ވާހަކަ

މިލްކުވާނެބާ

(16 އެޕްރީލް 2024 އާ ގުޅޭ)

"ދަންނަ ކުއްޖެއްތަ؟." ހޮސްޕިޓަލް ތެރެއަށް ވަދެގެން ދަމުން ސައިފުލް އަހާލި އެވެ.

"އިޓްސް ނޮޓް އިމްޕޯޓެންޓް." އެސްފިޔަ ޖަހާލުމެއް، ހިތަށް އެއްޗެއް ވެސް ނާރާ މީހަކު ފަދައިން ޒާހިލް ބުނެލި އެވެ.

* * * * *

ހޮސްޕިޓަލުގެ ފާޚާނާއަށް ފައިނާނު ވަން ފަހުން ބައިގަޑިއިރު ފާއިތުވީ އެވެ. އޭނާއަށް ރޮވެނީ އެވެ. ރިޕޯޓު ނަގަން ދާނީ މާޔާއާ އެކީކަން އޭނާ ބުނެފައި އޮއްވާ ވެސް ފައިނާނު ގަސްދުކުރީ އެކަނި އަންނާށެވެ. އެހެންވެ މާޔާއަށް އަންގާލުމެއްނެތި ފައިނާނު ހޮސްޕިޓަލަށް އައީ އެވެ. އަތުގައި އޮތް ރިޕޯޓުގައިވާ ނަތީޖާ ފެނުނީއްސުރެ ފައިނާނުގެ ދެ ލޮލުން ކަރުނަ ނުހިކެ އެވެ. މިވީ ކިހިނެއް ހެއްޔޭ އޭނާގެ އަމިއްލަ ނަފްސާ ސުވާލުކޮށްކޮށް ވަރުބަލިވެއްޖެ އެވެ. ރޮއެރޮއެ ދެ ލޯ ހުރީ ރަތްވެ ދުޅަވާގޮތްވެފަ އެވެ. އެނބުރި ގެއަށް ދާނޭ ހިތްވަރު އޭނާއަށް ލިބުނީ ކަހަލަ އެވެ. މޫނުގައި ފެންފޮދެއްލައި ސާފުކޮށްލައިގެން އޭނާ ފާޚާނާއިން ނުކުތެވެ. ހަށިގަނޑުގެ ހުރަހަށްވާހެން ކޮނޑުގައި އަޅުވާފައި އޮތް އަތްދަބަހުގައި އެއް އަތުން ހިފަހައްޓާލައިގެން ހުރެ ހިނގަމުން އައީ މަގުމައްޗަށް ނުކުންނާށެވެ. އޭރު އަނެއް އަތުގައި ހޮސްޕިޓަލުން ދިން ރިޕޯޓު އޮތެވެ. އެ ކަރުދާހުގައިވާ މަޢުލޫމާތު އޭނާގެ މުޅި ދިރިއުޅުން އެކޮޅުކޮޅުން ޖަހާލައިފި އެވެ.

"މި ބޭބީ ދުނިޔެއަށް އުފަންކުރަންވީތަ؟. އެކަމަކު... އެއީ އެންމެ ރަނގަޅު ނިންމުމަށް ވެދާނެތަ؟. ޒާހިލް ޤަބޫލުނުކޮށްފިއްޔާ. އަހަރެންގެ އެބަހުރިތަ މިހުރިހާ ކަމަކާ ކުރިމަތިލެވޭހާ ހިތްވަރު. ދަރިއަކު ބެލިދާނެތަ؟." ފައިނާނުގެ ހިތާއި ސިކުނޑި ވަނީ ހާސްކަމެއްގެ ތެރޭގަ އެވެ. ހޮސްޕިޓަލަށް ވަދެގެން އައި އަންހެނަކާ ފައިނާނު މުޑިއެރި އެވެ. ޚިޔާލުތަކުގައި އޭނާ ބަނދެވިފައި ހުރި ވަރުންނެވެ.

"ސޮރީ... ސޮރީ." އަވަސް އަވަހަށް ފައިނާނު މަޢާފަށް އެދެން ފެށި އެވެ. އެހެންނަމަވެސް އެ އަންހެންމީހާ ހުރީ ދެ ލޯ އަޅައިގެންނެވެ.

