ވާހަކަ

މިލްކުވާނެބާ

( 12 އެޕްރީލް 2024 އާ ގުޅޭ )

ކާމޭޒު ދޮށުގައި ފައިނާނު ބޭންދުމަށްފަހު މާޔާ ބިއްލޫރި ތަށްޓެއް ނަގައިގެން އައިސް އެ ތަށްޓަށް ފުރިޖުގައި ހުރި އަންނާރު ޖޫސްޕެކެޓުން އެތި ފޮދެއް އަޅައިދިނެވެ. އެއަށްފަހު ރެސްޓޯރެންޓުން ޕެކްކޮށްގެން ގެނެސްފައި ހުރި ކާއެއްޗެހި ކޮތަޅުން ތަށިތައް ނަގަން ފެށި އެވެ. މޭޒުމަތީ ބޭއްވި މާޔާގެ ފޯނު ވައިބްރޭޓްވާން ފެށީ އެވަގުތެވެ. އިސްކުރީނަށް ބަލާލުމާއެކު މާޔާ ނިކަން އަވަހަށް ފޯނު ނަގައިފި އެވެ. ފޯނުކޯލަށް ޖަވާބުދޭން އޭނާ ކާމޭޒު ކައިރިން ދުރަށް ހިނގައިގަތެވެ.

"ކޮންތާކު" މާޔާއަށް އިވުނީ އިޒީކިއަލްގެ އަޑެވެ.

"އޮފީހުގަ... ބިޒީ..." މާޔާ ބުންޏެވެ.

"ހެ ހެ ހެ... ރިއަލީ." ލުއި ހިނިގަނޑަކާއެކު އިޒީކިއަލް ބުންޏެވެ.

"މިވަގުތު އަސްލު ވެސް ބިޒީ. ޕްލީޒް." ފައިނާނަށް ބަލާލާފައި ފޯނުކޯލުގައި ހުރެ މާޔާ ސިއްރުން އާދޭސްކޮށްލި އެވެ. މިވަގުތު އޭނާގެ އެހީތެރިކަން ފައިނާނަށް މުހިންމުކަން މާޔާއަށް ވިސްނެ އެވެ. އެ އެކުވެރިޔާ އެހީއަކަށް އެދޭނޭ އިތުރު މީހަކު ނެތްކަން ވެސް މާޔާއަށް އެނގެ އެވެ.

"އަހަރެންނަށް ދޮގު ވެސް ހަދަނީތަ؟. ބުނަން. އޮޅުވާލައިފިއްޔާ ކަންތައް ވާނޭގޮތް ވަރަށް ގޯސްވާނެ." އިޒީކިއަލް ވާހަކަދެއްކި ގޮތުން މާޔާ ހައިރާންވި އެވެ. ހީވީ މާޔާ ހުރިތަނެއް އިޒީކިއަލްއަށް އެނގިގެން އިންޒާރު ދިން ހެންނެވެ.

"މިދަނީ... އެކަމަކު އިރުކޮޅެއްވާނެ." މާޔާ މިހެންބުނުމާއެކު އިޒީކިއަލް ފޯނުކޯލު ކަނޑާލައިފި އެވެ.

"އޮފީހުންތަ؟." ފައިނާނުގެ ގާތަށް މާޔާ އައުމާއެކު އޭނާ އަހާލައިފި އެވެ.

"ހޫމް... ސޮރީ." ނުތަނަވަސްކަމާއެކު މާޔާއަށް ބުނެވުނެވެ.

"މިޔާ ދޭ އޮފީހަށް. މާދަމާ ހޮސްޕިޓަލަށް ދާނީ." ފައިނާނު ބުންޏެވެ.

"ނާނު އެކަނިކޮށްލާފައި މިވަގުތު ދާހިތެއް ވެސް ނުވޭ. އެކަމަކު ނުގޮސްވާކަށްނެތް." ޕާރުސަލް ތަށިތަކުގެ މަތި ނަގަމުން މާޔާ ވާހަކަދެއްކި އެވެ.

