( 9 އެޕްރީލް 2024 އާ ގުޅޭ )
"ނާނު. ކިހިނެއްވީ ހޮޑުލެވުނީ؟." މާޔާއަށް އަހާލެވުނެވެ.
"ނޭނގެ. މިހެންވެ އެއްޗެއް ނުކެވެނީ. ކާލާއިރަށް ހޮޑު. އެހާވަރަށް ބަނޑުހައިވޭ އެކަމަކު މޭނުބައިކޮށްފައި ހުންނަނީ." ގަޔާނުވެފައި ހުރި ރާގެއްގައި ފައިނާނު ބުންޏެވެ. މާޔާއަށް ހައިރާންކަން ލިބުނެވެ. އޭނާއަށް ތުންފަތުގައި ދަތް އަޅާލެވުނީ އެވެ. ހިތަށް އައި ސުވާލު ފައިނާނާ ކުރާން ވެދާނޭބާއޭ މާޔާގެ އަމިއްލަ ހިތާއި ސުވާލުކޮށްލެވުނެވެ. ގައިމުވެސް އޭނާއަށް ނާހާއެއް ނުހުރެވުނެވެ.
"ޕްރެގްވީތަ؟." މާޔާއަށް ބުނެލެވުނެވެ.
"ވަޓް... އެހެންވާނީ ކިހިނެއް." ފައިނާނުގެ ޟަމީރު އޭނާއަށް ކަމެއް ހަނދާންކޮށްދިނީ އަނގައިން ބަސްތައް ބޭރުވި ފަހުންނެވެ. ވަގުތުން އޭނާގެ މޫނު ހުދުވެގެން ދިޔަ އެވެ. އޭނާއާއި ޒާހިލްއާ ދެމެދު ހިނގައިދިޔަ ހުރިހާކަމެއްގެ މަންޒަރު ސިފަވެގެން އައެވެ. އެ ދެމެދުގައި ހިނގައިދިޔަ ގުޅުމުގެ ސަބަބުން ފައިނާނު ބަނޑުބޮޑު ވުމުގެ ފުރުޞަތު އެބައޮތްކަން ޚުދު އޭނާއަށް ވިސްނުނީ އަދިކިރިޔާ އެވެ. ބަނޑުބޮޑުވުމުން ފެންނާނޭ އަލާމާތްތަކަކީ ކޮބާކަމެއް އޭނާ ނުދެނަހުއްޓެވެ. އެ ދާއިރާއަށް ކުރީން ފިކުރު ހިންގާލުން މުހިންމު ވެސް ނޫންވީމަ އެވެ. ކައިވެންޏެއް ނުކޮށް ހުރި އަންހެނަކު ބަނޑުބޮޑުވުމަކީ ކިހާ ލަދުވެތިކަމެއްކަން ފައިނާނަށް ވެސް އެނގެ އެވެ.
"ނާނު." ހަރަކާތް ހުއްޓިފައި ހުރި ފައިނާނުގެ ކަނާއަތުގެ މުލައްދަނޑީގައި މާޔާ ހިފާލީ އެކުވެރިޔާގެ ސަމާލުކަން ހޯދާށެވެ.
"ކާހިތް ކެނޑިއްޖެ." އިސްޖަހާލަމުން ފައިނާނު ބުނެލި އެވެ.
"އަހަރެންނަކަށް ނުވިސްނުނު." ހައިރާންކަމުގައި މާޔާ ބުނެލި އެވެ. އެކުވެރިޔާގެ ދުލުން ނުކުތް ބަސްތަކާއި މިހާރު އެ އެކުވެރިޔާގެ ފުށޫން ފާޅުވޭވޭ ހުރި އަސަރުތައް ތަފާތުވާން ޖެހުނު ސަބަބެއް އެނގެން މާޔާ ބޭނުމެވެ.
"ގެއަށް ދަމާ." މާޔާއަށް ބަލާލަމުން ފައިނާނު ބުނެލި އެވެ. އެ ދެ ލޮލުން މާޔާގެ ގާތުގައި އާދޭސްކުރާ ކަހަލަ އެވެ.