"ދެ ލޯ ކޮބާތަ؟. ބަލައިގެން އުޅެންވެއްޖެއެއްނު." ފައިނާނު މަޢާފަށް އެދުނީމާ ވެސް އެ އަންހެން މީހާ މިހެންބުނެ ހިނގައި ގަތެވެ.

ފައިނާނުގެ އަތުގައި އޮތް ރިޕޯޓު ވެއްޓުނީތީ އެ ނަގަން އޭނާ ގުދުވެލަން އުޅުނެވެ. އެވަގުތު އޭނާގެ ކައިރިޔަށް އައި ޒުވާނާ އެ ނަގައިދީފި އެވެ. ހިންދެމިލަމުން އެ މީހެއްގެ މޫނަށް ފައިނާނު ބަލާލިއިރު ކައިރީގައި އައިސް ހުއްޓިލި ޒުވާނާވީ ޒާހިލް އަށެވެ. ފައިނާނަށް ލިބުނު ސިހުމުގައި އެއީ ޒާހިލްކަން ޤަބޫލުކުރާން ވެސް ދަތިވި އެވެ. އިރުކޮޅަކު ޒާހިލްއަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނެވެ. މިފަދަ ގޮތަކަށް އެހާ އަވަހަށް ޒާހިލްއާ ކުރިމަތިލާން ޖެހިދާނޭ ފައިނާނު ހިތަށް ވެސް ނާރަ އެވެ. އެކަމަކު އޭނާ ގަސްދުކޮށްގެން ހުރީ ބަލިވެ އިންކަން ކަށަވަރުކުރުމަށްފަހު، ހޮސްޕިޓަލުން ހެއްދި ޓެސްޓުގެ ރިޕޯޓާއެކީ ޒާހިލްއާ ބައްދަލުކުރާން ދާށެވެ. މިޔާ ދިން ޚިޔާލާ އެއްގޮތަށް ޢަމަލު ކުރާށެވެ. އެހެންވިޔަސް އޭނާއާ ޒާހިލް ބައްދަލުވީ ކުރިމަތިލާން ނަފްސު ތައްޔާރު ވެސް ނުވަނީހެވެ.

ފަރުވާތެރިކަމާއެކު އެ ރިޕޯޓަށް ޒާހިލް ބަލަމުން ދިޔަކަން ފައިނާނަށް ފާހަގަވި އެވެ. އޭގައި އޮތް އެއްޗެއް ޒާހިލްއަށް ފަހުމްވީހެން ފައިނާނަށް ހީވި އެވެ. ވަގުތުން އަވަސްއަވަހަށް ޒާހިލްގެ އަތުން އެ ރިޕޯޓު ފައިނާނު ޖަހައިގަތެވެ. އެހެންނަމަވެސް މާ ލަސްވެއްޖެކަން އެނގުނީ ޒާހިލްގެ ސުވާލުން ފުރިގެންވީ ނަޒަރު ފައިނާނަށް ހުއްޓުމުންނެވެ.

"ފެނިއްޖެތަ؟. މީ ކަލޭގެ ކަމެއް. ކަލޭ ގަސްދުގައި ކުރިކަމެއް." ފައިނާނު ބުންޏެވެ. ދެރަވެ މާޔޫސްވެފައި ވިއެއްކަމަކު އެ އަސަރުތައް ޒާހިލްގެ ކުރިމަތީ ދައްކަން ފައިނާނު ބޭނުންނުވީ އެވެ. އެހެންވިޔަސް ދެ ލޮލަށް ޖަމާވަމުންދިޔަ ކަރުނައެއް ސިއްރެއް ނުކުރެވުނެވެ.