"ވިސްނާފިކުރު ކުރަމުންގޮސް އަހަރެންގެ އަމިއްލަ ނަފްސަށް ގެއްލުމެއް ނުދޭނަން. މިޔާ ދިޔަޔަސް އަހަރެން މިތަނުން ތެދުވާނީ ކެވުނު ވަރަކަށް ކައިގެން. އެހެންވީމަ ހާސްނުވޭ. ހާލު ގޯސްވެ ކަމެއްވާނަމަ މިޔާއަށް ވަގުތުން ގުޅާނަން. ޕްރޮމިސް." ފައިނާނު ބުންޏެވެ. އޭނާގެ ސަބަބުން މިޔާގެ ދިރިއުޅުން މަޑުޖެހޭކަށް އޭނާ ނޭދެ އެވެ.

ހަލުވިކޮށް މިޔާ ގޮސް ކޮޓަރިއަށް ވަނެވެ. ތާޒާވެލުމާއެކު ހެދުން ބަދަލުކޮށްލައިގެން މިފަހަރު ވެސް އޭނާ ގެއިން ނުކުތީ އޮފީހަށް ދަނީކަމުގެ ބަހަނާގަ އެވެ. ނަމަވެސް އޭނާ އެ ދަނީ އިޒީކިއަލްއާ ބައްދަލު ކުރާންކަން އެނގެނީ އޭގެ ދެ މީހުންނަށް އެކަންޏެވެ.

* * * * *

ރޭގަނޑު ބާރަ ޖަހައި ދިޔައީ އެވެ. ބޮޑު ބެލްކަނީގައި ހުރި އުނދޯލީގައި ސޫޒަން އިނީ ފޫހިވެފަ އެވެ. އިޒީކިއަލްއާ މެދު ހިތުގައި ޝަކުވާ އުފެދިފަ އެވެ. ހަވީރު ގެއަށް އައިސް ވަދެލި ގޮތަށް އިޒީކިއަލް އުޅުނީ ދަރިފުޅާއެކުގަ އެވެ. ދެން އަނެއްކާ ވެސް އިރާކޮޅު އޮފީހަށް ނުކުމެގެން ދިޔަ މީހާ އަދި ގެއަކަށް ނާދެ އެވެ. މިފަހަކަށް އައިސް ސޫޒަން ގޮވައިގެން ބޭރަށް ނުކުމެލަން ވެސް އިޒީކިއަލްއަށް އޮންނަނީ ވަގުތު ނުވެފަ އެވެ. ދެ މީހުން ބައްދަލުވެ ހަމަޖެހިގެން ވާހަކަދައްކާލާނޭ ފުރުޞަތެއް ނުލިބެ އެވެ. ގިނަފަހަރު އިޒީކިއަލްއާ ވާހަކައެއް ދައްކަންވެއްޖެނަމަ ބުނެވިފައި ހުރީ ފޯނުންނެވެ.

"އިންނަން އިންނަން ކިޔަނީ. ދުވަހަކު އިނދެވޭ ގޮތެއް ވީއެއްނޫން. އެ މުސްކުޅި މީހާދެކެ އިޒީކިއަލް ވެސް ހާދަ ބިރެކޭ ގަންނަނީ." ހިތާހިތާއި ސޫޒަން ކުދި ކިޔެވެ. އިޒީކިއަލްއާ ކައިވެނި ކުރެވޭނޭ ދުވަހެއްގެ ހުވަފެން އޭނާ ދެކޭތާ ހާދަ ދުވަހެއް ވެއްޖެ އެވެ.

މައި ދޮރު ހުޅުވުނުކަން އެނގި ސޯފާގައި އިން ސޫޒަންއަށް އެ ދިމާއަށް ބަލާލެވުނެވެ. ވަގުތުން އޭނާގެ ޠަބީޢަތް ބަދަލުވެލައިފި އެވެ. ތުންފަތުގައި ހިނިތުންވުމެއް ކުރަހާލައިފި އެވެ. އިޒީކިއަލް ގެއަށް އައީ އެވެ.

