މި ސަރުކާރުން ރައްޔިތުންގެ ހިޔާލުތައް ހޯދަން "ޖަޒީރާ ހޮޅުއަށި" ގެ ނަމުގައި ސިލްސިލާކޮށް ބާއްވަމުން ގެންދާ ބައްދަލުވުންތަކުގެ ތެރެއިން ރޭ ގދ. ތިނަދޫގައި ބޭއްވި ބައްދަލުވުމުގައި ހިޔާލު ފާޅުކުރި ގިނަ މަސްވެރިންނާއި އާންމު ރައްޔިތުން ވަނީ އެ މީހުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ސަރުކާރަށް ހިއްސާކޮށްފި އެވެ.
"މަސްވެރިކަމުން ލިބޭ ނަފާ އިތުރު ކުރަން" ނަމުގައި ރޭ ބޭއްވި ބައްދަލުވުމަކީ އަތޮޅުތަކުގެ ރަށެއްގައި މި ފޯރަމްގެ ޖަލްސާއެއް ކުރިއަށް ގެންދިޔަ ފުރަތަމަ ބައްދަލުވުމެވެ. އެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ނައިބު ރައީސް ފައިސަލް ނަސީމް، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހަސަން އަމްރެވެ. ސަރުކާރުގެ އެހެން ބައެއް އސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގައި ތިނަދޫ ތަމްސީލު ކުރައްވައި މެންބަރުންނާއި ހުވަދު އަތޮޅުގެ ބައެއް ކައުންސިލަރުން ވެސް އެ ބައްދަލުވުމުގައި ބައިވެރިވި އެވެ.
އެ ޖަލްސާގައި ގއ. އަތޮޅާއި ގދ. އަތޮޅުގެ ގިނަ ރަށްރަށުން އެ ރަށަށް އައި ބައެއް އާންމުންނާއި އަންހެނުންގެ އިތުރަށް ގިނަ އަދަދެއްގެ މަސްވެރިން ވެސް ބައިވެރިވި އެވެ. ފޯރިގަދަ އެ ޖަލްސާގައި ހިޔާލު ފާޅުކުރި ގިނަ މަސްވެރިން ވަނީ މި ސަރުކާރާއި ކުރީ ސަރުކާރަށް ފާޑުކިޔުންތައް ވެސް އަމާޒުކޮށްފަ އެވެ. ބައެއް މަސްވެރިން ފާޅުކުރި ހިޔާލުތަކަށް ޖަލްސާގެ އެހެން ބައިވެރިންގެ ތަރުހީބު ދިނެވެ.
މަސްވެރިން ހުށަހެޅި ޝަކުވާތަކާއި ސަރުކާރަށް އަމާޒު ކުރި ގިނަ ސުވާލުތަކަށް ޖަލްސާގެ ވަގުތު ވީ މިންވަރުން ރައީސް ގެންދެވީ ޖަވާބު ދެއްވަމުންނެވެ. ރައީސްގެ އިތުރުން އެސްޓީއޯގެ އެމްޑީ އަމުރު އާއި މިނިސްޓަރު ޖަހާ ވެސް ބައެއް ސުވާލުތަކަށް ޖަވާބު ދެއްވި އެވެ. ރައީސްގެ ބައެއް ވާހަކަފުޅުތަކަށް ވެސް ޖަލްސާގެ ބައިވެރިން ތަރުހީބު ދިނެވެ. ނަމަވެސް ބައެއް ވާހަކަފުޅުތަކަށް ހިތްހަމަ ނުޖެހުން ވެސް ފާޅުކުރި ފަހަރު ވެސް މަދެއް ނޫނެވެ. ތިނަދޫގެ ހިތްގައިމު މާހައުލުގައި އޮތް ބައްދަލުވުމުގައި ބައެއް މީހުން ވަނީ ހުވަދު އަތޮޅުގެ ބަހުން ވެސް ވާހަކަ ދައްކައިފަ އެވެ.
