ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މީރާގެ ޖޫރިމަނާތައް ހުއްޓުވަން ޓެކްސްގެ ގާނޫނު ބަދަލު ކުރާނަން: ރައީސް

Jul 13, 2019
14

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަދި މަސްވެރިންގެ އަތުން މީރާއިން ނަގާ ބޮޑެތި އަދަދުތަކުގެ ޖޫރިމަނާތައް ހުއްޓުވަން ޓެކްސްގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ގދ. ތިނަދޫގައި ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުން ސިލްސިލާކޮށް ބާއްވަމުން ގެންދާ "ޖަޒީރާ ހޮޅުއަށީ" ގެ ތިން ވަނަ ޖަލްސާ ރޭ ތިނަދޫގައި ބޭއްވި އެވެ.

"މަސްވެރިކަމުން ނަފާ އިތުރުކުރަން" ގެ ނަމުގައި ބޭއްވި އެ ޖަލްސާގައި ވާހަކަ ދެއްކި ބައެއް މަސްވެރިން ވަނީ މީރާއިން ކުރާ ބޮޑެތި ޖޫރިމަނާތަކުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މީރާއިން ޖޫރިމަނާ ކުރާ ވާހަކައަކީ މިދިޔަ ރިޔާސީ އިންތިހާބުގައި ވެސް ދައްކަމުން ގެންދެވި ވާހަކައެއް ކަމަށެވެ.

"ޖޫރިމަނާގެ މައްޗަށް ޖޫރިމަނާ ކުރަމުން ފިހާރަތަކާއި ބައެެއް އާންމު ރައްޔިތުން ދަރާ ވިކިފައިވާ ވާހަކަ އަޅުގަނޑުމެން ދައްކަމުން ގެންދިޔައީ." ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި އެ ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

ޓެކްސް ނިޒާމުގެ ގާނޫނަށް ބަދަލުތަކެއް ގެނެސް އެކަހަލަ ކަންތައް ނުވާނެ ގޮތެއް ހަދަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ އަންނަ ދައުރަށް އެ އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ ތެރޭގައި އެ ގާނޫނު އިސްލާހު ކުރަން ހުށަހަޅާނަން." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މީރާއިން މިހާރު ވެސް އަމަލު ކުރަނީ މިހާރު އޮތް ގާނޫނުތަކުގެ އިމުގެ ތެރެއިން ކަން ގަބޫލު ކުރައްވަން ދަތިފުޅު ކަމަށެވެ. އެ ގޮތުން އިތުރު ގަވާއިދުތައް ހަދައިގެން ބައެއް ފަރާތްތައް ޖޫރިމަނާ ކުރަމުން ގެންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެއީ މިނިވަން މުއައްސަސާއެއް، އެހެންވިޔަސް ގާނޫނެއްގެ ތެރޭގައި އޮވެއްޖެނަމަ އެ ގާނޫނެއްގެ ތެރެއިން އެ މަސައްކަތް ކުރަން ވާނީ." ރައީސް ވިދާޅުވި އެވެ.