ޒާހިލްގެ މޫނުން ފާޅުވެލި ނުރުހުން ފައިނާނުގެ ހިތުގައިވާ ސުވާލަށް ޖަވާބު ލިބިގެންދިޔަ އެވެ. އަދި ޒާހިލް ދިން ރައްދު އެކަމަށް ފުދުނެވެ. މިހެންކަން ވާނީ މާކުރީން ވެސް ފައިނާނަށް އެނގެ އެވެ. ޒާހިލްއާއި އޭނާ އެކަށީގެން ނުވާކަން ޚުދު ފައިނާނަށް ވެސް އެނގެ އެވެ. ދެ މީހުންގެ ދިރިއުޅުން އުޑާ ބިމާހާ ތަފާތެވެ. ޒާހިލްގެ އަގުބޮޑު ދިރިއުޅުމުން ފައިނާނު ފަދަ އާދައިގެ އަންހެންކުއްޖަކަށް ފުރުޞަތެއް ކޮބާ ހެއްޔެވެ. ޒާހިލްއާ ޖަދަލު ކުރުމުގެ ބޭނުމެއް އޮތްކަމަށް ފައިނާނު ނުދެކެ އެވެ. އިތުރަށް ޒާހިލްގެ ކުރިމަތީ މަޑުކުރުމަކީ ވެސް ބޭކާރު ކަމެއްކަން އެނގެ އެވެ. އެހެންވިޔަސް ޒާހިލްގެ ބަސްތަކުން އޭނާގެ ހިތުގައި ޖެހިއްޖެ އެވެ. ނުހިފެއްޓުނު ކަރުނަ ތިކި ރޮނގެއްހެން ކޯތާފަތް މަތިން ތިރިއަށް ދެމިގަތެވެ. ލޯކައިރި ފުހެލަމުން އޭނާ ޒާހިލްއަށް ފުރަގަސްދީ ހިނގައިގަތީ ހޮސްޕިޓަލުގެ ތެރެއިން މަގުމައްޗަށް ނުކުންނާށެވެ. އަވަހަށް ގެއަށް ދާށެވެ.

* * * * *

އިރުއޮއްސުމާ ކައިރިވެފައި ވަނިކޮށް ޒާހިލް ގެއަށް އައިސް ވަނެވެ. ބޮޑުކޮޓަރީގެ ސޯފާގައި މަންމައާއި ބައްޕަގެ އިތުރުން ކާފަ އިންތަން ފެނި ކަމެއް ގޯސްވެއްޖެހެން ޒާހިލްއަށް ހީވެއްޖެ އެވެ. ކޮޓަރިއާ ދިމާއަށް ދިއުމުގެ ބަދަލުގައި ބޮޑުކޮޓަރީގެ ސޯފާތަށް ކައިރިއަށް އޭނާ އައެވެ.

"އިށީނދެބަލަ މިތާ." އަސާގަނޑުގައި ދެ އަތްއަޅުވާލައިގެން ހަށިގަނޑު ސީދާކޮށްލައިގެން އިން ނޫމާން ބުންޏެވެ. އޭނާ އިޝާރާތްކުރީ ކަނާއަތް ފަރާތުގައި ވަކިން އެންމެ މީހަކަށް އިށީނދެވެން ހުރި ސޯފާ ގޮނޑިއަށެވެ.

"އަޅުގަނޑުގެ އިންތިޒާރުގައިތަ ކާފާ. ކީއްވެ ގުޅާނުލީ. އެހެންނަމަ ކުރީބައިގައި އަންނަން އެނގުނީ ހެންނު... އަނެއްކާ ކަމަކާ ކާފަ ނުރުހުންވެފައިތަ... އަޅުގަނޑު ސައިފުއާ ރިޕޯޓު ހަވާލު ކުރީމާތަ." ގޮނޑީގައި އިށީންނަމުން ޒާހިލް ވާހަކަދެއްކި އެވެ.

"ރުޅިނައިސް ހުރެވޭތަ!. ޒާހިލްއަށް އެނގޭތަ އުޅެވޭގޮތް." ނޫމާންގެ އަޑުން ނުރުހުމާއި ހަރުކަށިކަން ފާޅުވެ އެވެ.

"އަޅުގަނޑު..." ޒާހިލް އެއްޗެއް ބުނަން އުޅުމުން ހުރަސް އެޅީ ތޫމާ އެވެ.

"ދަރިފުޅު ބޮޑުވެއްޖެކަން އެނގޭ. އެކަމަކު އޭގެ މާނައެއްނޫން ދޯ ހިތުހުރިހާ ކަމެއް ކުރަމުން ދިއުން. އެކަހަލަ ކަމެއް ކުރިއިރު ލަދުވެތިކަމެއް ބިރުވެރިކަމެއް ވެސް ހިތުގައި ނެތްތަ؟." ތޫމާއަށް ވެސް ރުޅި އާދެވުނެވެ.