މަސް ޕްލާންޓްތައް މަދުވުމުގެ ޝަކުވާ
ވާހަކަ ދެއްކި ބައެއް މަސްވެރިން ބުނި ގޮތުގައި ހުވަދު އަތޮޅުގެ މަސްވެރިން މަސްވެރިކަން ކުރަމުން ގޮސް ބައެއް މޫސުންތަކުގައި އުތުރުގެ ބައެއް އަތޮޅުތަކަށް ގޮސް މަސްވެރިން ކުރެ އެވެ. ނަމަވެސް އުތުރުގައި އައިސް ޕްލާންޓް މަދު ކަމުން މާލެ ނުވަތަ ހުޅުމާލެ އާ ހިސާބަށް އަންނަން ޖެހޭ ފަހަރު ވެސް އަންނަ ކަމަށާއި އެ ކަމުގެ ސަބަބުން މަސްވެރިން ކުރަން ޖެހޭ ހަރަދު ގިނަ ވާނެ ކަމަށެވެ.
"މަސްވެރިން ބޭނުންވާ އަދަދާ ގާތަށް ވެސް އައިސް ނުއުފުލޭ. އެއީ ގިނަ މަސައްކަތްތަކެއް ކޮށްގެން ކުރެވެން ހުރި ކަންކަން. އެކަމު މިހާރު ވެސް ހުޅުވާލާފައި ވާނެ އަލަށް ހުޅުވުނު އެސްއެމްއީ ބޭންކް މެދުވެރިކޮށް ދޯނިތަކުގައި އައިސް ބަހައްޓާނެ ނިޒާމެއް ގާއިމު ކުރަން ލޯނުގެ ފުރުސަތު ހުވާލާފައި. ނަމަވެސް އަދި މިހާތަނަށް އެއްވެސް ފަރާތަކުން އެދި ހުށަހަޅާފައި ނުވާ ކަމަށް. ފަހަރެއްގަ ވެދާނެ އަޅުގަނޑުމެންނަށް މައުލޫމާތު ނުދެވެނީ ކަމަށް." ޒަހާ ވިދާޅުވި އެވެ.
ގދ. ހޯނޑެއްދޫގައި ހުންނަ ހެރޮޒަން ފިޝަރީޒް ފެކްޓަރީން ހިދުމަތް ނުލިބޭތާ އެތައް އަހަރެއް ވެފައިވާތީ ޖަލްސާގައި ވާހަކަ ދެއްކި ބައެއް މަސްވެރިން ފާހަގަކުރި އެވެ. އަދި އެއް މަސްވެރިޔަކު ވަނީ އެ ރަށް ސަރުކާރުގެ ދަށަށް ނުވަތަ ހުވަދު އަތޮޅުގެ ކޮންމެ ވެސް ކައުންސިލަކަށް ދިނުމަށް އެދި ހިޔާލު ހުށަހަޅައިފަ އެވެ.
އެސްޓީއޯއާއި މިފްކޯގެ މައްސަލަ
މަސްވެރިންގެ ތެރެއިން ހިޔާލު ފާޅުކުރި ބައެއް ފަރާތްތަކުން ފާހަގަކުރި އެއް މައްސަލައަކީ އެސްޓީއޯގެ ދަށަށް މިފްކޯ ގެނެސް ހިންގުމެވެ. އަދި އެ ސިޔާސަތުގެ ސަބަބުން މިފްކޯގެ ވިޔަފާރިއަށް ގެއްލުން ލިބެމުންދާތީ މަސްވެރިން ކަންބޮޑުވުން ފާޅުކުރި އެވެ. ބައެއް މަސްވެރިން ވަނީ ސަރުކާރުގެ ސިޔާސަތު ބަދަލު ކުރުމަށް ގޮވާލައްވައިފަ އެވެ.
"ރައީސުލްޖުމްހޫރިއްޔާ އިސްތިމާސްކުރަން މަސްވެރިންގެ ކުންފުނި މިފްކޯ، އެސްޓީއޯގެ ދަށުން މިނިވަން ކުރަން،" ޖަލްސާގައި ފޯރީގައި ވާހަކަ ދެއްކި މަސްވެރިޔަކު ބުންޏެވެ.
