އެފްއެސްއެމް

ފެލިވަރުގައި ތެޔޮ ވިއްކަން ފަށައިފި

މިފްކޯއިން ހިންގަމުން އަންނަ ފެލިވަރުގައި މަސްވެރިންނަށް ފަސޭހަކަމާއެކު ތެޔޮ ގަންނަން ލިބޭ ގޮތް ހެދުމުގެ ގޮތުން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ތެޔޮ ވިއްކަން ފަށައިފި އެވެ.

އެފްއެސްއެމް އިން ފެލިވަރުގައި ތެޔޮ ވިއްކަން ފަށައިފައި މިވަނީ މިފްކޯގެ ސައިޓްތަކުގައި އެފްއެސްއެމް އިން ތެޔޮ ވިއްކުމަށް ޖެނުއަރީ ތިންވަނަ ދުވަހު މިފްކޯއާއި އެކު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.

އެއްބަސްވުމުގެ ދަށުން އެފްއެސްއެމް އިން ވަނީ މިދިޔަ މަހުގެ ތިންވަނަ ދުވަހު މިފްކޯގެ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ތެޔޮ ވިއްކަން ފަށާފަ އެވެ.

ފެލިވަރުގައި އެފްއެސްއެމް އިން ތެޔޮ ވިއްކަން ފަށާފައިވަނީ ދެ ކުންފުނީގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން ފެލިވަރުގައި ތެޔޮ ވިއްކުމަށް ދެވުނު ޝެޑިއުލްއާއި އެއްގޮތަށެވެ.

މިފްކޯއިން ވަނީ މިދިޔަ އަހަރުވެސް މަސްވެރިންނަށް ފަސޭހަކަމާއެކު ތެޔޮ ގަންނަން ލިބޭނެ ގޮތްތައް ހޯދުމަށް މަސައްކަތްކޮށްފަ އެވެ.

މީގެ އިތުރުން މިފްކޯގެ މަސައްކަތްތައް ވަރުގަދަކުރުމުގެ ގޮތުން މަސް ފިނިކޮށް ރައްކާކުރެވޭނެ އިތުރު އުޅަނދުތަކެއް ގެނައުމުގެ މަސައްކަތްވެސް މިފްކޯއިން މިދިޔަ އަހަރު ވަނީ ފަށާފަ އެވެ.