ޒާހިލްއަށް ވިސްނާލެވުނެވެ. ކާފައާއި މަންމަ އެ ދައްކަނީ ކޮންވާހަކައެއްކަން އެނގުމުން އޭނާއަށް ބަލާލެވުނީ އެ ތަނުގައި ހުރި ސައިފުލްއަށެވެ. ހޫނުކަމާއެކު ކާފަގެ ކަންފަތަށް ޚަބަރު ފޯރައިފިކަން ޒާހިލްއަށް ގައިމުވެއްޖެ އެވެ. ގަޔާނުވެގެން ޒާހިލްއަށް ދަތްކުނޑިވިކާލެވުނެވެ. ކާފަ އަބަދުވެސް އޭނާ އުޅޭނޫޅޭ ގޮތެއް ބަލަން މަސައްކަތް ކުރާކަން އެނގެ އެވެ. އެހެންވެ ޒާހިލް ކަންކަން ކުރަނީ ނިކަން ހުސިޔާރުކަމާއެކު އެވެ. ނަމަވެސް މިފަހަރު އޭނާ ވިސްނުންތޫނެއް ނުވިތާ އެވެ. ހޮސްޕިޓަލުން އެ އަންހެންކުއްޖާ ފެނުމާއެކު އޭނާގެ ގާތަށް ޒާހިލަށް ދެވުނީ މާބޮޑު ވިސްނުމަކާނުލަ އެވެ.

"ކައިވެނި ކުރާން ތައްޔާރުވޭ." ނޫމާން އިއްވާލީ ހަރުކަށިކަމާއެކީ އެވެ.

"ކައިވެންޏޭ." ލިބުނު ސިހުމާއެކީ ޒާހިލްއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.

"އާން. ކައިވެނި. އެއީ ޒާހިލްގެ ދަރިއެއްނޫންތަ؟." ނޫމާން ބުނެލި އެވެ.

"ނޭނގެ. ތަނަކުން އަންހެނަކު ޕްރެގްވާއިރަށް އެވޭތަ އަޅުގަނޑުގެ ދަރިއަކަށް." ޒާހިލް ބުންޏެވެ.

"އެ އަންހެންކުއްޖާއަށް ދެވުނު ދެރަ ކުޑައީތަ؟. މަންމަ ހިޔެއްނުކުރަން ޒާހިލް ތިހާ ލަދުކުޑަވެދާނެކަމަށް. ބަލަ މަންމައަކަށް އޭނާގެ ދަރިފުޅުގެ ބައްޕައަކީ ކާކުކަން އެނގޭނެ. ޒާހިލް ބުނެބަލަ... އެފަދަ ގޮތަކަށް އެ އަންހެންކުއްޖާއާ ގާތެއްނުވަންތަ؟. ދޮގުނުހަދާތި." ތޫމާ ބުންޏެވެ.

"މަންމާ. އިޓްސް އަ މިސްޓޭކް. އެހެންނޫނަސް އެއީ ރަނގަޅު އަންހެންކުއްޖެއް ވެސް ނޫން." ޒާހިލް ބުނެލި އެވެ.

"ބަލިވެ ބައިންދާފައި އަންހެނެއްގެ ބޮލުގައި ކޮންމެފަދަ އިލްޒާމެއް ވެސް އެޅުވިދާނެ. ޒާހިލްއަށް ހުވާކުރަން ކެރޭނެތަ؟. އޭނާގެ ބަނޑުގައި އޮތީ ޒާހިލްގެ ދަރިއެއްނޫން ކަމަށް. ބުނެބަލަ... ކެރޭނެތަ ހުވާކުރަން. ތިމަންނަގެ ދަރިއެއްނޫނޭ ބުންޏަސް އެކަން ހޯދާ ސާބިތުކުރެވޭނޭ ގޮތްތައް މިހާރު ހުރޭ. މިކަމުގައި އެ އަންހެންކުއްޖާތޯ ނޫނީ އަހަރެންގެ ފިރިހެން ދަރިފުޅުތޯ ތެދު ހަދަނީ ބަލާނަން." ތޫމާ ބުންޏެވެ.

