ވާހަކަ

ކުރު ވާހަކަ: ހިތް ކަތިލެވުނު ގޮތުން

އަހަރެން ހީކުރީ ބްރޭކްއަޕެއްގައި ނުވަތަ ލޯބިން ގުޅިގެން އުޅުނު ދެ މީހަކު ރުޅިވުމަށް ފަހު އޭގެ ތެރެއިން ކުރި ލިބެނީ އެންމެ އަވަހަށް ކައިވެނީގެ ގޮށްޖަހައި ބާރުކޮށްލާ މީހާ އަށް ކަމަށެވެ. ފާސިރުއާ ރުޅިވިތާ ހަ މަސް ވެސް ނުވަނީސް އަހަރެން ސަމީރުއާ އިން އެއް ސަބަބަކީ މިއީ އެވެ.

އޭނާއާ އަހަރެން ހިތާވީއެކޭ އަހަރެން ނުބުނާނަމެވެ. ހަމަ އިނދެލީ އެވެ. އެއް ސަބަބަކީ ދިރިއުޅުމުގެ ރޭހުގައި ފާސިރަށް ވުރެ ކުރި އަރައިގެން ދިއުމެވެ. އަނެއް ސަބަބަކީ ކަތިލެވުނު ހިތަށް އަވަސް ފަރުވާއެއް ހޯދުމެވެ. ނުވަތަ ކުރީގެ ލޯބި ރޫޅިގެން ދިއުމުން ދެރަވިޔަސް އެކަން ދައްކަން ބޭނުންނުވުމެވެ.

މީހުން ބުނެއުޅެއެއް ނޫން ހެއްޔެވެ. ލޯބިނުވާ މީހަކާ އިނީމަ ދެން އުފެދޭ ލޯތްބަކީ އެންމެ ބާރުގަދަ ލޯތްބެވެ. ފަހުން ލިބޭ އުފާވެރިކަން މާ ބޮޑުވާނެ އެވެ. މިއީ ވެސް އަހަރެން ސަމީރުއާ އިން ސަބަބަކަށް ވެދާނެ އެވެ.

މިހެން ކަންތައްވާނެ ކަމަށް ބުނެ އަހަންނަށް އެންމެ ބޮޑަށް ހިތްވަރު ދިނީ މަންމަ އާއި ދައްތަމެންނެވެ.

"ބަލަ މަ ވެސް އެންމެ ފުރަތަމަ ކަލޭގެ ބަފާ ދެކެ ލޯތް ނުވެޔޭ. ހަމަ ކުޑަކޮށްވެސް ލޯތްބެއް ނުވެޔޭ. އެކަމަކު ބަލާލަބަލަ މިހާރު. އެކުގައި ކިތައް އަހަރުމިވީ. ކިތައް ދަރިން މި ތިބީ،" އެނދުގައި ބޯ އަޅައިގެން އަހަރެން ރޯން އޮތް މަންޒަރު ފެނިފައި ހިތަށް ކުރި އަސަރަކުން މަންމަ ބުނީ މިހެންނެވެ.

މަންމަ އެ ބުނީ ތެދެކެވެ. އޭގެ ތެދަށް ވީ ހިސާބާއި ތެދަށް ނުވާ ހިސާބު ވެސް ކިޔައިލަދޭނަމެވެ.

މަންމަ ބައްޕައާ އިނީ ލޯބިން ދެ މީހުން ގެތި ފާލަމަކުން ފެށި ދަތުރެއްގައެއް ނޫނެވެ. ހުސެންފުތު އެހެރީއޭ، ނުލާހިކު ރަނގަޅުވާނެޔޭ، ޖަވާހިރެއްހެން ކަލޭ ގެންގުޅޭނެޔޭ ބުނެ މާމަ އެމުނި ފަތިވަރަކަށް ފަހު ދެން އެ ދެ މީހުން ކައިވެނިކުރީ އެވެ.

