"މަންމާ! މަންމާ!، އެބުޅާ އެއޮތް އަންނަނީ، އަހަންނާ ދިމާލަށް އެއަންނަނީ، އާތް! އައްދޯއި" އަހަރެން ދުވަމުން ހަޅޭލެވީމެވެ. ވަށައިގެން ފެންނަނީ ފަޅުކަމެވެ. މި އުޅެވެނީ ގޭ ކައިރީގައިކަން އަހަންނަށް އެނގެ އެވެ. ކުއްލިއަކަށް ކުރިމަތިން ފެނުނު ކަޅު ބުޅާ އެތަނަށް އައީ ކިހިނެއް ކަމެއް ނޭނގެ އެވެ. އެސޮރު ފުރަތަމަ އަހަންނަށް ބަލަން އޮތީ އެވެ. ވަގު ފާޑަކަށެވެ. އޭތީގެ ލޯފެނިފައި ވެސް އަހަރެން ޖެހިލުން ވިއެވެ. ކުރިއަށް އެންމެ ފިޔަވަޅެއް ވެސް ނޭޅުނީ އެހެންވެއެވެ. މަޑުމަޑުން ފަސްފަހަތަށް އަހަރެން ދާންފެށުމުން އެސޮރު ބޯހިއްލާލި އެވެ. އަހަރެން ބަލާކަށް ނުހުރެ ފަހަތަށް އެނބުރި ދުއްވައިގަތީ އެވެ. އެ ކަޅު ބުޅާ އަހަރެންނާ އަރާ ހަމަކުރީ ކިހިނެއް ކަމެއް ނޭނގެ އެވެ. އޭތި އައިގޮތަށް އައިސް އަހަރެންގެ ފައިގާ ވަކިއެޅުމާއެކު ފަލަމަސްގަނޑުގައި ދަތްއެޅި އެވެ. އަހަރެން ތެޅިފޮޅެމުން ސަލާމަތަށް އެދި ގޮވީމެވެ. އެހީވާނެ އެކަކު ވެސް ނެތެވެ. އެބުޅާ އެންމެ ތަންފުކެއް ވެސް ދުލެއް ނުކުރި އެވެ. ދަތް އެޅި ގޮތަށް މަސްގަނޑުގެތެރެއަށް އޭގެ ދަތްތައް ވައްދާލައިގެން އޮވެ ވަކިއަޅަމުން ދިޔަ އެވެ. އޭރު އަހަރެންގެ ފައިން ރޮނގު ހަދާލާފައި ލޭތައް ފައިބަން ފަށައިފިއެވެ. ކުރިން ވަކިއެޅިތަންތަން ވެސް ހުރީ ލޭކޮށާލާފައި ހުރިހެންނެވެ. ނަގާ ދިލަޔާ ވާތަދަށް ކެތްވާވަރެއް ނޫނެވެ. ނަމަވެސް މީހަކު ނުފެނުނެވެ. ދުވެވެނީ ގެއާ ދުރަށެވެ. އެކަމަކު ކުރިއަށް ދެވޭހެނެއް ހިޔެއް ނުވެއެވެ.
"މީ ހުވަފެނެއް... މީހުވަފެނެއް، އަހަރެން ބޭނުންވަނީ ހޭލަން، ހިބާ... ހޭލަން މަސައްކަތްކުރޭ، މި ބިރުވެރި ހުވަފެނުން ހޭލާ"
އަހަރެންގެ އަމިއްލަ ނަފްސަށް ވިސްނައިދޭން މަސައްކަތްކުރަމުން ޟަމީރު ގޮވާލިއެވެ. އެއާއެކު ހޭލަން މަސައްކަތް ފެށީމެވެ. ނަމަވެސް ހަތަރެސްފައި ތަޅުވައެއްނުލެވުނެވެ. މަދު ވަގުތުކޮޅެއްގެ ތެރޭ އަހަންނަށް އޮވެވުނީ ކޮޓަރީގައިކަން އެނގުނެވެ. ވަށައިގެންވި އަނދިރިކަން ފިލާ އަހަރެންގެ ލޮލަށް ފެންނަން ފެށީއެވެ. އެކަމަކު އަހަރެން ހައިރާންވެ އަންތަރީސްވީ އަހަރެންގެ ލޯ ނުހުޅުވާ އޮތް އިރުވެސް ކޮޓަރިއަށް ވަދެނުކުމެވާ އަހަރެންގެ މަންމަ ފެންނާތީ އެވެ. އަދި ކޮޓަރީގައި ހުރި ރޭޑިއޯގެ އަޑު ވެސް އަހަންނަށް އިވެމުންދާތީ އެވެ. ހަށިގަނޑުގެ އެއްވެސް ބައެއް ގުޑުވާލުމުގެ ބާރު އަހަންނަށް އެވަގުތު ލިބިފައެއްނެތެވެ. އެކަން އެނގޭވަރަކަށް އަހަރެންގެ ސިކުނޑި ހާސްވެ މީހާ ތެޅިފޮޅެން އެތައް މަސައްކަތެއް ކުރެވެމުންދިޔަ އެވެ. ނަމަވެސް ބޭރުފުށުން އެހެންމީހުންނަށް ފެންނަނީ އަރާމު ނިންޖެއްގައި އަހަރެން އޮތްތަންކަން ގައިމެވެ.