މަންމައާއި ކާފައަކީ އެއްކަހަލަގެ ވިސްނުމެއްގެ ދެ މީހުންކަން ޒާހިލްއަށް އެނގެ އެވެ. އޭނާއަށް ތުންފިއްތާލެވުނެވެ. ދޮގު ހަދައިގެން ސަލާމަތެއްނެތްކަން ޔަގީންވާތީ އެވެ. ފައިނާނުގެ ބަނޑުގައި އޮތީ ކާކުގެ ދަރިއެއްކަން ޒާހިލްއަށް އެނގެ އެވެ. އެކަމަކު އޭނާ ކައިވެންޏެއް ކުރާކަށް ބޭނުމެއްނޫނެވެ.

"އަދި ނޭނގެއެއްނު އޭނާގެ އެކުއްޖާ އުފަންވާނޭކަމެއް." ވެފައި އިން ފޫހިން ޒާހިލް ބުންޏެވެ.

"ޒާހިލް." ނޫމާނަށް ހަޅޭލަވައިގަނެވުނެވެ. އޭނާ ތެދުވިގޮތަށް ހިފަހައްޓައިގެން ހުރި އަސާގަނޑުން ޒާހިލްގެ ގައިގާ ޖަހަން މަޅާލި އެވެ. އެހިނދު އެ ހުރިހާއިރު އެއްޗެކޭ ނުބުނެ ހިމޭނުން އިން ހައިތަމް ތެދުވެ ބަފާބެ ހިފަހައްޓައިފި އެވެ.

"ބައްޕާ. ޒާހިލް އެހެން އެބުނީ މާބޮޑު ވިސްނުމެއްނެތި. އޭނާއަށް ކުށެއްކުރިނަމަ އެކަން ރަނގަޅުކުރާނެ އޭނާ. އެހެންނު ޒާހިލް." ހައިތަމް ބުންޏެވެ. ކާފަގެ އަސާގެ ވަރު ޒާހިލަށް ހުރީ ތަޖުރިބާ ކުރެވިފަ އެވެ. އެހެންވެ އޭނާ އަވަސްއަވަހަށް ބޯޖަހާލީ ބައްޕަ ދެއްކި ވާހަކައާ އޭނާ އެއްބަސްވާކަން ކާފައަށް ސާބިތުކޮށްދޭށެވެ.

"އަހަންނަށް އެނގޭ މިހާރު އޭނާގެ ބޮލުގައި އެ ހިނގަނީ ކޮންކަހަލަ ޚިޔާލުތަކެއްކަން. ހުރި ނުބައިކަން." ނޫމާން ރުޅިއައިސް ރަތްވި އެވެ.

"ޒާހިލްއަށް މަންމަ ކުރި ސުވާލަށް ޖަވާބު ނުދެވުނީ ކީއްވެކަން އެނގޭ. އެހެންވީމަ ކާފަ ބުނިހެން ކައިވެނި ކުރާން ތައްޔާރުވޭ. މާދަމާ ރޭ އެ އަންހެންކުއްޖާ ގޮވައިގެން އާދޭ. ޒާހިލްއަށް މިކަމުގައި އެއްވެސް އިޚްތިޔާރެއްނެތްކަން ހަނދާން ކުރާތި." ތޫމާ އިއްވާލި އެވެ.

ޒާހިލް ތެދުވެގެން ހިނގައިގަތީ ނުރުހުންވެފައި ހުރެކަން އެންމެންނަށް ވެސް އެނގެ އެވެ. ޒުވާން ފިރިހެން ދަރިފުޅުގެ ނުރުހުމުގައި ކައިވެނި ކުރުވާކަށް ތޫމާގެ ދެމަފިރިން ވެސް ނޭދެ އެވެ. އެހެންވިޔަސް ޒާހިލްގެ ހިންގީ އަޅާނުލާ ދޫކޮށްލެވޭވަރުގެ ޢަމަލެއްނޫނެވެ. އަންހެންކުއްޖަކު ނިކަމެތިވެގެންދާން ދޫކޮށްލުމަކީ އޭނާގެ މައްޗަށް ކިހާބޮޑު ބޭއިންސާފެއް ހެއްޔެވެ. ޒާހިލް ކުރި ކުށަށް ފަސްއަޅައި ފޮރުވާލައިފިނަމަ ދެން އެ ފިރިހެންދަރިފުޅު އަރައިގަންނާނީ ކިހާވަރެއްގެ ކުށަކަށްކަމެއް ތޫމާމެންނަކަށް ނޭނގެ އެވެ. އެފަދައިން ޒާހިލް ހަލާކުވެގެންދާން އެމީހުން ނޭދެ އެވެ.