ރަނގަޅެވެ. ހުސެންފުތަކީ އަހަރެންގެ ބައްޕަ އެވެ.

މަންމަ އަށް ކިޔަނީ ސަކީނާ އެވެ.

އެ ދެ މީހުންގެ ކައިވެންޏަށް މިހާރު 40 އަހަރުވީ އެވެ. އެހެންވީމަ ހަގީގީ ލޯބިވެރިންނަށް ސަރުކާރުން ޕެންޝަން ދޭ ނަމަ މިއީ އެ ޕެންޝަނެއް ކޮންމެހެން ލިބެން ޖެހޭ ދެ މީހުންނެވެ. ހުސެންފުތާއި ސަކީނާ، އެފަދަ ދެ ވަނައެއް ނެތް ދެ ލޯބިވެރިންނަށް ނުވަތަ ދެމަފިރިންނަށް ބަދަލުވީ ލޯބީގެ އެއްވެސް އަސަރެއް ނެތް ބިމަކުންނެވެ. ހަމަ ސުމަކުން ފަށައިގެންނެވެ.

މިއީ "ހުސެންފުތާއި ސަކީނާ" ގެ ވާހަކަ އަހަރެންގެ މަންމަ ކިޔައިދޭ ގޮތެވެ. އެއްގޮތަށް ވެސް ހަގީގަތް އޮތް ގޮތުގެ ވާހަކައެއް ނޫނެވެ. ފަހަރެއްގައި މަންމަގެ ޒަވާޖީހަޔާތުގައި ހުރި މައްސަލަތަކުގެ ވާހަކަ އެވަރަށް އުނިކޮށްގެން ކިޔައިދެނީ ދަރިންތައް ބޮޑުވެގެން ގޯސްމަގަކުން ހިގައިދާނެތީ އެވެ.

ނުވަތަ ލޯތްބަކީ ކޮބައިކަން ނޭނގި މަގުއޮޅިދާނެތީ އެވެ. އެހެންވީމަ ލޯބިވެރިޔަކާ މައްސަލައެއް ޖެހިގެން މަންމަގެ އަންހެން ދަރިއެއްގެ ހިތްހަލާކުވާ ކޮންމެ ފަހަރަކު ވެސް ކިޔައި ދެނީ އެއްކަލަ ލޯބި ނެތް ބިމުގައި ލޯބި އިންދި ވާހަކަ އެވެ.

މަންމަ އާއި ބައްޕަ މިހާރު އިނދެގެން އެ އުޅެނީ ތިންފަށްވެ، މަންމަ އެހެން މީހަކާ އިނދެ ފަށްކަނޑައިގެންނެވެ. މަންމަ އާއި ބައްޕަގެ ކައިވެންޏަކީ އުފާވެރި ކައިވެންޏެއް ނޫނެވެ. އެއީ ހަމަ ހުސްދޮގެވެ.

މަންމަގެ މި ވާހަކައިން ހަގީގަތަކަށް ވަނީ ފަހަރެއްގައި އެންމެ ވާހަކަ އެކެވެ. އެއީ ލޯބިނުވާ މީހަކާ އިނުމުން ދެން އުފެދޭ ލޯބި އެހެން ހުރިހައި ލޯތްބަކަށް ވުރެ ވެސް ބޮޑުވާނެ ކަމަށް ބުނާ ބުނުމެވެ.

މަންމަ އެ އުޅެނީ އަދިވެސް ބައްޕައާ އެކުގަ އެވެ. ކިތަންމެ ރުޅިއަޔަސް، ކިތަންމެ ފޫއްސެއްވިޔަސް އެކުގަ އެވެ. ހީވަނީ ހަމަ ބަޔަކު މީހުން ސިހުރެއް ހަދައިގެން ދެ ހިތް އެއްތަންކޮށްފައިވާހެންނެވެ.