މަސްވެރިންނަށް ތެޔޮ ވިއްކާ ބައެއް ފަރާތްތަކުގެ ޝަކުވާ ވެސް ވާހަކަ ދެއްކި ބައެއް މީހުން ވަނީ ހިއްސާކޮށްފަ އެވެ. އެ ގޮތުން މާލޭގެ އެސްޓީއޯއިން އަގުހެޔޮކޮށް ތެޔޮ ގަނެގެން ބައެއް ފަރާތްތަކުން ތެޔޮ ގަންނަ ކަމުގެ ޝަކުވާ މަސްވެރިޔަކު ކުރި އެވެ. އަދި މާލެއިން އަގު ހެޔޮ ވުމުން ވެސް ތިނަދޫއަށް ގެންނަ ތެޔޮ އަގުހެޔޮ ނުވަނީ ކީއްވެގެންތޯ އެ ފަރާތްތަކަށް ސުވާލު ކުރުމުން ކުރިން ގެނައި ސްޓޮކް ގެނެސް ހުސް ނުވާ ކަމަށް މަސްވެރިޔަކު ބުންޏެވެ.
މިފްކޯއާ ގުޅިގެން މަސްވެރިން ފާޅުކުރި ސުވާލުތަކަށާއި އަމާޒު ކުރި ބައެއް ސުވާލުތަކަށް އެސްޓީއޯގެ އެމްޑީ އަމްރު ވަނީ ޖަވާބު ދެއްވައިފަ އެވެ. އަމްރު ވިދާޅުވީ އެސްޓީއޯގެ ދަށަށް މިފްކޯ ބަދަލު ކުރީ އެ ކުންފުނިން ބޭނުން ވެގެން ނޫން ކަމަށެވެ. އަދި ވިދާޅުވީ އެސްޓީއޯގެ ދަށަށް މިފްކޯ ބަދަލު ކުރަން ޖެހުނީ އެ ކުންފުނި ބަނގުރޫޓު ނުވެ ސަލާމަތް ކުރުމަށެވެ. އެހެންކަމުން ފުރަތަމަ ކުރަންވީ ކަމަކީ މިފްކޯއަކީ ފައިދާ ލިބޭ ކުންފުންޏަކަށް ހެދުން ކަމަށް އޭނާ ވިދާޅުވި އެވެ.
އޮޑި ފަހަރުތަކުގައި ބިދޭސީން ގެންގުޅޭ ޝަކުވާތައް
ގާނޫނާއި ގަވާއިދާ ހިލާފަށް މަސްވެރިކަން ބައެއް އޮޑިފަހަރުތަކުގައި ބިދޭސީން ގެންގުޅޭ މައްސަލަ ފާހަގަކުރަމުން ވެސް ގިނަ މަސްވެރިން ވާހަކަ ދެއްކި އެވެ. ޖަލްސާގައި ވާހަކަ ދެއްކި ބައެއް މަސްވެރިން އެ ކަމުގެ ކަންބޮޑުވުން ފާޅު ކުރުމުން ރައީސް ސޯލިހް ވަނީ އެ ކަމާ ގުޅޭ ގޮތުން ބައެއް ވާހަކަތައް ދައްކައިފަ އެވެ. އެ ގޮތުން ރައީސް ވިދާޅުވީ މި ސަރުކާރު އައި ފަހުން ކުރި ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ބިދޭސީންގެ މައްސަލައިގައި ދެ ކޮޅަށް ތާއީދު ކޮށްގެން ވާހަކަ ދައްކާ ކަމަށެވެ.
"އަޅުގަނޑުމެން ސަރުކާރު އައި ފަހުން ތި ކަމަށް ދިރާސާއެއް ކުރެވުނު. ސަރުކާރަށް ފާހަވީ ތި މައްސަލާގައި (ބިދޭސީންގެ މައްސަލާގައި) ދެ ފަރާތަށް ވެސް ތާއީދު ކުރާ މީހުން ތިބި ކަން، ބައެއް މީހުން ތާއީދު ކުރަނީ އޮޑިފަހަރުތަކުގައި ބިދޭސީން ގެންގުޅެގެން ނުވާނެ ކަމަށް. އޭގެ އަނެއް ކޮޅު ވެސް އެބައޮތް. ބިދޭސީން ބަހައްޓަން ބޭނުންވާ ބައެއް މީހުން ވެސް އެބަ ތިބި." ރައީސް ވިދާޅުވި އެވެ.
