ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޓީޓީ ޓީމުގެ ކާމިޔާބީގެ އެންމެ ކައިރީގައި ރައީސް!

މެޗުގެ ވިނިން ގޭމަށް ރާއްޖޭން ނިކުތީ ރަފާ އެވެ. އޭނާގެ ފަހު ސެޓުގައި މޮރިޝަސްގެ ތަޖުރިބާކާރު ކުޅުންތެރިޔާ ތިން ޕޮއިންޓުން ލީޑް ގޮއި އޮއްވައި ފަހަތުން އަރައި ޕޮއިންޓް ހޯދި އެވެ. އަަދި މެޗު ކާމިޔާބު ކުރި އެވެ. ރާއްޖެ މޮޅުވިކަން އެނގުމުން ގައުމީ ޓީމަށް ލިބުނު ކާމިޔާބީގެ އުފަލުގައި ކުޅުންތެރިން ފުއްމައިގަން އިރު އެ ވަގުތުކޮޅުގައި ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ.

ރާއްޖެ މޮޅުވި ކަމަށް ފުމުނު ކަށިގަނޑާއެކު ވީއައިޕީ ބޮކްސްގައި ހުންނެވި ރާއްޖޭގެ ރައީސް ފެންސު މަތިން ފުއްމާލައްވާ ކުޅުންތެރިން ގާތަށް ވަޑައިގެންނެވި އެވެ. ޓީޓީ ޓީމަށް އަދި މުޅި ރާއްޖެ އަަށްވެސް ލިބުނު މި ކާމިޔާބީ ފާހަގަ ކުރުމަށް އެންމެ ކުރިން ވަޑައިގެންނެވީ ގައުމުގެ ރައީސް އެވެ. އެ މަންޒަރު ވެގެން ދިޔައީ ދުރުންނާއި ގާތުން މެޗު ބަލަމުން ދިޔަ ކޮންމެ ދިވެއްސެއްގެ ވެސް ލޮލުން ކަރުނަ ފާއްދާލި މަންޒަރަކަށެވެ. ގައުމު ފަހުރުވެރިވާ ދަރިންތަކާއެކު ގައުމުގެ ރައީސް އެ ކާމިޔާބުގައި އެންމެ ގާތުން ބައިވެރިވުން ވީ އުފާވެރި ހިތަށް އަސަރު ކުރުވި މަންޒަރަކަށެވެ.

ތިން ގަޑިއިރުގެ މެޗެއް ނިމެންދެން ހިތްވަރު ދެއްވުމާއި ސަޕޯޓު ކުރެއްވުމުގައި ރައީސް ހުންނެވީ ވަތަނީ ރޫހެއްގަ އެވެ. މޮރިޝަސްގައި ވީއައިޕީ ސަރަަހައްދުގައި އިންނަވާ އެންމެ ގާތުން މެޗުތައް ބައްލަވަމުން ގެންދެވީ "ޓީމް މޯލްޑިވްސް" ޖަހާފައިވާ ގައުމީ ޓީމުގެ ޖާޒީ ތުރުކުރައްވައިގެންނެވެ. ޓީމުގެ އޮފިޝަލަަކަށް، މެމްބަރަކަށް ވަކި ދުލެއް ނުކުރެ އެވެ. އިއްޔެ ކުޅުނު މެޗުވެސް ފެށުނީއްސުރެ ފަހު ވަގުތު ޖެހުމާ ހަމައަށް ރައީސް އާއި ރައީސްގެ ޓީމު ހިތްވަރު ދިނުމަށް ހުންނެވި އެވެ. މިއީ ދިވެހި ތާރީހުގައި ފެނުނު ތަފާތު ފުރިހަމަ އުފާވެރި މަންޒަރެކެވެ. ރާއްޖޭގެ އަށް ލިބުނު ފަހުރުވެރި ކާމިޔާބީ ފާހަގަ ކުރުމަށް ފަސްޖެހުމެއް ނެތި ކުޅުންތެރިންނާ އެންމެ ގާތުން ބައިވެރިވި އެވެ. ރައީސް އާއެކު ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހްމަދުވެސް ވަނީ މި ބޮޑު ކާމިޔާބީގައި ބައިވެރިވެފަ އެވެ. ރައީސްގެ ދެކަނބަލުންގެ މޫނުމަތިން ފެނުނީ ހިތް އުފާކޮށްދިން މަންޒަރެކެވެ.

މުބާރާތުން ލިބުނު ރަން މެޑައްޔާއެކު ރައީސް ވަނީ ޖަޒުބާތުން ފުރިގެންވާ މެސެޖެއް ޓްވިޓާގައި ހިއްސާކޮށްފަ އެވެ. ރާއްޖެ އަށް ރަން ވަނަ ލިބުނު ކަމަށާއި އަންހެން ޓީޓީ ޓީމަކީ މުޅި ގައުމުގެ ފަހުރާއި ޝަރަަފު ކަމަށް ރައީސް ވިދާޅުވި އެެވެ.

ފައިނަލް މެޗުން ރާއްޖެއަށް ލިބުނު ކާމިޔާބީ އަށްފަހު މުޅި ސޯޝަލް މީޑިއާއަށް ބަންޑުންކޮށްލި މި ފޮޓޯތަކުން އެތައް ވާހަކައެއް ބުނެދީފި އެވެ. ގައުމުގެ ރަައީސް ދިވެހިންނަށް ލިބުނު ކާމިޔާބީ ފާހަގަ ކުރި ގޮތުން ހިތްތަަކާ ކުޅެލައިފި ކަމެވެ. ޖޯޝާއި ފޯރީގައި އެންމެ ގާތުން ބައިވެރިވި ކަމެވެ. ވަކި ކުޅިވަރަކަށް ތަފާތު ކުރުމެއް ނެތި ވަޑައިގެންނެވި ކަމެވެ. ރަސްމީ ދަތުރުފުޅެއް ނަމަވެސް، ނުރަސްމީ ގޮތަކަށް ޓީމަށް ހިތްވަރު ދިނުމުގައި ބައިވެރިވެވަޑައިގަތުން ވެގެންދިޔައީ ރައީސަށް ތައުރީފާއި ލޯބި އިހުނަށްވުރެ ބޮޑަށް އިތުރުވި ކަމަކަށެވެ.

"ރައްޔިތުންގެ ރައީސޭ ބުނަނީ މިހެންވެ!" މީހަކު ސޯޝަލް މީޑިއާގައި ފޮޓޯ ހިއްސާ ކުރަމުން ޖަހާފަައިވެ އެވެ.

އަދި އެ އަށްފަހު، ގައުމު ފަަހުރުވެރިވާ ދަަރިންތަކެއް ރެއާ ދުވާލު ކުރި މަސައްކަތުން ލިބުނު ކާމިޔާބީގައި ޓީމުގެ ކަރުގައި ރަން މެޑަލް އަޅުއްވައިދެއްވި އެވެ. ގައުމީ ސަލާމާއެކު ދިިވެހި ގައުމީ ދިދަ އެންމެ މައްޗަށް ހިތްލާލުން ވެގެންދިޔައީ މުޅި ގައުމުވެސް އުފަލުން ފޮޅުނު ވަގުތުކޮޅަކަށެވެ. އަދި އެހާމެ ހިތަށް އަސަރު ކުރުވި ވަގުތުކޮޅަކަށެވެ. ރައީސަށްވެސް ރައްޔިތުންނަށްވެސް މެ އެވެ. މި މަންޒަރު ދިވެހި ތާރީހުގައި ރައްކާކުރާނީ ރަަން ސޮފުހާ އެއްގަ އެވެ.