އެހެންވީމަ ލޯބިނުވާ މީހަކާ އިނދެގެން ސާޅީސް އެތައް އަހަރެއް އެމީހަކާ އެކު ހޭދަކުރެވޭނީ ދެން އުފެދުނު ލޯބި ވަރަށް ވެސް ވަރުގަދަވީމަ ކަމަށް ގަބޫލުކުރަން ޖެހެ އެވެ.

ކޮންމެއަކަސް އަހަރެން ސަމީރުއާ ކައިވެނިކުރި ސަބަބާއި މަގުސަދު ދެންމެ މި ކިޔައިދިން ވާހަކަތަކުގެ ތެރެއިން އެ އޮތީ ފާޑަކަށް ކިޔައިދެވިފަ އެވެ. ނަމަވެސް ކުރިން ވެސް ބުނިހެން އޭގެ އަސްލު ސަބަބަކީ ހަޔާތުގެ ދަތުރުގައި ކުރީގެ ލޯބިވެރިޔާ އަށް ވުރެ ކުރިއަރައިގެން ދިއުމެވެ.

އަހަރެން ކައިވެނިކޮށްގެން ހަނީމޫނަށް ފުރިއިރު ވެސް ފާސިރު ހުރީ ހުސްކޮށެވެ. ނުވަތަ ސިންގަލް އެވެ.

އެ ޚަބަރު އަހަރެންގެ އެކުވެރިޔަކު ގެނެސްދިން ދުވަހު ނިކަން އުފާވެސްވި އެވެ. ކުރީގެ ލޯބިވެރިޔާ އަށް ވުރެ އެއް ފިޔަވަޅު ކުރީގައި އުޅެވޭ ކަމުގެ އިހްސާސްކުރެވުނީމަ އެވެ.

ހަނީމޫނަށް އަހަރެމެން ދިޔައީ ދެކުނު އެފްރިކާ އަށެވެ. އަހަރެންގެ ފިރިމީހާގެ އަތުގައި ފައިސާ ހުރީމަ ކަމަށް ވެސް ވެދާނެ އެވެ. ނުވަތަ އަހަރެން އަބަދުވެސް އެތަނަކަށް ދާން ކެތްމަދުވެފައި ހުރި މަންޒިލެއްކަން ފިރިމީހާ އަށް ކޮންމެވެސް ގޮތަކުން އެނގިގެން އެތަނަށް ގެންގޮސް އަހަރެންގެ ހިތް އަތުލަން ފިރިމީހާ ދިން ލޯބީގެ އަގުބޮޑު ހަދިޔާއެކެވެ.

ނަމަވެސް ލޯބިނުވާ މީހަކާ އެކު ކިތަންމެ ލޯބި މަންޒިލަކަށް ދިޔަޔަސް ހިތެއްގައި އެމީހަކަށް ލޯބި އުފެދިދާނެ ހެއްޔެވެ؟މަންމަގެ ހިތުގައި ބައްޕަ އަށް ވެސް ލޯތްބެއް ނުއުފެދުނެވެ. އެހެންވީމަ އެނބުރި އައިއިރު ހަނީމޫނުގެ ފޮނިކަމެއް އަންނަކަށް ވެސް އިހްސާސެއް ނުކުރެވުނެވެ. 

"އަހަރެންގެ ލޯބިވެރިޔާއާ އެކު ދާން ހިތުލައިގެން އުޅުނު މަންޒިލު ވެސް އެ ހަރާބުވީ އެވެ،" ފަހުން ހިތަށް އެރީ މިހެންނެވެ.

ދެން ވީ ފޫއްސެކެވެ.

މީހުން ބުނެއުޅެއެއް ނޫން ހެއްޔެވެ. ލޯބިން ގުޅޭ ދެ ހިތެއް، ރޫޅި އެކަތި އަނެކައްޗާ ވަކިވެގެންދާހިނދު އޭގެ ތެރެއިން ކުރި ލިބެނީ ކޮންމެވެސް އެއް ހިތަކަށެވެ. ކޮންމެވެސް އެކަކަށް ހަގީގީ ލޯބި ދަސްވެ، ހަގީގީ ލޯބި ހާސިލުވެ އުމުރުގެ ބާކީ އޮތްބައި އުފަލުގައި ގުނުމުގެ ފުރުސަތު ލިބިގެން ދާނެއޭ ބުނެ އުޅެއެއް ނޫން ހެއްޔެވެ.