"ހިބާ... ހިބާ.." އަހަރެން ބަލަހައްޓައިގެން އޮއްވައި ކުދިކިޔަމުން އައި މަންމަ އަހަރެން ކޮނޑުގައި އަތްޖައްސާލަމުން ގޮވާލީ ހިތްހަމަނުޖެހިފައި ހުރި ރާގެއްގަ އެވެ. އެހިނދު އަހަރެންގެ ހަށިގަނޑު ކޮންމެވެސް ނޭނގޭ ބާރަކުން މިނިވަންވި ކަހަލައެވެ. ހަތަރެސްފަޔަށް އޭގެ އަމިއްލަ ޒާތުގައި މިނިވަންކަމާއެކު ހަރަކާތްތެރިވުމުގެ ފުރުޞަތު ލިބިގެން ދިޔައީ އެވެ. އަހަރެން ފުންމައިގެން ތެދުވީ ސިއްސައިގެން ދިޔަ މީހަކު ފަދައިންނެވެ. އެކަމާ މަންމަ ވެސް ހުރީ ހައިރާންވެފަ އެވެ.
"ހޫން! ބިރުވެރި ހުވަފެނެއް ފެނުނީތަ؟... ސާބަސް ހަމަ... މަހާނަމައްޗަށް އަވިއަރަންދެން ނިދަން އޮންނަންޏާ ވާނީ ތިކަހަލަ ކަންތައް، ދެން ވެސް ދޭބަލަ ފެންވަރައިގެން ނުކުންނަން" އަހަރެން ހުރިގޮތުން މަންމައަށް ކޮންމެވެސް ވަރަކަށް އަހަންނަށް ވީގޮތް އެނގުނީހެން ހީވިއެވެ. އަނގައިންނުބުނެ އަހަރެން އަނެއްކާ ވެސް މަޑުމަޑުން އެނދުގައި އިށީނީއެވެ.
މިފަހަކަށް އައިސް އަހަންނަށް މިފެންނަ ހުވަފެންތަކާމެދު އަހަރެން ކަންބޮޑުވެ ބިރުގަންނަން ފަށައިފިއެވެ. ތެދަށް ބުނަންޏާ ނިދަން ވެސް ބިރުގަންނަނީއެވެ. ހަމަ ނިދޭއިރަށް އެކަޅު ބުޅާ އަންނަނީ ކޮންތާކުންކަމެއް ނޭނގެއެވެ. އޭތި އައިސް އަހަރެންގެ ގައިގާ ވަކި އަޅާ ދަތްއަޅަނީ އެވެ. ހޭލެވެނީ ލެއިން މީހާ ތަތްތެޅޭ ފަހުންނެވެ. ހޭލުމާއެކު އިރުގަނޑެއްވަންދެން ގައިގާ މަޑު ރިހުމެއް ހުރެއެވެ. އޭގެ އިތުރުން އަހަރެން މިހާރު ވަރަށް ވަރުބަލިވެއެވެ. އެއްވެސް ކަމެއް ކުރާހިތެއް ނުވެއެވެ. މަންމަ ގާތު އެވާހަކަތައް ކިޔައިދިނީމެވެ. ދޮންތަ ބުނަނީ އަހަރެން އުޅެނީ މީހުންގެ ސަމާލުކަން ހޯދުމަށް ކަމަށެވެ. އެހެންވެ ހަމަނުޖެހޭ ވާހަކަ ދައްކަނީ ކަމުގައެވެ. މަންމައަށް ވެސް ޤަބޫލު ކުރެވުނީ އެހެންނެވެ. އަހަރެން ވެސް ޤަބޫލުކުރަން ބޭނުންވަނީ އެއީ ހަމައެކަނި ފެންނަ ބިރުވެރި ހުވަފެންތަކެއް ކަމަށެވެ. އެކަމުގައި އެއްވެސް ހަޤީޤަތެއް ނެތްކަމުގައެވެ.