* * * * *

މާޔާ ގެއަށް އައުމާއެކު ފައިނާނުގެ ފަރާތުން ހުރިހާ ކަމެއް އެނގުނެވެ. ޒާހިލް ކަންތައް ކުރިގޮތް އެނގުމުން މާޔާ ހައިރާނެއްނުވި އެވެ. އިޒީކިއަލްގެ ގޮތް އެނގޭއިރު އޭނާގެ ރަޙުމަތްތެރީން ވަކި ރަނގަޅެއްނުވާނޭކަން މާޔާގެ ޟަމީރު ވެސް އެއްބަސްވެ އެވެ. އެހެންވިޔަސް އެކުވެރިޔާއަށް ޓަކައި މާޔާ އިނީ ޒާހިލްއާ ކުރިމަތިލާން ތައްޔާރަށެވެ.

އަނެއްދުވަހަށް މާޔާ ކަންކަން ރޭވި އެވެ. ޒާހިލް އުޅޭ އޮފީހަށް ފައިނާނު ގޮވައިގެން ދާށެވެ. އަދި އޭނާގެ ޢާއިލާގެ ކައިރިޔަށް ވެސް ފައިނާނު ފޮނުވާން މާޔާ ގަސްދުކުރި އެވެ. ނަމަވެސް އެ ހުރިހާ ނިންމުމަކާ ފައިނާނު އިނީ ޖެހިލުންވެ އެވެ. އޭނާ މީހުންނާ ކުރިމަތިލާން ފަސްޖެހެނީ އެވެ. ކައިވެނިން ބޭރުގައި ބަލިވެ އިނުމަކީ ލަދުވެތިކަމެއްވީމަ އެވެ.

އެރޭ މާޔާ އޮފީހަށް ގޮސްފައި އެނބުރި ގެއަށް އައިސް ވަނެވެ. ސިޓިންރޫމު ސޯފާގައި ރޯން އިން ފައިނާނު ފެނުމާއެކު މާޔާ ހާސްވި އެވެ. އަވަސްއަވަހަށް ހަލުވި ފިޔަވަޅުގައި މާޔާ އައިސް ފައިނާނުގެ ގާތުގައި ސޯފާގައި އިށީނެވެ.

"މިޔާ..." ފައިނާނު ވަގުތުން މާޔާގެ ގައިގާ ބައްދާލި އެވެ.

"މާބޮޑަށް ދެރަވަނީތަ؟." މާޔާ އަހާލި އެވެ.

"ޒާހިލް ގުޅާފަ ބުނީ މާދަމާ މެންދުރު އޭނާގެ ޢާއިލާއާ ބައްދަލުކުރާން ތައްޔާރުވެގެން ހުންނާށޯ. އަންނާނަމޯ ބަލާ." ރޮމުންރޮމުން ފައިނާނު ވާހަކަދެއްކި އެވެ. އަޖައިބުވީވަރުން މާޔާއަށް ވަގުތުން އޭނާގެ ގަޔާ ފައިނާނު ދުރުކޮށްލެވުނެވެ. އަދި އެކުވެރިޔާއާ ނަޒަރު ސީދާކޮށްލަމުން ވާހަކަދެއްކި އެވެ.

"ހަމަ ޒާހިލްތަ ބުނީ." ޤަބޫލުނުކުރެވިގެން މާޔާއަށް އަހާލެވުނެވެ. އެއާއެކު ފައިނާނު ބޯޖަހާލީ އެވެ.

"ކީއްކުރަންށޯ ފެމެލީއާ މީޓުކުރުވަނީ؟." މާޔާއަށް އަހާލެވުނެވެ.

"ނޭނގެ. އިތުރު ވާހަކައެއް ނުދައްކާ. އެހެންބުނެފަ ކޯލު ކަނޑާލައިފި. އަހަރެން ވަރަށް ބިރުގަނޭ." ފައިނާނު ބުނެލި އެވެ.

(ނުނިމޭ)