިސް ދޫކުރަން ފަށައިފި އެވެ.

މަސްދޯނިތަކަށް ކްރެޑިޓަށް ތެޔޮ ދޫކުރަނީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)އިންނެވެ. ކްރެޑިޓަށް އައިސް ދޫކުރަނީ ފެނަކަ ކޯޕަރޭޝަނުންނެވެ.

މަސް ދޯންޏަކަށް 10 ޓަނުގެ އައިސް ހަތް ދުވަހަށް ކްރެޑިޓަށް ދޭން ވަނީ ނިންމާފަ އެވެ.

އެފްއެސްއެމްއިން ވަނީ ކްރެޑިޓަށް ތެޔޮ ދޫކުރުމުގެ ސްކީމްގައި ރަޖިސްޓްރީވުމުގެ ފުރުސަތު މަސް ދޯނިތަކަށް ހުޅުވާލާފަ އެވެ.

މި ކްރެޑިޓް ފެސިލިޓީގެ އެއްބަސްވުމަކީ އެފްއެސްއެމް އާއި މިފްކޯ އަދި އޮޑިވެރިޔާއާ ދެމެދުު ވެވޭ އެއްބަސްވުމެކެވެ. އެފްއެސްއެމް އިން ކްރެޑިޓް ސްކީމަށް އެޕްލިކޭޝަން ހުޅުވާފައިވަނީ އެ ކުންފުނީގެ ވެބްސައިޓުން ލިބޭ ފޯމެއް މެދުވެރިކޮށެވެ. އެ ފޯމު މިފްކޯ ކޫއްޑޫ އަދި ހުޅުމީދޫ ސައިޓުން ލިބެން ހުންނާނެ ކަމަށް އެފްއެސްއެމް އިން ވަނީ ބުނެފަ އެވެ.

ފަސޭހަކަމާއެކު ބަދަލުތައް ގެނައުމަށް ހުރިހާ މަސްވެރިންވެސް މަހެއްހާ ދުވަހުގެ ތެރޭގައި ކްރެޑިޓް ފެސިލިޓީއަށް ރަޖިސްޓްރީވުމަށް އެފްއެސްއެމް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ތެލަށް ދައްކަންޖެހޭ ފައިސާ ކުރިއަށް އޮތްތަނުގައި މަސް ބިލުން ނުކެނޑޭނެ ކަމަށާއި ކްރެޑިޓް ފެސިލިޓީ ހަމަނުޖެހޭނަމަ ތެޔޮ ގަތުމުގައި މަސްވެރިންނަށް އުނދަގޫތަކެއް ކުރިމަތިވެދާނެ ކަމަށް އެފްއެސްއެމް އިން ވަނީ ބުނެފަ އެވެ.

އެފްއެސްއެމް އިން ބުނި ގޮތުގައި ޑީސަލްގެ އަގުތައް "ފަހި ހަކަތަ" އެޕްލިކޭޝަންގައި ޝާއިއުކޮށްފައިވާ ގޮތަށް ސަބްސިޑައިޒްޑް ރޭޓެއްގައި ލިބޭނެ އެވެ. "ފަހި ހަކަތަ" ޕްރޮގްރާމްގައި ބައިވެރިނުވާ މަސްވެރިކަމަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށް މަސްވެރިންނަށް ހާއްސަ ސްޓޭންޑާޑް ރޭޓެއްގައި ޑީސަލް ލިބޭނެ އެވެ.

މަސްވެރިންނަށް ވަރަށް އަވަހަށް ކްރެޑިޓަށް ތެލާއި އައިސް ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ މިދިޔަ ޑިސެމްބަރު ގއ. ދާންދޫގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަސްވެރިންނަށް ތެޔޮ ގަންނަން ލިބޭ އަގު ބޮޑުވުމާއި ބޭނުންވާ ވަރަށް އައިސް ނުލިބުމަކީ މަސްވެރިން އަބަދުވެސް ކުރާ ޝަކުވާ އެކެވެ. އަދި މަސްވެރިން ބާނާ މަސް ހަމަ އަގުގައި މިފްކޯ އާއި އަމިއްލަ ކުންފުނިތަކަށް ނުކިރޭ މައްސަލަވެސް މަސްވެރިން އަބަދު ފާހަގަކުރަމުންގެންދެ އެވެ.