"ތިފެންނަ ބިރުވެރި ހުވަފެންތަކާ އެއްޗިއްސެއް ނުފެންނާނެ ބަރާބަރަށް ނަމާދުކޮށް ޤުރުއާން ކިޔަވާ ހަދަންޏާ" ޓީވީ ރިމޯޓު ހިފައިގެން ސޯފާ މަތީ އަހަރެން ނެގިމަޑުވެފައި އިންދާ މަންމަ ބުންޏެވެ. އެވަރު އަހަންނަށް ވެސް އެނގެއެވެ. އެކަމަކު އެކަން ކަން މިހާރު ކުރާހިތް ނުވަނީ އެވެ. އެގޮތް މިގޮތަށް އުޅެ ދުވަސް ނިމިގެން ދާއިރު ގައިން ތާހިރުވުން ވެސް އަހަންނަށް އޮންނަނީ ބޮޑު ކަމަކަށް ވެފައެވެ. ފެންފޮދެއްގައި ޖެހުމަކީ އަހަރެން ފަކުރު ގަންނަ ކަމަކަށް ވެއްޖެ އެވެ.
މިބަދަލުތައް ފާހަގަކުރެވުނީ އަހަންނަށް އެކަންޏެވެ. ބައެއް ރޭ ރޭ ނިދާފައި އޮވެފައި ފުންމައިގެން ތެދުވެވެއެވެ. ކީއްވެކަމެއް ހަނދާނެއް ނުހުރެއެވެ. އެކަނިމާއެކަނި އެތައް އިރެއްވާންދޭން އަހަރެން ރޯން އިންނަމެވެ. އެއީ ވެސް ކީއްވެކަމެއް އަހަންނަކަށް ބުނާކަށް ނޭނގެއެވެ. ހަނދާން ބަލީ އެވެ.
"މީހުންގެ ސަމާލުކަން ހޯދިޔަސް ތީ ބޮޑުވަރު ހިބާ، ޖިންނި އަވަލާފައޭ ހުރީ ކީމަ ކަލޭ ހީކުރީ އެންމެންގެ ސަމާލުކަން ކަލެއަށް ހުއްޓޭނެ ކަމަށް ދޯ، އެންމެނަށް އެނގޭ ކަލޭގެ ފޭކުކަން، ތި ޖޮބަކަށް ނުދާންވެގެން ދައްކާ ބަހަނާ ދޯ، އެހެންނު ވާނީ، އަތުންފައިން ކަމެއްނުކޮށް ގޭގައި ކައްކާލީމާ ކާލައިގެން އުޅެން ކިހާ ފަސޭހަ" މިއީ އަހަންނަށް ވާގޮތް ދެވަނަ ފަހަރަށް މަންމަ ގާތު ބުނަން އުޅުމުން އަހަރެންގެ ދޮށީ ދައްތަ ބުނި އެއްޗެވެ. އަހަރެންގެ ބަހަށްވުރެ ދޮންތަގެ ބަސް މަންމަ ގާތުގައި ވިކެންވީ ކީއްވެކަމެއް ނޭނގެއެވެ. އަހަންނަށްވުރެ މަންމަގެ ސަމާލުކަން ދޮންތައަށް ލިބެންވީ ކީއްވެބާއެވެ. ޢާއިލާގައި އަހަރެން ބާކީވެފައި ހުންނަ ކަމުގެ އިޙުސާސް ކުރެވެންވީ ކީއްވެހެއްޔެވެ. އެތައް ސުވާލެއް އަހަރެންގެ ދޫ ހިމޭން ކުރުވަމުންދިޔައެވެ. އެންމެނާ އެކަހެރި ކުރުވިއެވެ. ކޮންމެ ގޮތެއްވިޔަސް އަހަރެން އެއްވެސް ވާހަކައެއް އެކަކު ގާތުގައި ވެސް ނުދައްކަން ފެށީ އެދުވަހަށް ފަހުއެވެ. އެކަމަކު ޢާއިލާ ތެރޭގައި އުޅޭއިރު އަހަންނާ ދިމާލަށް "ޖިންނި ހިބާ، ޖިންނި ކުއްޖާ، މޮޔަ މީހާ..." މިފަދަ ނަންނަމުން ދޮންތަ މުޚާޠިބު ކުރާއިރު އެކަން ހުއްޓުވާނެ އެކަކު ވެސް ނެތެވެ. އެކަމުން އަހަންނަށް ކުރާ އަސަރު ދެނެގަންނާނެ މީހަކު ނެތެވެ. ނަފްސާނީ ގޮތުން އަހަރެން ބަލިކަށިވަމުންދިޔަ މިންވަރު ބަލާނޭ ލޮލެއްނެތެވެ.