"އެންމެ ރަނގަޅު. ނާނު ހަމަޖެހިގެން ނުކުމޭ. އަހަރެން މިދަނީ ބިލް ދައްކާލާފައި އޯޑަރު ކުރި އެއްޗެހި ޕެކްކޮށްދޭން ބުނެލަން." މާޔާ މިހެންބުނެ ފާޚާނާއިން ނުކުތެވެ.
"އޭނާގެ ބޭބީއަކަށް އަހަރެން ޕްރެގްވީތަ؟. އެންމެ ރެއަކުން އެހެންވެދާނެތަ؟. އޭނާއާ ބައްދަލުވިކަން ވެސް އަހަރެން ބޭނުންވީ ހަނދާންނައްތާލަން. މިޔާ ސުވާލު ކުރާނެ... އިތުރަށް ދެން ސިއްރެއް ނުކުރެވޭނެ. ދެން ކިހިނެއްވަކި ހެދޭނީ." މާޔާ ނުކުމެގެން ދިޔަ ދިމާއަށް ބަލަހައްޓައިގެން ހުރެ ފައިނާނު އަމިއްލަ ހިތާ ވާހަކަދެއްކި އެވެ.
ފާޚާނާއިން ފައިނާނު ނުކުމެގެން އައިއިރު ރެސްޓޯރެންޓު ދޮރުކައިރީ މަގުމައްޗަށް ނުކުމެއް މާޔާ ހުއްޓެވެ. ފައިނާނު އައިސް އޭނާގެ ކައިރީ މަޑުކޮށްލި އެވެ.
"އޯކޭތަ؟. ހިނގާފައި ދެވޭނެތަ؟. ޓެކްސީއެއް ނަގަން." މާޔާ ވަގުތުން ވާހަކަދެއްކި އެވެ. ގާތް ރަޙުމަތްތެރިޔާގެ ފުށުން ފާޅުވާ އޯގާތެރިކަން ފައިނާނުގެ ހިތުގައި ޖެއްސި އެވެ. މާޔާއަށް ހަޤީޤަތް އެނގުމުން ވާނޭ ގޮތަކާއި މެދު ފައިނާނު ބިރުގަންނަނީ އެވެ. އެ ދެމެދުގައިވީ އެކުވެރިކަމަށް ނިމުން އަތުވެދާނެބާއޭ އޭނާ ހިތަށް އަރަނީ އެވެ.
"މިވަގުތު އޯކޭ. ހިނގާލާފައި ދާނީ." ފައިނާނު ބުންޏެވެ.
ރެސްޓޯރެންޓްގެ ދޮރު ހުޅުވާލަފައި ވެއިޓަރު މީހާ ދިއްކޮށްލީ ޕެކްކޮށްފައި ހުރި ކާއެއްޗެހި ކޮތަޅެވެ. އޭގައި ހިފީ މާޔާ އެވެ. ދެ އަންހެންކުދީން އެނބުރި ގެއާ ދިމާއަށް ހިނގައިގަތީ ދެނެވެ. ދެމެދަށް ވެރިވެފައި އޮތީ ހިމޭންކަމެވެ. އެ ހިމޭންކަން އެމީހުން ދިރިއުޅޭ އިމާރާތާ ހަމައަށް ފޯރަށްދެން އެގޮތުގައި ދެމިގެންދިޔަ އެވެ.
ކާމޭޒުމަތީ ކޮތަޅު ބަހައްޓާފައި މާޔާ އެނބުރިލީ ފައިނާނާ ކުރިމަތިލާށެވެ. ނަމަވެސް އެޕާޓްމެންޓަށް ވަން ގޮތަށް ފައިނާނު ގޮސް ވަނީ އޭނާގެ ކޮޓަރި އަށެވެ. ވާހަކަދައްކައިގެންކަން އޮޅުންފިލާނީ މާޔާއަށް އެނގެ އެވެ. ފައިނާނަށް ކުރިމަތިވެގެން އުޅޭ މުސީބާތެއް ވެސް އެނގޭނީ އޭރުންތާ އެވެ. އަނެއްކޮޅުން ފައިނާނު ބަލިވެ އިނިއްޔާ އެކަން އެހެން ވާންޖެހުނު ގޮތެއް ހޯދަން މާޔާ ބޭނުމެވެ.