މީހުން އެހެން ބުނަނީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ އެއީ ގުޅުމެއް ކެނޑި ދެ ހިތެއް ވަކިވެގެންދާ ހިނދު ކޮންމެ ވެސް އެކަކަށް ދެރައެއް ލިބޭތީ އެވެ. އެކަކަށް ދެރައެއް ދީފައި އަނެކާ އަށް އުފަލުގައި ނޫޅެވޭނެ ވާހަކަ ވެސް ބުނެ އުޅެއެއް ނޫން ހެއްޔެވެ.

ހިތްފަޅައިގެންދާ މީހާ އަށް އޭނާގެ ހަގީގީ ލޯބި ލިބޭނެ ވާހަކަ ވެސް އޮވެ އެވެ. އަދި ވަކިވެގެންދާ ދެ ހިތުގެ ތެރެއިން ދެން އޮންނަ ހިތް ހަމަ އެގޮތުގައި އޮވެ ހަލާކުވެގެން ދަނީއޭ ވެސް ބުނެވެ އެވެ.

މިއީ ހަމަ ހައްތަހާ ވެސް ދޮގެވެ. ނުވަތަ މިއީ ވެސް އަހަރެންގެ މަންމަ އާއި ބައްޕަގެ ލޯބީގެ ވާހަކަ ކަހަލަ ވާހަކަ އެކެވެ.

ފާސިރުއާ ވަކިވުމަށް ފަހު އަހަރެން ހީކުރީ ހަގީގީ ލޯބި ދަސްވެ، ހަގީގީ ލޯބި ލިބި، އުމުރުގެ ބާކީ އޮތްބައި "ޕްރިންސް ޗާމިން" އަކާ އެކު ހޭދަކުރުމަށް ލިބުނީ އަހަންނަށް ކަމަށެވެ. ފަހަރެއްގައި އަހަންނަށް މިހެން ހީކުރެވުނީ ފާސިރު އާއި އަހަރެންގެ ގުޅުމުން ހުރިހާ ދެރައެއް ލިބުނު މީހަކީ އަހަރެން ކަމުގައިވާތީ އެވެ.

އަހަންނަށް ކެހި ދީފައި ފިލީ ފާސިރެވެ. ފުޓްބޯޅަ ކުޅެން ހުންނަ ފޯރިއަކާ ހެދި ދެ މީހުންގެ ލޯބި ފައްކާކުރުމަށް ވަގުތު ނުލިބުނީ ނުވަތަ ވަގުތު ނުދިނީ ފާސިރެވެ.

އެހެންވީމަ ލޯބީގެ ވާހަކަތަކުގައި ލިޔެފައި އޮންނަނީ ހަގީގަތެއް ނަމަ އާހިރުގައި ހުރިހާ މޮޅެއް ލިބެން ޖެހޭ މީހަކީ އަހަންނެއް ނޫން ހެއްޔެވެ؟ ފައިސާވެރި މަހުޖަނަކާ އިނދެވުމުން އަހަރެން ހީކުރީ ހަމަ އަސްލަށް ވެސް ވާހަކަ ފޮތުގައި އޮތް ޕްލޮޓް ހަގީގަތަކަށްވީ ކަމަށެވެ.

ނަމަވެސް އެކަން އެހެނެއް ނުވި އެވެ. ހުރިހާ ދެރައެއް އަހަންނަށެވެ. ހިތްތެޅުނީ ވެސް އަހަރެންގެ އެވެ. ކުރީގެ ލޯބިވެރިޔާގެ ހަނދާންތަކުން އަރައިނުގަނެވުނީ ވެސް އަހަންނަށެވެ. އަދި ލިބުނު ހިތްހެޔޮ ފިރިމީހާ އަށް ވަފާތެރިނުވެވުނީ ވެސް އަހަންނަށެވެ.