ވަރަށް ހިތްވަރުކޮށްފައި އަހަރެން ގައިންތާހިރުވެ ހިނައިގަތީ މުޅިން އައު އަޒުމަކާއެކުއެވެ. ދީނީ ކަންތައްތަކަށް އަހުލުވެރިވުމުން ފަހަރެއްގައި އަހަންނަށް އިހުސާސް މިކުރެވޭ ކަންކަން ހުއްޓުމަކަށް އަތުވެދާނޭކަމަށް ހީކޮށްފަ އެވެ. ހިތްވަރު ނެރުނީ އަމިއްލައަށެވެ. އަހަރެން ނަމާދަށް އަރަނީ ވެސް ހިތްވަރަށެވެ. ގަޑިން ގަޑިއަށް ކެޔަސް އެފަދަ ކަމެއްކުރަން ގައިގާ ވަރު ނުހުންނަންވީ ކީއްވެކަމެއް ނޭނގެއެވެ. މަރަށް ފުރާނައަށް އުޅޭމީހަކު ފަދައިން އަހަރެން އުޅުނީމެވެ. ތިންވަނަ ދުވަހު ނަމާދަށް އަރަންވާއިރަށް އަހަރެންގެ ހަށިގަނޑު އެކަމަށް ހުރަސް އެޅިއެވެ. އަންހެން ކުއްޖަކަށްވުމާއެކު ކޮންމެ މަހަކު އެފަދަ ދުވަސްތަކެއް އައުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ނޫންކަން އަހަންނަށް އެނގެއެވެ. އެކަމަކު ހައިރާންވަނީ އެކަމުގައި މާގިނަ ދުވަސްވާތީ އެވެ.
ގޭގައި ހުންނަން އަހަރެން ފޫހިވާން ފެށީ ކީއްވެކަމެއް ނޭނގެއެވެ. އަހަރެން ފުރައިގެ އެހެން ކުދިންނެކޭ އެއްގޮތަށް ފޭސްބުކްއާ އެހެނިހެން ސޯޝަލް ނެޓްވޯކްތަކުގައި ވަގުތު ހޭދަކުރުމަކީ ލިބޭ ހުރިހާ ހުސްވަގުތެއްގައި ކުރާ ހަމައެކަނި ކަންތަކެވެ. ނަމަވެސް އެއްވެސް ކަމެއް ކުރާހިތެއް އަހަރެން ނުވެއެވެ. އަހަރެން ބޭނުންވީ ގެއިން ބޭރަށް ނުކުމެލާށެވެ. އުމުރުން ވިހިއަހަރު ފުރުނުތާ އަދިވީ މަހެއްހާ ދުވަހެވެ. މަންމަމެން އަހަރެން ހިފަހައްޓާކަށް މަސައްކަތެއް ނުކުރެއެވެ. އެހެންވެގެންނާއެކު ކޮންމެ ރެއަކު ކަހަލަ ގޮތަކަށް އަހަންނަށް ބޭރަށް ނުކުތުމަކީ އުނދަގޫކަމަކަށް ނުވިއެވެ.
"އެބަ އަންނަން މަންމާ، ދުރަކަށް ނޫނޭ މިދަނީ، ސުޕާރީކޮޅެއް ގަނެލައިގެން ލަހެއްނުވެ އަންނާނަން" ބޭރަށް ނުކުންނަމުން މަންމަގެ ސުވާލުތަކަށް އަހަރެން ދޭ ޖަވާބަކީ އެއީއެވެ. އެމީހުން ގާތު ތެދު ހާމަކުރުމުން އަހަންނަށް ވާނެ ފައިދާއެއް ނެތެވެ. އެމީހުންނަކީ އަހަރެންގެ ވާހަކަތަކަށް ސަމާލުކަން ދޭނޭ ބައެއް ނޫންކަން އަހަންނަށް މިހާރު އެނގެއެވެ.
ގެއިން ބޭރަށް ނުކުމެލެވުމުން އަހަންނަށް ހީވީ ބަންދުކޮށްޓެއްގެ ތެރޭގައި އިނދެފައި ނުކުމެވުނު ހެންނެވެ.