"ގެސްޓްހައުސްއިން ހައްޔަރު ކުރި މައްސަލައާ މިކަމާ ގުޅުމެއްވަނީތަ؟. އަނެއްކާ އެތަނަށް ގެންގޮސް މީހަކު ނާނު ރޭޕްކުރީތަ؟. އޯ މައި ގޯޑް." ކުއްލިއަކަށް ހިތަށް އެރި ވާހަކައަކުން މާޔާގެ ހާސްކަން އިންތިހާއަށް ދިޔަ އެވެ. ކަންބޮޑުވީވަރުން ހަލުވި ފިޔަވަޅުގައި އޭނާ އައިސް ފައިނާނުގެ ކޮޓަރީ ދޮރުގައި ޓަކި ޖަހަން ފެށި އެވެ. ތަޅުގައި ހިފާލިއިރު ހުރީ ތަޅުލައިފަ އެވެ.
"ނާނު ދޮރުހުޅުބަލަ. ޕްލީޒް ނާނު. އަހަރެންނަށް ކަންކަން ސިއްރުނުކޮށް ކިޔާދީބަލަ. ހެޔޮނުވާނެ." ޓަކިދެމުން މާޔާ ވާހަކަދެއްކީ ތަންކޮޅެއް ބާރަށެވެ.
އިރުކޮޅެއްފަހުން ތަޅު ހުޅުވި އަޑު މާޔާއަށް އިވުނެވެ. އޭނާ އަވަހަށް ދޮރު ހުޅުވާލި އެވެ. އޭރު ފައިނާނު ދޮރު ހުޅުވާފައި އެނބުރި ގޮސް އެނދަށް އަރަނީ އެވެ. އޭނާ އެނދަށް އަރައި ބާލިސްތަކުގައި ލެނގިލައި ދެފައި ކުރުކޮށްލި އެވެ. އަދި އެއްފަރާތުގައި އޮތް ހިތް ބައްޓަމުގެ މަހުމާ ކުޑަ ބާލީސް ނަގައި އުނގަށް ލުމާއެކު ދެ އަތުން އޭގައި ބައްދާލައިގެން އިނެވެ. މާޔާ އައިސް އެނދުގައި އިށީނީ އެއްފައި އެނދުމައްޗަށް އަރުވާލައިގެން ސީދާ ފައިނާނާ ކުރިމަތިވާނޭ ހެންނެވެ.
"ކިޔާދީބާ. އަހަރެން ވަރަށް ހާސްވޭ. ނާނުއަށް ކަމެއްވެއްޖެކަން އެނގޭ. ގެސްޓްހައުސްގައި ކަމެއް ހިނގީތަ؟." ޝައްކު ކުރެވޭތީ މާޔާއަށް އަހާލެވުނެވެ.
"މިޔާ. ކިހިނެއްދެން ހަދާނީ." ފެންކަޅިވެފައި އިނދެ ފައިނާނު އަހާލި އެވެ.
"ކޮންކަމަކަށް؟. ފެށުނީއްސުރެ ތިވެގެން އުޅޭ ގޮތެއް އަހަރެންނަށް ކިޔާދީބަލަ." މާޔާ އަނެއްކާ ވެސް ބުންޏެވެ.
"ބައްޕަ... ބައްޕައާ ހެދި ހުރިހާކަމެއްވީ." ރޮވެމުން ފައިނާނު ބުންޏެވެ. މާޔާ އަވަސްއަވަހަށް ފައިނާނުގެ ގާތަށް ޖެހިލި އެވެ. އެކުވެރިޔާގެ އަތުގައި އެއް އަތުން ހިފާލަމުން އަނެއް އަތުން ކޮނޑުގައި ފިރުމަން ފެށި އެވެ.
"ޞާދިގު ކީއްކުރީ؟. އޭނާ އަހަރެން ކައިރިޔަށް އައި ފައިސާ ހޯދަން. ނާނު ބަންދުގައި ހުއްޓާ... އޮފީހަށް އައީ... ފަސްހާސް ރުފިޔާ އަހަރެން ދިނިން. އެންމެ ބޮލަށް ފަސޭހަ ގޮތަކީ އެއީވީމަ." މާޔާ ކިޔާދިނެވެ.