"ތި އައީތަ؟." ސޫޒަން ބުންޏެވެ. އެއާއެކު އިޒީކިއަލް ހޫނ ލައްވާލި އެވެ. ސޫޒަން އައިސް އިޒީކިއަލްގެ އަތުގައި ހިފާލައި ގާތްވެލައިފި އެވެ.

"ވަރަށް ވަރުބަލިވެފައި ހުރިހެން ހީވަނީ. އެހާ ލަސްވަންދެން އޮފީހުގައި ނީނދެބަލަ. އެހެންނޫނަސް މިހާރު މާ ބުރަކަށް ތިއުޅެނީ. އަހަރެން މި އިންނަނީ އިޒީކިއަލްއާއެކީ ނިދަން ދާންވެގެން." ސޫޒަން ބުންޏެވެ.

"އަހަރެންގެ ނިންޖެއް އަދިނެތް. ބައެއް މަސައްކަތްތައް ނިންމާލަން ސްޓަޑީގައި މަޑުކޮށްލާނީ. މި ދުވަސްކޮޅު އާ ޕްރޮޖެކްޓެއް ފަށައިގެން މިއުޅެނީ. ސޫޒީ ދޭ ނިދަން." ކޮޓަރިއަށް ދާން ސިޑިން އަރަމުން އިޒީކިއަލް ވާހަކަދެއްކި އެވެ. އަދި މަޑުމަޑުން އޭނާގެ އަތާއި ސޫޒަންގެ އަތް ވަކިކޮށްލި އެވެ. ހައިރާންކަން ލިބިފައިވާ ސޫޒަންއަށް ބަހެއް ކިޔާކަށް ނޭނގުނެވެ. އިތުރަށް އޭނާއަށް ބުނެވެން އޮތީ ވެސް ކީކޭ ހެއްޔެވެ. ވާހަކަ ގިނަކޮށްފިނަމަ އިޒީކިއަލް ރުޅިގަދަވާނެ އެވެ.

ދެ މީހުން ވަކިވަކިން އެމީހެއްގެ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލީ އެވެ. އެއީ ސޫޒަން އެދޭ ދިރިއުޅުމެއް ނޫނެވެ. އޭނާ ބޭނުމީ އިޒީކިއަލްއާއެކުވާށެވެ. އެ ކޮޓަރީގައި ނިދާށެވެ.

* * * * *

ކާރު ޕާކު ކުރުމަށްފަހު ސައިފުލް ފޭބި އެވެ. އޭނާއާ އެކުއެކީހެން ޒާހިލް ފޭބި އެވެ. ދެ މީހުންގެ މިސްރާބު ހުރީ ހޮސްޕިޓަލާއި ދިމާއަށެވެ.

"ސައިފު ރިޕޯޓު ނެގިޔަސް ޖެހޭނީ ހަމަ އެއްތާކު. ކޮންމެހެން އަހަރެން އެ ނަގަން ފޮނުވަންޖެހޭތަ؟. ކާފަގެ ކަންތައް ބޮޑުކަމުން ވެސް. އޮފީހުގައި އޮތް މީޓިންނެއް ވެސް ކަޓުވާލާފައި މިތާކަށް އަންނަން މިޖެހުނީ." ސައިފުލްއާއެކީ ހޮސްޕިޓަލް ތެރެއަށް ވަން ޒާހިލްގެ އަޑުގައިވީ ޝަކުވާ އެވެ.