ހިނިތުންވެލައިގެން ހުރެ އަހަރެން ހިނގާފައި ދިޔައީ ވަކި މިސްރާބެއް ކަނޑައަޅައިގެން އެތަނަކަށް ދިއުމުގެ ބޭނުމަކު ނޫނެވެ. ނަމަވެސް އަހަރެންނަށް އައިސް މަޑުކޮށްލެވުނީ އަތިރިމަތީ މަގޫގަސްތަކާ ދިމާލުގަ އެވެ. ރީތި ދޮންވެލިގަނޑުމަތީ އަރިއަކަށް އޮތް ރުއްގުޅިއެއް ފެނި އޭގެ މަތީ މޫދަށް ކުރިމަތިލައިގެން އިށީނދެލީމެވެ. މަންމަ ގާތު ބުނިހެން އަހަރެން އެތަނަށް ދިއުމުގެ ކުރިން ފިހާރަކަށް ވަދެ ފަސްރުފިޔާގެ ސުޕާރީ ގަތީމެވެ. ހުރަހަށް އޮތް ރުއްގުޅިގައި ރަނގަޅަށް ފޫހަރުކޮށްލެވުމާއެކު އަތުގައި އޮތް ކޮތަޅުން ސުޕާރީ ޕެކެޓެއްނަގާ ކަނޑާލުމާއެކު ފުށްފުކުން ކާންފެށީ އެވެ. ވަގުތާމެދު އެއްވެސް ޚިޔާލެއް ފިކުރެއްނެތި އަހަރެން އިނީ ގޮނޑުދޮށަށް ބީއްސާލަފައި ދާ ރާޅުތަކަށާ ދުރުން ފެންނަން އޮތް ރަށަށް ބަލަހައްޓައިގެންނެވެ. ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް އަހަންނަށް ލިބެމުންދިޔައެވެ. އެހެންއިންދާ ކުއްލިއަކަށް ގޮނޑުދޮށަށް ޖެހި ރާޅާއެކީ އަހަރެން ދިޔައީ ސިއްސައިގެންނެވެ. އާދަޔާ ޚިލާފުގޮތަކަށް ރާޅުގަނޑުން ފޮނުތައް އަރާލާފައި ދެމިގަތީ އެހާ އަވަހަށެވެ. ހަމައެއާއެކު އަހަރެން ބަލަން އިންދާ ދެވަނަ ފަހަރަށް ވެސް އެކަހަލަ ގޮތަކަށް ރާޅެއް ބިންދާލައިފި އެވެ. އަހަރެން އިނީ މޫދާ އެހާ ކައިރީގައި ނޫނަސް މިފަހަރު އަހަރެންގެ ގަޔަށް ލޮނު ބުރިއެވެ. އަހަންނަށް މަޖަވާފައި ހީނގަނެވުނީ ކީއްވެކަމެއް ނޭނގެއެވެ. ހެމުން ހެމުން މޫނަށް ބުރި ލޮނުތިކިތައް އަހަރެން ފޮހެލީމެވެ. އަދި އިސްއުފުލާލުމާއެކު އެއްފަރާތުގައި މީހަކު ހުރިހެން ހީވެ އަހަރެން ބަލާލީމެވެ. އާނއެކެވެ. އަހަންނާ ފަސްވަރަކަށް ފިޔަވަޅު ދުރުގައި ހުއްޓިލައިގެން މޫދާ ދިމާލަށް ބަލަހައްޓައިގެން ހުރީ ފިރިހެނެކެވެ. ކަޅުފޮއެ ރެއެއްކަމުން މާބޮޑު އަލިކަމެއް ނެތެވެ. އެޒުވާނާ އަހަންނަށް ބަލާވެސް ނުލައެވެ. އަހަރެން ވެސް އޭނާ އެތަނަށް އައިގޮތަކާމެދު ސުވާލެއް ނުއުފެދެއެވެ. އަހަރެން ނޫނަސް މިފަދަ ތަންތަނަށް ހިތްހަމަޖައްސާލާ ވައިޖައްސާލަން އަންނާނެ އެތައް ބަޔަކު ތިބޭނެކަން އަހަންނަށް އެނގޭތީއެވެ. ދެން ވެސް ސުޕާރީއަކަށް ފަހު ސުޕާރީއެއް ކަމުން ދިޔައީމެވެ. ގިނައިރެއްނުވެ އެއްކަލަ ޒުވާނާ އޭނާ ހުރިވަރަށްވުރެ އަހަންނާ ގާތްވާހެން ހީވިއެވެ.
"ސުޕާރީ ކޮޅެއް ލިބިދާނެތަ" ފިރިހެންވަންތަ ބަރު އަޑަކުން ރުއްގުޅީގެ ކޮޅުގައި މަޑުކޮށްލައިގެން ހުރެ އެ ޒުވާނާ އަހާލިއެވެ. އަހަރެން އެއްވެސް އެއްޗެއް ބުނުމެއްނެތި އަތުގައި އޮތް ކޮތަޅުން ސުޕާރީއެއް ނަގާ ދިއްކޮށްލީމެވެ. އެއާއެކު އޭނާ ސުޕާރީގައި ހިފަމުން ރުއްގުޅީގެ ކޮޅުގައި އިށީނެވެ. އޭރު އަހަރެން އިނީ ރުއްގުޅީގެ އަނެއްކޮޅުގަ އެވެ. ދެން ވެސް އަހަރެން އަޅައެއްނުލަމެވެ. އެއީ އެހާ ބޮޑުކަމެއްކަމުގައި އަހަންނެއް ނުދެކެމެވެ. ދެން ވެސް އެޒުވާނާ އަހަންނާ ދުރުގައި މާގިނައިރަކު ނީނެވެ. މަޑުމަޑުން އަހަރެންގެ ގާތަށް ޖެހެމުން އައިސް ކިރިޔާ ގައިގާ ނުޖެހޭ ހިސާބުގައި މަޑުކޮށްލިއެވެ.