"ބައްޕަ މިޔާ އަތުން ވެސް ލާރި ނެގީތަ؟." ފައިނާނަށް ބުނެވުނެވެ.
"އެކަމާ ނުވިސްނާ. އިހަށް ތިވެގެން އުޅޭގޮތް އަހަރެންނަށް ކިޔާދީ." މާޔާ ބުންޏެވެ.
"ބައްޕަ ރުފިޔާތަކެއް ކަޓުވާލީ. ޑްރަގް ލޯޑެއް ކައިރީ މަސައްކަތް ކުރަމުން އެމީހުންގެ އަތުން ވައްކަން ކުރީ. އަހަރެން ކައިރީ ބުނީ ވިހި ހާސް ރުފިޔާގެ މުސާރައެއް ލިބޭ ވަޒީފާއެއް އެބައޮތޭ. އަހަރެން ރިސޯޓަށް ދިޔައީ އިންޓަވިއުއަށް. އަހަރެން ގޮވައިގެން ގޮސް ލޯންޗަށް އެރުވީ ވެސް ބައްޕަ. ރިސޯޓަށް އެރޭ އެރުމާއެކީ އަހަރެން ގޮވައިގެން ދިޔައީ ދެ ފިރިހެނުން. ދެން އެނގުނީ ބައްޕަ އަހަރެން މެދުވެރިކޮށް ޑީލެއް ހެދީކަން އެ ގޭންގު މީހުންނާ. އެމީހުން ބޭނުންވީ ފައިސާ ހަމަވަންދެން އަހަރެން ވިއްކަން. އަހަރެން ފައިސާ ދައްކަފާނަންކަން ބުނިން. އެކަމަކު އެމީހުން ބުނީ އެއްފަހަރާ ދޭން. ކޮންތާކުން އެއްލައްކަ ރުފިޔާ އަހަރެން ނެރޭނީ. އެރޭ އެމީހުންގެ ކައިރިން ސަލާމަތްވީ އެތަނުގެ ކުލަބު ތެރޭ ތިބި ފިރިހެނުންތަކަކާއި ދިމާވެގެން. އެ ތިން މީހުންގެ ތެރެއިން އެކަކު އަމުރު ކުރުމުން އެ ގޭންގު މީހުން އަހަރެން ދޫކޮށްލައިފި. އެހިސާބުން އަހަރެންނަށް އެނގުނު އެމީހުންނަށްވުރެ ބާރުގަދަ މީހެއްގެ އަމުރަށްކަން އެ ދޫކޮށްލީ. އަހަރެން މާލެ އައީ އެ ތިން ފިރިހެނުންނާއެކީ. އެތަނުން އެކަކު ބުނި އޭނާއަށް ކިޔަނީ ޒާހިލްއޭ. ފައިސާގެ ކަންކަން ހަމަޖެހޭނެޔޭ. އަހަރެން ގެއަށް އަންނަން އެރީ އޭނާގެ ކާރަށް." ފައިނާނުގެ ވާހަކަ ހުއްޓުވަމުން މާޔާ ސުވާލު ކުރި އެވެ.
"ޒާހިލްއޭ... ޔަޤީން ދޯ އެހެންކަން ކިޔަނީ. ނާނުއަށް އެނގޭނެތަ އޭނާ ފެނުނީމަ." މާޔާ އަހާލި އެވެ.
"ހޫމް... ޔަޤީން. އެ ތިން މީހުން ވެސް ވަކިކުރަން އެނގޭނެ." ފައިނާނު ބުންޏެވެ.
"ދެން ކިހިނެއްވީ؟." މަޔާ ސުވާލުކުރި އެވެ.
