މި ސަރުކާރުން މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ރާވާފައިވާ ކަމަށާއި އެގޮތުން މި އަހަރު ނިމޭއިރު އެ ކުންފުންޏަކީ ގެއްލުން ނުވެ ހިނގާ ކުންފުންޏަކަށް ބަދަލު ވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މަސްވެރިކަަމުގެ ދާއިރާއާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ގދ. ތިނަދޫގައި މިހާރު ކުރިޔަށް ދާ "ޖަޒީރާ ހޮޅުއަށި" ބައްދަލުވުން ފެއްޓެވުމުގެ ގޮތުން ރައީސް ސޯލިހު ވިދާޅުވީ ޓޫރިޒަމްގެ ފައިދާ ރާއްޖެއަށް ލިބެން ފެށުމުގެ ކުރިން ދައުލަތަށް ލިބޭ އާމްދަނީގެ އެންމެ ބޮޑު ހިއްސާއެއް ކުރަމުން އައި މަސްވެރިކަމުން ކަމަށެވެ. އަދި މިއަދު އާމްދަނީގެ އެންމެ ބޮޑު ހިއްސާއެއް އަދާ ކުރާ ބަޔަކަށް ނުވި ނަމަވެސް މަސްވެރިކަަމަކީ ސީދާ ރައްޔިތުންގެ އަތަށް އެންމެ ގިނަ ފައިސާ އަރާ މަސައްކަތް ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން މިފްކޯ އިން މިދިޔަ އަހަރު މަސް ގަތުމަށް 813 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި މި އަހަރުގެ މިހާތަނަށް އައިއިރު ވެސް 467 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އިތުރު ހިސާބުތަކަށް އަލިއަޅުވާލައްވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖެ އިން ބާނަނީ 150،000 ޓަނުގެ މަސް ކަމަށާއި އޭގެ ތެރެއިން މިފްކޯއަށް ގަނެވެނީ 42،000 ޓަނު ކަމަށެވެ. އަދި އެހެން ފަރާތްތަކަށް 100،000 އެއްހާ ޓަނުގެ މަސް ގަނެވޭ ކަމަށް ރައީސް ވިދާޅުވި އެވެ. މިފްކޯއަށް ގަންނަ މަހުގެ ތެރެއިން ބަންދު ކުރެވެނީ 28 ނުވަތަ 30 ޕަސަންޓު މަސް ކަމަށާއި ނަމަވެސް ފިނިކޮށްގެން ބޭރު ކުރާ މަހަށް ވުރެ ބަންދުކޮށްގެން ބޭރު ކުރުރުމުން ލިބޭ އަގު ހަތަރު ގުނަ އިތުރުވެގެން ދާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
"ފެންނަން އޮތް ހަގީގަތަކީ މިފްކޯގައި ފައިދާ ވާ ހަމައެކަނި ތަނެއްގެ ގޮތުގައި މިއަދު މިއޮތީ ފެލިވަރު. ފެލިވަރަކީ މަސް ބަންދުކޮށްގެން ބޭރު ކުރާ ތަނެއް. ކޫއްޑޫ ވިޔަސް އައްޑޫ ވިޔަސް ކަނޑުއޮތްގިރި ވިޔަސް މިވަގުތު އެ ހިންގަނީ ގެއްލުމުގައި. އެހެންކަމުން ރާއްޖެއަށް މި ބާނާ މަސް އަދި މިފްކޯއަށް މި ގަންނަ މަސް ޕްރޮސަސްކޮށްގެން ބަންދުކޮށްގެން ބޭރު ކުރެވިއްޖެއާ މިހާރު މިލިބޭ އަގަށް ވުރެ ބޮޑު އަގެއް ލިބޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ބާނާ މަހުގެ ބޮޑު ބައެއް ޕްރޮސަސް ކުރެވި ބަންދުކޮށްގެން އެކްސްޕޯޓު ކުރުން ގިނަ ކުރަން ޖެހޭ ކަމަށާއި އޭގެން ލިބޭ އާމްދަނީ އިން މިފްކޯއަށް މަސް ގަންނެވޭ މިންވަރު އިތުރު ކުރެވޭނެ ކަމަށެވެ. އެ ކުންފުންޏަށް އެފަދަ ބޮޑެތި ބަދަލުތަކެއް ގެންނަން މި ސަރުކާރުން ނިންމާފައިވާ ކަމަށާއި އެ ބަދަލުތަކާއެކު މި އަހަރު ނިމޭއިރު މިފްކޯއަކީ ގެއްލުން ނުވާ ކުންފުންޏަކަށް ބަދަލުވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
"ކެމްޕެއިން ތެރޭގައި ވައުދުވީ ފަަދައިން ފުރަތަމަ ކަމަކަށް މިފްކޯއަކީ ގެއްލުން ނުވެ ހިންގާ ތަނެއްގެ ގޮތުގައި ހެދުމުގެ މަސައްކަތް ކުރަމުން މި ދަނީ. އިރާދަކުރެއްވީއާ މި އަހަރު ނިމޭއިރު މިފްކޯއަކީ ގެއްލުން ނުވެ ހިނގޭ ތަނެއްގެ ގޮތުގައި ބަދަލުގެން ދާނެ އަދި އެއަށް ފަހުގައި މި ދެންނެވި ފަދައިން ރާއްޖެއަށް ބާނާ މަސް އިތުރަށް ޕްރޮސަސްކޮށް އިތުރު އަގު ހޯދޭނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.
މިހާރު އޮންނަނީ ރާއްޖޭގައި ބާނާ މަސް ޒޯނުތަކަކަށް ބެހާލުމަށް ފަހު ވަކި ފަރާތްތަކަށް އޭގެ ކޮންޓްރޯލު ދީފައި ކަމަށާއި ނަމަވެސް އެއީ ހުޅުވާލެވިދާނެ ކަމެއް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގެ ކޮންމެ ސަރަހައްދަކުން ކޮންމެ މީހަކަށް މަސް ގަތުމުގެ ފުރުސަތު ހުޅުވާލުމުން އޭގެ ފައިދާ މަސްވެރިންނަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެކަމާ ބެހޭ ގޮތުން ދިރާސާއެއްކޮށް އެ މައްސަލަ އިކޮނޮމިކް ކައުންސިލްއަށް ހުށަހަޅާފައިވާ ކަމަށާއި މިއަދު ސަރުކާރުން ހުރީ އެ މަސަައްކަތް ނިންމުމުގެ މަރުހަލާގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.