"އަހަރެން އުޅެނީ މިތާކައިރީގައި އޮތް ސަފާރީއެއްގައި، ވަރަށް ގިނަ ރޭ ރޭ މިރަށަށް ފައިބަން، ހާދަ ސުޕާރީއެކޭ ތިކަނީ، އެނގޭތަ، އަހަންނަށް ވެސް ވަރަށް ކަމުދޭ މިކަހަލަ ރޭ ރޭ، އަޑުމަޑުވެފައި ކިހާ ހިތްފަސޭހަ، މީހެއްގެ ހިލަމެއްނުވުމަކީ އަދި އެންމެ ހިތްހަމަޖެހޭ ކަންތައް، ތީ މިރަށު ކުއްޖެއް ދޯ" އެޒުވާނާ ވާހަކަދައްކަމުން އޭނާއާ ބެހޭ ވަރަށް ގިނަ އެއްޗެހި އޮޅުން ފިލުވައިދިނެވެ.
އަހަރެން އޭނާ ގާތު އެހުމަކާ ނުލައެވެ. ސުވާލު އުފެދުނީ އަހަރެން މިހާރު މިތަނަށް އަންނަތާ ދެތިން ރޭ ވެދާނެއެވެ. އެކަމަކު އެޒުވާނާއެއް ނުދެކެމެވެ. މަޑުމަޑުން އޭނާ ދައްކާ ވާހަކައަށް "އާނ!... ހޫނ!" ލައްވަން އަހަރެން ފެށީމެވެ. އަދި އޭނާގެ ވާހަކައިގައި އަހަންނަށް ބައިވެރިވެވުނީ ކޮންއިރަކު ކަމެއް ނޭނގެއެވެ. ވަކިވެގެން އަހަރެން ގެއަށް އައި އިރު އަހަރުމެން ދެމީހުންނަކީ ރައްޓެހިންކަމުގައި ވީ ކިހިނެއްކަމެއް ނޭނގެއެވެ. އެއްގަމަށް އަރައިގެން ވަކި ހިސާބަކަށް އައިސް އަހަރެން ފަސްއެނބުރި ބަލާލީ އޭނާ އަހަރެންގެ ފަހަތުން އަތުވެދާނޭ ހިތަށް އަރާފައެވެ. ނަމަވެސް އެޒުވާނާ ރުއްގުޅި މަތީ އިންގޮތަށް އިނީއެވެ. އަހަރެން އެނބުރި ގެއަށް އައީއެވެ.
އަހަރެން ބޭރަށް ނުކުންނަނީ ކޮންމެ ރެއަކު ވެސް އެއްގަޑިއެއްގައިކަން އަހަންނަކަށް ފާހަގައެއް ނުކުރެވެއެވެ. އެކަން އެނގުނީ ހިތްހަމަނުޖެހިފައި ހުރި މަންމަ ހަޅޭލަވައިގަތުމުންނެވެ. ނަމަވެސް ބޭރަށް ނުނިކުމެ އަހަންނަކަށް ކެތެއް ނުވެއެވެ. ނުކުމެއްޖެއްޔާ އަހަރެން ދަނީ އަތިރިމައްޗަށް އެއްކަލަ ރުއްގުޅި އޮތްދިމާލަށެވެ. އެތަނުން އަހަންނާ އެޒުވާނާއާ ދިމާވެއެވެ. ފަހުން ފަހުން އައިސް އަހަންނަށް އިރުއޮއްސޭ ވަގުތު އެޒުވާނާ އަހަރުމެން ގޭ ދޮށުން ވެސް ފެނެއެވެ. ހިތަށް އެރީ އޭނާ އަހަންނާ އަޅައިގަނެގެން ގޭދޮށަށް އަންނަނީ ކަމުގައެވެ. ނަމަވެސް އަހަރެން މޭޖެހެން ފެށީ އެޒުވާނާ އަހަރެންގެ ކޮޓަރިން ފެންނަން ފެށީމައެވެ. އެހެންވާންވީ ކިހިނެއް ހެއްޔެވެ. ގޭގައި ބޮޑުވެފައި ތިބި ކޮންމެ ކުއްޖަކަށް ކޮޓަރިއެއް ހުންނާތީ އަހަރެންގެ ކޮޓަރިއަށް ވެސް މަންމަ ނޫނީ ވަންނާނެ މީހަކު ނޫޅޭނެއެވެ.