ރާއްޖޭގެ އެންމެން ދަންނަ ބޮޑު ކުންފުންޏެއް ކަމަށްވާ ލުމިނަސްގެ ވެރިފަރާތް ނޫމާން އީސަގެ ހުރި ހަމައެކަނި ކާފަ ދަރިފުޅަކީ ޒާހިލް އެވެ. ނޫމާންގެ އަންހެން ދަރިފުޅު ތޫމާއާއި ދަނބިދަރިފުޅު ހައިތަމްގެ ހުންނަނީ ޒާހިލް އެކަންޏެވެ. އުޅުންހުރި ޢާއިލާއަކަށް ނިސްބަތްވިޔަސް ޒާހިލްއަށް އެފަދަ މާތް އަޚްލާޤެއް ނުލިބުނެވެ. ފުރާވަރުން ފެށިގެން ފުރިހަމަ ޒުވާނުންނަށް ވަންދެން ޒާހިލް ދިރިއުޅުނީ ރާއްޖޭން ބޭރުގަ އެވެ. ހުޅުގަނޑުގެ ވައްޓަފާޅިއަށް އޭނާވަނީ ހޭނިފަ އެވެ. އިސްލާމީ ރިވެތި ސިފަތަށް ވަޅުޖެހި އޭނާ ހަނދާންނެތިފައިވެ އެވެ. އޭނާގެ މައްޗަށް އަމުރު ހިންގޭ ހަމައެކަނި މީހަކީ ނޫމާނެވެ.

ސައިފުލްއަކީ ނޫމާންގެ އެންމެ ގާތް ވަފާތެރި ތެދުވެރި ޚާދިމެވެ. އުމުރުން ވިހި އަހަރުން ފެށިގެން އޭނާގެ އުފަން ޤައުމު ބަންގްލަދޭޝް ދޫކޮށް ނޫމާންގެ ކައިރިޔަށް އައިގޮތަށް މިހާރު އޭނާގެ އުމުރުން ސާޅީހަށްވުރެ މައްޗަށް ހިނގައްޖެ އެވެ. މިހާރު އަނބިދަރީން ތިބިއިރު އެމީހުންގެ ގާތަށް ސައިފުލްއަށް ދާން ފުރުޞަތު ލިބެ އެވެ. ނޫމާންގެ ގާތުގައި ސައިފުލް މަސައްކަތް ކުރަނީ ކުރާ ހިތުންނެވެ. އޯގާތެރި ހެޔޮލަފާ ވެރިއެއްގެ ހުންނަންޖެހޭ ސިފަތައް ނޫމާންގެ ހުރީމަ އެވެ. އަނެއްކޮޅުން ކާފަދަރިފުޅު ޒާހިލްއަށް ފާރަވެރިވުމަށް ނޫމާން ފޮނުވާ އޭޖެންޓަކީ ވެސް ސައިފުލް އެވެ.

"އަޅުގަނޑަށްވުރެ ނޫމާން އުފާވާނެ ރިޕޯޓު ހިފައިގެން ކޮއްކޮ ހިނގައްޖެނަމަ." ސައިފުލް ބުންޏެވެ.

"ސައިފު ގެންދިޔައްޔޭ ކިޔާފައި އޭގައި އޮންނަ އެއްޗެއް ބަދަލުވަނީތަ؟." ޒާހިލް ދައްކަމުންދިޔަ ވާހަކަ ހުއްޓުނީ ހޮސްޕިޓަލުގެ އެތެރެއިން ނުކުމެގެން އައި އަންހެންކުއްޖާ ފެނިފަ އެވެ. އޭނާގެ ފިޔަވަޅު ހުއްޓުމުން ސައިފުލް ވެސް ހުއްޓިއްޖެ އެވެ. އަދި ޒާހިލްގެ ސަމާލުކަން އަތުލީ ދިމާއަށް އޭނާ ވެސް ނަޒަރު ހިންގާލި އެވެ.

