ވިޔަފާރި

އަމާނާ ތަކާފުލްގެ ހިއްސާގެ ފައިދާއާ ސާޕްލަސް ބަހަނީ

އަމާނާ ތަކަފުލް އިން މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ، ވިޔަފާރީގެ ފައިދާ އާއި އެ ކުންފުނީގެ އިންޝުއަރެންސް ނަގާ ފައިވާ ފަރާތް ތަކަށް ލިބޭ ފައިދާ ނުވަތަ ސާޕްލަސް ބަހަން ނިންމައިފި އެވެ.

އަމާނާ ތަކަފުލް މޯލްޑިވްސް އިން މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު (ފަސްޓް އިންޓެރިމް ޑިވިޑެންޑް) ގެ ފައިދާގެ ގޮތުގައި ހިއްސާދާރުންނަށް ބަހަން ނިންމާފައި ވަނީ، ހިއްސާއެއްގެ މޫނުމަތީ އަގުގެ ފަސް ޕަސެންޓެވެ. އަދި އެ ކުންފުނީގެ އިންޝުއަރެންސް ޕޮލިސީތައް ނުވަތަ ތަކާފުލް ސެޓްފިކެޓް (ޕޮލިސީހޯލްޑާސް) ނަގާފައިވާ ފަރާތްތަކަށް ފައިދާގެ ގޮތުގައި ބަހާނީ 14 ޕަސެންޓެވެ. ސާޕްލަސް ދޫކުރާނީ 31 ޑިސެމްބަރ 2018 އާއި ހަމައަށް މުއަދަތު ހަމަވާ ތަކާފުލް ސެޓްފިކެޓް (ޕޮލިސީ) ނަގާފައިވާ ފަރާތް ތަކަށް އެކަންޏެވެ.

ސާޕްލަސްއަކީ އިސްލާމިކް އިންޝުއަރެންސް (ތަކާފުލް) ނަގާ ފަރާތް ތަކަށް ދޫކުރާ ފައިދާ އެވެ. އާއްމު ކޮންފެންޝަން އިންޝުއަރެންސާ ހިލާފަށް، އިސްލާމީ އިންޝުއަރަންސްގައި ތަބައްރުއު (ރިސްކްފަންޑު) ގެ ހައްގުވެރިންނަކީ އިންޝުއަރަންސް ނަންގަވާ ފަރާތްތެކެވެ. އެހެން ކަމުން އިންޝުއަރެންސް ޕޮލިސީ ނަގާ ފަރާތަށް ކޮންމެ އަހަރަކު ކަނޑައެޅޭ ޕަސެންޓެއްގެ ފައިދާ ދެ އެވެ.

އަމާނާ ތަކަފުލްގެ ބޯޑުން ނިންމާފައިވާ ގޮތުން، އެ ކުންފުނީގެ އިންޝުއަރެންސް ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ހާދިސާއެއްގައި ބަދަލު ހޯދުމަށް އެދިފައި ނުވާ ހުރިހާ ފަރާތަކަށް ސާޕްލަސް ދޭނެ އެވެ. އެ ކުންފުނިން ބުނީ މި އަހަރު ހިނގި އެކިއެކި ހާދިސާތަކާ ގުޅިގެން ގެއްލުމުގެ ބަދަލު ދިން އަދަދު މިދިޔަ އަހަރުގެ ފުރަތަމަ ހަމަސްދުވަހާއި އަޅާބަލާއިރު 14 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ.

ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ އަދި ހަމައެކަނި ތަކަފުލް ހިދުމަތްދޭ އަމާނާ ތަކަފުލް އިން ހިފަހައްޓަމުންދާ އުސޫލީ މިންގަނޑުތަކަކީ ކުންފުނީގެ ކުރިއެރުމުގެ އެންމެ ބޮޑު ސިއްރު ކަމަށް އެ ކުންފުނިން ބުނެ އެވެ.

އަމާނާތަކަފުލް އިން ދަނީ ކުންފުނީގެ ހިދުމަތް ހޯއްދަވާ ފަރާތްތަކަށް 'ސާޕްލަސް' އާއި ހިއްސާދާރުންނަށް ވިޔަފާރި ފައިދާ 2011 ވަނަ އަހަރު، އެ ކުންފުނި ރާއްޖޭގެ ހިއްސާގެ ބާޒާރު، މޯލްޑިވްސް އެކްސްޗޭންޖުގައި ލިސްޓްކުރި ހިސާބުން ފެށިގެން ބަހަމުންނެވެ.