ދަންވަރު އަހަރެންގެ ގައިގާ ވަކި އަޅަމުން ދިޔައީ ކަޅުބުޅަލެއް ނޫނެވެ. އަދި ނިދީގައި ހުވަފެނުގައެއް ވެސް ނޫނެވެ. ފެންނަ ފެނުމަށް އިންސާނެއްހެން ހުއްޓެއްކަމަކު އެ ޒުވާނާގެ ލޮލުގެ ކަޅި ދެލޮލުގައި ތަފާތުކަން ފާހަގަކުރެވުނީ ވެސް ކޮޓަރިން އޭނާ ފެންނަން ފެށި ފަހުންނެވެ. ހަތަރެސްފައި ޖަހައިގެން އޮތް ޖަނަވާރެއް ހެން ހަލުވިކަމާއެކު އޭނާ އައިސް އަހަރެންގެ އެނދުމައްޗަށް ޖެހިގަތެވެ. އަހަރެންގެ ހަތަރެސްފައި ތަޅުވާނުލެވިފައި އޮތީމެވެ. އޭނާ އަހަރެންގެ މޫނާ މޫނު ކައިރިކޮށްގެން އޮވެ ބޯއަރިކޮށް ކޮށްފައި ބަލަމުން ދިޔައެވެ. ވާހަކައެއް ނުދައްކަ އެވެ. އޭނާ އަހަރެންގެ ގައިގާ އަތްލާން ފެށުމުން އަހަންނަށް ރޮވެން ފެށުނެވެ. ނަމަވެސް އަނގައިންނެއް ނުބުނެވެއެވެ. ދުލުގައި ވާތްގެއް ނުހުރެއެވެ. ލެއްވެނީ ފާޑެއްގެ އަޑެކެވެ. އޭނާ ބޭނުން ކަމެއް އަހަންނަށް ކުރެއެވެ. އަހަރެން ގަދަހަދަން ފެށުމުން އޭނާ އަހަރެންގެ ފަލަމަސްގަނޑުގައި ވަކިއަޅާ ހަދައެވެ. ހެނދުނު ތެދުވެ ބަލާލާއިރު އެތަންތަނުގެ ތެޔޮހަން ކެނޑިފައި ހުރެއެވެ. އެވާހަކަތައް މަންމަ ގާތު ބުނަން ހިތަށް އެރިއެވެ. އެކަމަކު އޭރުން ވެސް ބޮލުގައި އެޅޭނީ އިތުރު ބަދުނާމެކެވެ. އަހަރެން ވިޔާނުދާ ގޮތްގޮތަށް އުޅެފައި އެކަން ފޫބައްދަނީ ކަމުގައި މަންމަމެން ދެކޭނެކަން ޔަޤީނެވެ.
ފަހުން އައިސް ދުވާލުގަޑީގައި ވެސް އަހަރެން ހަމަ ހުރެފައި އަނބުރައިގަނެވެ. މަންމަމެން އަހަރެން ޑޮކްޓަރަށް ގެންދިޔައެވެ. ނަމަވެސް އަހަންނަށް ވާގޮތެއް ނޭނގުނެވެ. ބައެއްފަހަރު ލޭމަދުވަނީ އެވެ. ސާފުތާހިރު ކަންމަތީ ހުރެވެނީ ދެދުވަހުއެވެ. އެއަށްފަހު އަހަރެންގެ ހަށިގަނޑުން އަބަދުމެ ހުންނާނީ ލޭތިކި ޖަހާލަ ޖަހާލަ އެވެ. އަހަރެންނަށް އާދަޔާ ޚިލާފުކަމެއް ވާކަން މަންމަގެ ސަމާލުކަމަސް އައީ ވެސް ގެއަށް އައިސް އިން މެހެމާނެއްގެ ސަބަބުންނެވެ. އޭނާ ގޭގައި ހުރި ވަގުތެއް އަހަރެން ފެންފުޅިއެއް ހިފައިގެން ކޮޓަރިއަށް އަންނަނިކޮށް ވީގޮތެއް ނޭނގި ހެޔަށްގޮތްވެގެން ވެއްޓުނީއެވެ. އަހަންނަށް ވާގޮތެއް ބަލަން ކަންވެރިއަކު ގެއަށް އައީ ދެނެވެ. އެހިސާބުން އަހަންނަށް ލިބެންފެށި ވޭނުގެ ވާހަކަ ނުދައްކާށެވެ. ނާރުތައް ބުރިބުރި ވެގެންދަނީ އެމީހުންގެ ހަށިގަނޑަކުން ނޫންވިއްޔާ އެވެ. ވީއިރު އަޅާވޭން އެމީހުންނަށް އިޙުސާސްވާނެ ހެއްޔެވެ.