"އެމީހުންނަކީ އާދައިގެ ބައެއްނޫންކަން އެނގޭ ތިބި ގޮތުން. އެހެންވެ ޒާހިލް ކައިރިން އެހިން އަސްލު ވެސް ފައިސާ ދައްކާ ދޭންތޯ އެރޭ އެހެން ބުނީ. އޭނާ ބުނީ އެވަގުތު އަހަރެން ސަލާމަތްކޮށްދޭންވެގެން ބުނި އެއްޗެކޯ އެއީ... އަހަރެންނަށް އެނގޭ އެ މީހުންނަށް ލާރިކޮޅު ނުލިބެނީސް އަހަރެންނަށް މިނިވަންކަމެއް ނެތްކަން. އަހަރެން އެދުނީ ޒާހިލް ކައިރީ އެއްލައްކަ ރުފިޔާގެ ލޯނެއް ދޭން. މަންތްލީ އަހަރެން ޕޭ ކުރާނަމޭ ބުނިން. އޭނާއަށް ފައިސާ ދަތިނުވާކަމަށް ބުނި. އެހެންވެ އެއްލައްކަ ރުފިޔާއަކީ އޭނާއަށް ބޮޑު އެއްޗެއް ނޫނޭ ބުނީ... އޭނާ ކުރި އޮފާއެއް އެއީ. ބުނީ އަނބުރާ ނުދެއްކިޔަސް އެންމެ ރަނގަޅޭ. އެކަމަކު އޭނާއާއެކު ވަން ނައިޓް ސްޕެންޑް ކުރާން ބުނީ... އަހަރެންނަށް ހެދުނު ގޯހަކީ އެއީ. މިޔާ ޓްރަސްޓް މީ. އަހަރެން ދުވަހަކުވެސް އެ ނޫނީ އެފަދަ ކަމެއް ނުކުރަން. އެރޭ ގެސްޓްހައުސްއަށް ދިޔައީ ޒާހިލްއާ ހެދި ޑީލް ފުރިހަމަ ކުރާން. ހިތަށް އެރީ އެންމެ ރެޔެކޭ. ދެން އެ ރެޔަށްފަހު އަހަރެން އޭނާއާ ކުރިމަތިލާކަށް ނުޖެހޭނެޔޭ. ރުފިޔާ ލިބުމުން އަމިއްލަ މިނިވަންކަން ވެސް ހޯދުނިއްޔޭ. މިއިން އެއްވެސް ކަމެއް ކިޔާނުދިނީ ލަދުން. ގެސްޓްހައުސްއަށް އަހަރެން ދިޔައީ އެއް ރެޔަށް އަމިއްލަ ހަށިގަނޑު ވިއްކާލައިގެން ފައިސާ ހޯދާށޭ ބުނަން ކެރޭނީ ކިހިނެއް؟... މިޔާ... އެންމެ ރެއަކުން ޕްރެގްވެދާނެތަ؟. އަހަރެން ޕްރެގްވާކަށް ބޭނުމެއްނޫން." ފައިނާނުގެ ކަންބޮޑުވުން އިތުރުވި އެވެ.
"ޒާހިލްއާއެކު ނައިޓް ސްޕެންޑްކުރިއިރު ކީއްވެ ނާނުއާއެކީ އޭނާ ހައްޔަރު ނުކުރީ." މާޔާއަށް ބުނެވުނެވެ.
"ނޭނގެ. އަހަރެންނަށް ނިދުނީ. ހޭލެވުނުއިރު ކޮޓަރީގައި ހުރީ އެހެން މީހެއް. ފުލުހުން ވެސް ވަނީ އެވަގުތު. ހަމައެއްގޮތަކަށް ވެސް ނޭނގުނު އެރޭ ފަހުންވީ ގޮތެއް. އަހަރެން އެކަން ކުރީ ޒާހިލްއާއެކީ. ވިސްނާވިސްނާ ވެސް ނޭނގުނު ކީއްވެކަމެއް ޒާހިލްގެ ބަދަލުގައި އެހެން މީހަކު އެ ކޮޓަރީގައި ހުންނަންވީ ގޮތެއް." ފައިނާނު މޫނުގައި ދެ އަތް އެޅި އެވެ. އޭނާގެ ރުއިން ގަދަވި އެވެ.
