ވިޔަފާރި

ގޮލްފް އިވެންޓެއްގައި ރާއްޖެ އިޝްތިހާރު ކޮށްފި

Jul 19, 2019

މަޝްހޫރު އަދި ސެލެބްރެޓީން ބައިވެރިވާ ބޭރުގެ ގޮލްފް އިވެންޓެއްގައި ރާއްޖޭން އިޝްތިހާރު ކޮށްފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނީ ގޮލްފް ކުޅޭ ސެލެބްރިޓީން ދާ ހާއްސަ އިވެންޓެއްގައި ރާއްޖެ އިޝްތިހާރު ކުރި މިއީ ފުރަތަމަ ފަހަރު ކަމަށާާމި އިވެންޓު އޮތީ މި މަހުގެ 13 އިން 14 އިގެ ނިޔަލަށް ކަމަށެވެ.

ގޮލްފް ކުޅޭ ގިނަ ބައެއްގެ މެދުގައި މަގުބޫލު ކަލްޓިން މަނާ ރިސޯޓުގައި ކުރިއަށް ދިޔަ ކަލްޓިން މަނާ އެނުއަލް ސެލެބްރިޓީ ކަޕް 2019 ގައި އިނގިރޭސިވިލާތާއި ވޭލްސް އަދި ސްކޮޓްލޭންޑުގެ ޓީމުތައް ބައިވެރިވެ އެވެ. މި އިވެންޓުގައި ބައެއް މަޝްހޫރު މީހުން ވެސް ވަނީ ބައިވެރިވެފަ އެވެ.

އޭގެ ތެރޭގައި ލަވަ ކިޔުންތެރިޔާ ބްރެއިން ނިކޮލަސްގެ އިތުރުން ބްލަޑީ ސަންޑޭ އާއި ދަ ހޮބިޓް ފަދަ ފިލްމުތައް ކުޅެފައިވާ ޖޭމްސް ނެސްބިޓް ހިމެނެ އެވެ. މީގެ އިތުރުން ޓީވީ ޕްރެޒެންޓަރު ޖެތިން ޖޯންސް އާއި ރަގަބީ ކުޅުންތެރިޔާ މައިކް ޓިންޑަލް ވެސް ބައިވެރިވެފައިވެ އެވެ.

އެމްއެމްޕީއާރުސީން ބުނީ މި އިވެންޓު ކުރިއަށް ދިޔައިރު، ސެލެބްރިޓީންގެ މެދުގައި ގުރުއަތެއް ނަގައި ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަ ކޮށްލުމުގެ ފުރުސަތު ވެސް ދީފައިވާނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިނގިރޭސިވިލާތުން މިއަހަރުގެ މިހާތަނަށް 57,647 މިީހުން ވަނީ ރާއްޖެ އައިސްފަ އެވެ.