"އަހަރެން ވަނަ ދީ، އޭރުން ތިހާ ތަދެއް ނުވާނެ، އަހަރެން ހިބާދެކެ ލޯތްބެއް ނުވަންތަ؟ ހިބާ އަހަރެންގެ މީހަކަށް ވެއްޖެއްޔާ ދުވަހަކުވެސް އަނިޔާއެއް ނުދޭނަން، އަހަރެން މިތަނަށް ފޮނުވީ ހިބާގެ ބޮޑުބޭބެ، އޭނާ ބޭނުންވަނީ ހިބާއާ އެގޭ ފައިޒަންއާ ގުޅެން، އެކަމަކު އެމީހުން ކަންތައް އެކުރަނީ ރަނގަޅަކަށް ނޫން، އަހަރެން ހިބާދެކެ ލޯބިވާތީ މިހުރިހާ ވާހަކައެއް ކިޔާމިދިނީ... ހިބާގެ ޢާއިލާ މީހުން ހިބާ ދައްކާ ވާހަކަ އަޑެއް ނާހާނެ، އެކަން މިހާރު ވިސްނެންވެއްޖެ އެއްނު، އެމީހުން މިހާރު މަސައްކަތް އެކުރަނީ އެމީހުންނަށް ހިބާ ފަރާތުން ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވާން، ހިބާ، އަހަރެން ވަނަދީ، ބުނޭ އާނއެކޭ" އަހަރެންގެ ލޮލަށް ސީދާ ބަލަހައްޓައިގެން އޮތްއިރު އޭތި ވާހަކަދެއްކީ ދުލަކުންނޫނެވެ. އެހެންނަމަވެސް އަހަންނަށް އިވުނީ ފިރިހެންވަންތަ އަޑެކެވެ. ފުރަތަމަ ފަހަރަށް އެއަޑުގައި އޯގާތެރިކަން އެކުލެވިފައި ހުރިކަން ފާހަގަކުރެވުނެވެ. ރޮމުން ގިސްލަމުން އަހަރެން އާނއެކޭ ބުނީ ލިބެމުން އަންނަ ވޭނަށް ހުއްޓުމެއް ބޭނުންވެގެންނެވެ.
މިއަދު އަހަރެން މިއިނީ ނުކުޅުދޭ މީހަކު ފަދައިން ގޮނޑިއެއްގައެވެ. ވާހަކައެއްނުދެއްކެއެވެ. ނުއެއްހިނގެއެވެ. އަހަންނަށްޓަކައި ހަނގުރާމަ ކުރަމުން ދަނީ އަހަރެންގެ ޢާއިލާކަމެއް ނޫނީ އަހަރެންދެކެ ލޯބިވާ އެމަޚުލޫގުކަމެއް ބުނާކަށް އަހަންނަކަށް ނޭނގެއެވެ. އިންސާނެއްގެ ފަރާތުން ނުލިބޭނެހާ އޯގާތެރިކަމާ އުފަލާ ހިތްހަމަޖެހުން އޭނާ އަހަންނަށް ދެއެވެ. މޭޖެހެނު ދުވަސް ހިނގައްޖެ އެވެ. އެކަމަކު އަހަރެންގެ މައިންބަފައިން ފަދައިން ދަރިން ބުނަން އުޅޭ ވާހަކަތަކަށް ބީރުކަންފަތެއް ދެނީ ކިތައް ޢާއިލާތަކުންބާއެވެ. އެކުދިން ދައްކާ ވާހަކަތަކަކީ ޤަބޫލުކުރަން ފަސޭހަ ނޫން ވާހަކަތަކަކަށްވާތީއޭ ކިޔާފައި އެކުދިން ޢާއިލާގެ ތެރޭގައި ބާކީވެގެންދަނީ ކިތައް ޢާއިލާގައި ބާއެވެ. އެފަދަ ކުދިންނަށް ވާގޮތްތައް އަޑުއަހާނެ މީހަކު ނެތުމުން ޖެހިލުންވާވަރާއި ގަންނާނެ ބިރު ތަސައްވަރުކޮށްލެވެނީ ތިޔައިގެ ތެރޭން ކިތައްމީހުންނަށް ބާއެވެ. ޅައުމުރުގައި މުޅި ހަޔާތް ބަރުބާދުވެ ދުށް ހުވަފެންތައް މިއަދު ވަނީ ވެއްޔާއެކުމޮޑެވި ފަސްލެވިފައެވެ. -- ނިމުނީ