ހުރިހާ ހަޤީޤަތެއް މާޔާއަށް ވިސްނިއްޖެ އެވެ. އެކަމަކު އޭނާ އެ ހަޤީޤަތް ފައިނާނަށް ސިއްރުކުރީ އެވެ. އިޒީކިއަލްގެ ނުބައި ރޭވުމާއި އަމިއްލަ މީހާ ބެދިފައި ހުރި މަޅީގެ ވާހަކަ ކިޔައިދީ ފައިނާނު ހާސްކުރުވަން ބޭނުންނުވީ އެވެ. އެކަމަކު ފައިނާނަށް ދިމާވެފައިވާ ދަތި ހާލުން ސަލާމަތްކުރާން މާޔާ ބޭނުމެވެ. އޭނާގެ ސިކުނޑީގައި ކަންކަން ރާވާލި އެވެ.
"ނުރޮއެ ހުއްޓާލާ. ޒާހިލް ޖެހޭނެ ތިކަމުގެ ޒިންމާ ނަގަން." މާޔާ ބުންޏެވެ.
"ޒިންމާ ނަގާނެ މީހެއް ވައްތަރެއް ނުޖަހާ. ހީ ލުކްސް މޯ ލައިކް އަ ޕްލެޔާރ. އެކަހަލަ އޮފާއެއް ނުކުރާނެ ދޯ ރަނގަޅު މީހަކު." ރޮމުންރޮމުން ފައިނާނު ބުންޏެވެ.
"އެހެންވިޔަސް އޭނާއަށް އެނގެން ޖެހޭނެ. އަންހެނަކު ޕްރެގްވަނީ އަމިއްލައަކަށްނޫން. އެންމެ ފުރަތަމަ ކަމަކަށް އަވަހަށް ޓެސްޓް ހަދަންވީ. ހިނގާ ހޮސްޕިޓަލަށް ދަމާ. އަހަރެން ދާނަން ނާނުއާއެކީ. ޓެސްޓް ރިޒަލްޓް ހިފައިގެން އޭނާ ހުރި ތަނަކަށް ދާނީ. އެކަމަކު އޭގެ ކުރީން ހިނގާ ކުޑަކޮށް ވިޔަސް އެއްޗެއް ކާލެވޭތޯ." މާޔާ ބުންޏެވެ.
ފައިނާނުގެ ކޯތާފަތް ދެ ފަރާތުން މާޔާ ފުހެލާ ދިނެވެ. އަދި އެކުވެރިޔާގެ އަތުގައި ހިފައި ދަމާލީ އެނދުން ބާލުވާށެވެ. ފައިނާނު އެނދުން ފައިބައިގެން މާޔާއާއެކު ހިނގައިގަތެވެ. އޭނާގެ ވިސްނުމަކަށް ދެން ހަދަންވީ ކިހިނެއްކަމެއް ނޭނގުނެވެ. މާޔާގެ ބަސް އަހައިގެން އެ އެކުވެރިޔާ ބުނާ ގޮތަށް ކަންތައް ކުރާން ނިންމީ އެހެންވެ އެވެ.
ކާމޭޒު ދޮށުގައި ފައިނާނު ބޭންދުމަށްފަހު މާޔާ ބިއްލޫރި ތަށްޓެއް ނަގައިގެން އައިސް އެ ތަށްޓަށް ފުރިޖުގައި ހުރި އަންނާރު ޖޫސްޕެކެޓުން އެތި ފޮދެއް އަޅައިދިނެވެ. އެއަށްފަހު ރެސްޓޯރެންޓުން ޕެކްކޮށްގެން ގެނެސްފައި ހުރި ކާއެއްޗެހި ކޮތަޅުން ތަށިތައް ނަގަން ފެށި އެވެ. މޭޒުމަތީ ބޭއްވި މާޔާގެ ފޯނު ވައިބްރޭޓްވާން ފެށީ އެވަގުތެވެ. އިސްކުރީނަށް ބަލާލުމާއެކު މާޔާ ނިކަން އަވަހަށް ފޯނު ނަގައިފި އެވެ. ފޯނުކޯލަށް ޖަވާބުދޭން އޭނާ ކާމޭޒު ކައިރިން ދުރަށް ހިނގައިގަތެވެ.
(ނުނިމޭ)