** ** **

ފޯނަށް އައި ޓެކްސްޓް މެސެޖު ކިޔައި ޑިލީޓްކޮށްލުމަށް ފަހު އަހަރެން އަނެއްކާވެސް ލޯގަނޑުން މޫނު ބަލައިލީމެވެ. ތިން އަހަރުގެ އަންހެން ދަރިފުޅު އޮތީ އަހަރެމެން ނިދާ އެނދުގަ އެވެ. ނިދިފަ އެވެ. ކޮޓަރީގެ ކަނެއްގައި ބަހައްޓާފައި ހުރި ކުޑަ އެނދެއްގައި އެ އޮތީ އަހަރެންގެ ނުވަ މަހުގެ ފިރިހެން ދަރި އެވެ.

ސަމީރުވީ އޭނާގެ އޮފީހުގެ މަސައްކަތެއްގައި ކޮންމެ ވެސް ރަށަކަށް ގޮހެވެ. އަހަރެން މި ރީތި ވަނީ ބޭރަށް ދާށެވެ. ކަނދުރާގެ ދެ ފަޅި އަށް ސެންޓް ޖަހައިގެން އަތް ދަބަސް ހިފައިގެން ބޭރަށް ނުކުތްއިރު ދިހައެއް ޖަހަނީ އެވެ. އެއީ ފިނި ރޭގަނޑެކެވެ. 

އަހަރެން ބަލާ އައިސް އޮތް ޕްރައިވެޓް ކާރަށް އެރުމުން ވަކިން ބޮޑަށް ފިނިވި އެވެ. އެއްގޮތަކަށް ވެސް އޭގެ އެތެރެއިން ބައްދައިގަތް ފިނިކަމެއް ނޫނެވެ. އެ ތެރޭގައި ހުރި ޒުވާނާގެ މޫނު ޒަމާންގަނޑަކަށް ފަހު އަނެއްކާވެސް އެހާ ކައިރިން ފެނުނީމަ ވީގޮތެކެވެ.

"މިހާރު މާ ރީތި"

އެއީ އޭނާ އަށް އަހަރެން އެއްލަން އުޅުނު ތައުރީފެވެ. ނަމަވެސް އޭގެ ކުރިން އޭނާ އެޔެއް އެއްލައި މަގޭ ހިތް އަނެއްކާވެސް ފަތަހަކޮށްފި އެވެ.

ފާސިރުގެ މި ތައުރީފުގައި ޖެހި ފުރާވަރުގެ އަންހެން ކުއްޖެއް ފަދައިން އަހަރެންގެ ހިތް އަނެއްކާވެސް ނިކަން ފަސޭހައިން ކަތިލެވިއްޖެ އެވެ. ދެން ހިތަށް އެރީ އަނެއްކާވެސް މާ ކުރީގެ ވާހަކަ އެކެވެ.

"ބްރޭކްއަޕެއްގައި ނުވަތަ ލޯބިން ގުޅިގެން އުޅުނު ދެ މީހަކު ރުޅިވުމަށް ފަހު އޭގެ ތެރެއިން ކުރި ލިބެނީ އެންމެ އަވަހަށް ކައިވެނީގެ ގޮށްޖަހައި ބާރުކޮށްލާ މީހާ އަށެވެ."

މީގައި އޮތީ ތެދަކަށް ވާ ހިސާބަކާއި ދޮގަކަށް ވާ ހިސާބެކެވެ. އެއީ ކޮބައިކަން ބުނެދޭން އެނގޭނީ ހަޔާތުގެ ދަތުރުގައި އެއް ފަހަރު ނަމަވެސް ލޯބީގެ އަސްލު ރަހަ ތަޖުރިބާކުރެވިފައިވާ މީހަކަށެވެ.