ރައީސް އެހެން ވިދާޅުވި ފަހުން ވާހަކަ ދެއްކި ބައެއް މީހުން ވަނީ މަސްވެރި އޮޑިފަހަރުތަކުގައި ބޭއްތިބުމަށް ތާއިދުކޮށް ވާހަކަ ދައްކައިފަ އެވެ. އެ ގޮތުން މަސްވެރިޔަކު ބުނި ގޮތުގައި ބިދޭސީން ބަހައްޓަން މުހިއްމު ސަބަބަކީ އެ އޮޑީގެ ރައްކާތެރިކަން ޔަގީންކުރަން އޮޑީގައި ގިނަ ވަގުތު ކޮންމެ ވެސް މީހަކު ހުންނަން ޖެހޭނެ ކަމަށް ގަބޫލު ކުރާތީ އެވެ.
ފަހުން ވާހަކަ ދެއްކި ބައެއް މީހުން އަނެއްކާ ވެސް ވަނީ އެ މައްސަލައަށް ރައްދުދީ ވާހަކަ ދައްކައިފަ އެވެ. މަސްވެރިޔަކު ބުނީ އޮޑިފަހަރުތަކުގައި ބިދޭސީން ބަހައްޓާނަމަ އެ ކަން ކުރަން ވާނީ އެ އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. މިހާރު ގަވާއިދު އޮންނަ ގޮތުން އޮޑިތަކުގައި ބިދޭސީން ނުގެންގުޅެވެ އެވެ.
އެހެން ބައެއް ޝަކުވާތައް
ބައްދަލުވުމުގައި ވާހަކަ ދެއްކި މަސްވެރިން ވަނީ ވޭތުވެދިޔަ ތަނުގައި އެ މަސްވެރިންނަށް ދިމާވެފައިވާ ބައެއް މައްސަލަތައް ފާހަގަކޮށްފަ އެވެ. އެ ގޮތުން ތިނަދޫގައި ހުންނަ ބޭންކުން މަސްވެރިންނަށް ލޯނު ނުދޭ ކަމަށާއި ލޯނަށް މަސްވެރިޔަކު އެދިއްޖެނަމަ ވަޒީފާގެ ލިޔުން ހުށަހަޅަން ބޭންކުން ބުނާ ކަމަށް މަސްވެރިޔަކު ބުންޏެވެ.
އެ މައްސަލައަށް ރައީސް ވިދާޅުވީ ސަރުކާރުން ތައާރަފު ކުރި މަސްވެރިންގެ ކާޑު ހިފައިގެން ދިޔުމުން ކޮންމެ ބޭންކް އަކުން ވެސް ލޯނު ލިބޭނެ ކަމަށެވެ. މަސްވެރިޔާގެ ކާޑު ދެއްކުމުން މަސްވެރިޔަކު ހުރީ ދާއިމީ ވަޒީފާއެއްގައި ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް އެހެން ވިދާޅުވި ނަމަވަސް ވާހަކަ ދެއްކި ބައެއް މީހުން ބުނީ މަސްވެރިޔާގެ ކާޑު ދެއްކުމުން ވެސް ލޯނު ނުލިބޭ ފަހަރު އަންނަ ކަމަށެވެ. މިނިސްޓަރު ޒަހާ ވިދާޅުވީ ގަބޫލު ކުރެވޭ ގޮތުގައި މަސްވެރިންނަށް ސަރުކާރުން ދޭން ޖެހޭ މައުލޫމާތު އެކަށީގެންވާ މިންވަރަށް ނުދެވޭ ކަމަށް ގަބޫލު ކުރާ ކަމަށެވެ. މިނިސްޓަރު ވަނީ އެ ކަމަށް މައާފަށް އެދިވަޑައިގަތެވެ.
ޖަލްސާ ނިންމާލަމުން ރައީސް ވިދާޅުވީ މަސްވެރިން ފާޅުކުރި ހިޔާލުތަކާއި ކަންބޮޑުވުންތައް ނޯޓު ކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ މަސްވެރިންގެ ޝަކުވާތައް ހައްލު ކުރަން ސަރުކާރުން މަސައްކަތް ކުރާ ކަމަށާއި ހުރިހާ މައްސަލައެއް ބެލެވޭތޯ މަސައްކަތް ކުރައްވާ ކަމަށެވެ.