ހިމަތޮޅި ހަށިގަނޑެއް ލިބިފައިވާ އަންހެންކުއްޖާގެ ލޮލުގައި ނަންބަރު އައިނެއް ވިއެވެ. އަލި ހަންގަނޑެއްގެ ވެރި އެކެވެ. ބާނިކަން ހުރި ފަން އިސްތަށިގަނޑު އޮތީ ވޫލުކޮޅަކުން އެއްފަރާތަށް ވާހެން އައްސާލާފަ އެވެ. ލޭޔާސްކޮށް ކޮށާފައި އޮތް އިސްތަށިގަނޑު އޭނާގެ އުނަގަނޑަށްވުރެ މައްޗަށް އޮތްއިތު އެއީ ކުރު އިސްތަށިގަނޑެކޭ އެކަކުވެސް ނުބުނާނެ އެވެ. ލާފައި ހުރީ ނޫކުލައިގެ ކުދި މާތަކެއް ޖަހާފައިވާ ހުދު ގަމީހަކާއި ފައިކުރި ފުޅާކޮށް ހުރި ނޫ ޖިންސެކެވެ. އަންހެންވަންތަ ކަމަށްވުރެ އެ އަންހެންކުއްޖާގެ ކިބައިން ސައިފުލްއަށް ފާހަގަވީ ޒުވާން ފުރައިގެ ފިރިހެނުންގެ ފުށުން ފާޅުވާ ފަދަ "ގައްޑާ" ސިފަ އެވެ. ހިނގުމުގައި ވެސް ހުންނަނީ އެފަދަ ގޮތެކެވެ. އެމީހުންގެ ގާތުން އަޅާފައި އެ އަންހެންކުއްޖާ ދިޔައިރު ޒާހިލްގެ ކަޅި އެ އަންހެންކުއްޖާއާ ވަކިނުވާކަން ސައިފުލްއަށް ފާހަގަވި އެވެ. ނަމަވެސް އެ އަންހެންކުއްޖާ ހުރީ ކޮންމެވެސް ފުން ޚިޔާލެއްގައިކަން ޔަގީނެވެ. އޭނާއަށް ކުރިމަތިން އައި އަންހެން މީހާ ނުފެނުނީ އެހެންވެގެންކަން ބުނަން އެ މަންޒަރު ބަލަން ހުރި ސައިފުލްއަށް އެނގެ އެވެ. އެ ދެ އަންހެނުން މުޑިއެރި ހިނދު އަންހެންކުއްޖާ މަޢާފަށް އެދެން އަވަސްވެލި އެވެ. ނަމަވެސް އަނެއް އަންހެންމީހާ އެއްފަރާތްވެ ހިނގައިގަންނަމުން ބުނެލީ ނުރުހުމުގެ ބަހެކެވެ.

"މިތާ އޭނާ ކީއްކުރަނީ؟." ޒާހިލްއަށް ބުނެވުނީ ބޭއިޚްތިޔާރުގަ އެވެ. އެ އަޑު ސައިފުލްއަށް އިވުނެވެ. އެތެރެއަށް ވަންނަން ދިއުމުގެ ބަދަލުގައި ޒާހިލް ހިނގައިގަތީ އެ އަންހެންކުއްޖާގެ ކައިރިއަށެވެ. ހުރިހާކަމެއް ސާފުކޮށް ފެންނަ ހިސާބުގައި ބަހެއް ނުކިޔާ ސައިފުލް ހުއްޓެވެ. މިވާގޮތެއް ބަލަން ހުރި މީހަކު ފަދައިންނެވެ.

"އޭތް." ޒާހިލް ގޮވާލި އެވެ.

ޒާހިލްގެ އަޑަށް ބަލާލި އަންހެންކުއްޖާގެ ދެ ލޯ ބޮޑުވެގެން ދިޔައީ ނުހަނު ބޮޑު ސިހުމެއް ލިބުނު ފަދައިންނެވެ. އޭނާގެ އަތުން ވެއްޓުނު ކަރުދާސްގަނޑު ނަގަން ޒާހިލް ގުދުވެލި އެވެ. އޭނާ އެ ނަގައި އަންހެންކުއްޖާއަށް އަނބުރާ ދިނުމުގެ ކުރީން އެއީ ކޮންއެއްޗެއްތޯ ބަލާލި އެވެ. މިފަހަރު ސިހުން ލިބުނީ ޒާހިލްއަށެވެ.

"އޭނަ ޕްރެގްވީތަ؟." އަތުގައި އޮތް ކަރުދާހަށް ބަލަން ހުރެ ޒާހިލްއަށް ހިތާހިތުން ކިޔާލެވުނެވެ. އެހިނދު އެ އަންހެންކުއްޖާ ކުއްލިއަކަށް އެ ކަރުދާސްގަނޑު ޒާހިލްގެ އަތުން ޖަހައިގަނެއްޖެ އެވެ.

"ފެނިއްޖެތަ؟. މީ ކަލޭގެ ކަމެއް. ކަލޭ ގަސްދުގައި ކުރިކަމެއް." ހާސްކަމާއި ނުތަނަވަސްކަމުގެ ތެރެއިން ޖެހިލުންވެފައި ހުރެ އެ އަންހެންކުއްޖާ ބުނެލި އެވެ. އޭރު އެ ދެ ލޮލުގައި ހިފެހެއްޓިފައިވާ ކަރުނަ ފާޅުވެ އެވެ. ޒާހިލްގެ ދެބުމަ ވަގުތުން ގޮށްޖެހުނެވެ.

"ކޮބާ ހެކި. އެހެން މީހަކާއެކު ނޫޅޭ ކަމެއް ވެސް ނޭނގޭ. އަހަރެންގެ ބޮލުގައި އަޅުވާނަމޭ ހިތާތަ ތިއުޅެނީ... އެހެންނޫނަސް މިއޮއްފަދަ ޒަމާނުގައި ތިކަހަލަ ގަޅިކަމެއް ކުރާނީ މޮޔައެއް. އަހަރެން ބްލެކްމެއިލް ކުރެވިދާނޭ ހީނުކުރައްޗޭ." ހަރުކަށި ގޮތަކަށް ބުނެލި ނަމަވެސް ޒާހިލް ހުރީ ވިސްނައިގެންނެވެ. ސައިފުލް ތަންކޮޅެއް ދުރުގައި ބަލަން ހުރީމަ އެވެ. މަޑުން ވާހަކަދެއްކީ އޭނާއާމެދު ވިސްނާފަ އެވެ.

"މީ އަހަރެން އަމިއްލައަށް ހޯދައިގަތް ކަމެއްނޫން. އަހަރެންނަކީ އެކަހަލަ އަންހެނެއްނޫން. ތީ... ތީ އަހަރެން އެންމެ ފުރަތަމަ އެހެން ކްލޯޒްވީ މީހަކީ. އެ ކޮޓަރިއަށް އެހެން މީހަކުވެއްދީ ވެސް ކަލޭ. އެރޭ ކަލޭ އަހަރެންނަށް ދިނީ ކޮންކަހަލަ ބޭސްގުޅައެއް." ބަނޑުގައި އަތް ޖައްސާލައިގެން ހުރެ އެ އަންހެންކުއްޖާ ވެސް ވާހަކަދެއްކީ ނުރުހިފައި ހުރެ އެވެ.

"ބޭކާރު ވާހަކަ ނުދައްކާ." ޒާހިލް މިހެންބުނެ އަވަހަށް ބެލީ އެތާ މަޑުނުކޮށް އެތެރެއަށް ވަދެގެން ދާށެވެ.

އެ އަންހެންކުއްޖާއަށް ބަލަހައްޓައިގެން ހުރެވުނީ އެވެ. ކޯތާފަތުން ވެއްޓުނު ކަރުނަ ތިކި ފުހެލާފައި އޭނާ އެނބުރައި ހިނގައިގަތެވެ. ފަރުވާތެރިކަމާއެކު އެ މަންޒަރު ބަލަން ހުރި ސައިފުލް ހިނގައިގަތީ ޒާހިލްގެ ފަހަތުންނެވެ.

"ދަންނަ ކުއްޖެއްތަ؟." ހޮސްޕިޓަލް ތެރެއަށް ވަދެގެން ދަމުން ސައިފުލް އަހާލި އެވެ.

"އިޓްސް ނޮޓް އިމްޕޯޓެންޓް." އެސްފިޔަ ޖަހާލުމެއް ހިތަށް އެއްޗެއް ވެސް ނާރާ މީހަކު ފަދައިން ޒާހިލް ބުނެލި އެވެ.

(ނުނިމޭ)