ލައިފްސްޓައިލް

ޒުވާބު ފޭސްބުކްގެ ކޯޓަށް ގެންދިއުމަށްވުރެ މުހިއްމު ކަންކަން ހުރޭ!

Jul 27, 2015

ލޯބިވެރިޔާއާއި ދެބަސްވުމެއްގެ ދޭތެރޭގައި ތާށިވެފައި ހެއްޔެވެ؟ ވާހަކަ ދައްކަ ދައްކާ، ކަންތައްތައް ކުރަން ބޭނުންވާ ގޮތް ކިޔާދީ، ކިޔާދީ، ވަރުބަލިވާއިރުވެސް އޭނާގެ ހިތަށް އެއްޗެއް ނާރަނީހެއްޔެވެ؟ އަޑު ނާހަނީ ހެއްޔެވެ؟ ގަސްދުގައި އަޑުއަހަން ބޭނުން ނުވަނީހެއްޔެވެ؟ އަޑު އަހަން ބޭނުންނުވަނީ ކީއްވެގެންތޯ ދުވާލަކު ކިތަށް ފަހަރަކު ހިތަށް އަރާ ހެއްޔެވެ؟

އިރުއެރީއްސުރެ، އިރުއޮއްސެންދެން ވާހަކަ ނުނިމި، ޒުވާބުކޮށް ރޮއެ ހޭރުނަސް ފާރެއް ހުސް އަތުން ތަޅާލަން ކުރަން ޖެހޭ މަސައްކަތަށްވުރެ ލޯބިވެރިޔާއަށް އެއްޗެއް ވިސްނައިދޭން އުނދަގުލެވެ.

ލޯބިވެރިންގެ ދެމެދުގައި އޮންނަ އެންމެ މުހިއްމު އެއް ގުޅުމަކީ ވާހަކަ ދެއްކުމެވެ. ކޮމިއުނިކޭޝަންއެވެ. އެހެންނަމަވެސް، ވާހަކަ ދެއްކުމަށް ވުރެ ދެމީހުން ދޭތެރޭ ޒުވާބުކުރާލެއް ގިނައެވެ. އަޑު ނޭހުމުން އިތުރު ގޮތެއްވެސް ނޯންނަނީދޯ އެވެ.

އެހެންނަމަވެސް ބުނަން ބޭނުންވާ އެއްޗެއް ރުޅިނައިސް އަޑު އިސްނުކޮށް ބުނެވިދާނެ ގޮތްތަކެއް ހުރެއެވެ.

1- ފޯރުކޮށްދޭން ބޭނުންވާ މެސެޖްވީހާވެސް ކުރުކޮށް ފޮނިކޮށް ބުނެވޭތޯ ބަލާށެވެ. އެއީ އެންމެ ބުއްދިވެރިގޮތެވެ. ރިޕީޓްނުކޮށް އެއްފަހަރު ބުނެލާފައި ދެން ހުއްޓާލާށެވެ. ބުނެވުނު އެތި އޭނާގެ ބޮލަށް ވަދެ އޭތި ޕްރޮސެސް ކުރަން ފުރުސަތެއްދީ. އެކިއެކި ކަންކަމުގައި ރުޅިއައިސް އެއްފަހަރަކާ ބޮމެއް ވައްޓާލާހެން އޭނާގެ ބޮލަށް ހުރިހާ އެއްޗެއް އަޅަން ނޫޅޭށެވެ.

2- އަޑުއަހާށެވެ. މާނައަކީ ލޯބިވެރިޔާ ބުނާ އެއްޗެއް އަޑުއެހާއި ދެން އެންމެ އަވަހަށް ދޭނެ މޮޅު ޖަވާބާއި ދޭތެރޭ ވިސްނާ ޖެހިގެން ހުރި ބަސް ބުނުމެއްނޫނެވެ. އޭނާ ބުނާ އެއްޗަކާއި ދޭތެރޭ އޭނާގެ 'ޕާސްޕެކްޓިވް' އިންވެސް ވިސްނާލާށެވެ. ފަހަރެއްގައި އޭނާ ބުނާ އެއްޗެއް ހަމަނުޖެހިދާނެއެވެ. އަޑުއަހަން ބޭނުންވާ އެއްޗަކާއި މުޅިން ހިލާފު އެއްޗެއްވެސް ބުނެފާނެއެވެ. އެހެންނަމަވެސް އެއަށް އަމާޒުކޮށްގެން ރުޅި އިސްނުކޮށް ކެތްތެރިވެވޭތޯ މަސައްކަތްކުރާށެވެ.

3- ތިމާގެ މެސެޖް ފޯރުކޮށްދޭން ބޭނުންވިޔަސް އަވަސް އަރުވައިގެން ނުބުން، ވީހާވެސް މަޑުމައިތިރި ކަމާއި އެއްކޮށް ލޯބިން ބުނެވޭތޯ ބަލާށެވެ. ލޯބިވެރިޔާ ކުރާ ކަންތަކާއި ދޭތެރޭ ހިތްހަމަނުޖެހޭނަމަ އެންމެ ފުރަތަމަ މޫނުކުނިނުކޮށް "ތީތި ކަޑައޭ" ބުނުމަށްވުރެ، އެގޮތަށް ކަންތައް ކުރުމަށްވުރެ މިގޮތަށް ކުރީމަ ރަނގަޅޭ ބުނުމުން އޭނާ ދެރަނުވެ، ރުޅިނައިސް، ތިމާ ހިތްހަމަޖައްސެމަށްޓަކައި އެކަން ވީހާވެސް ރަނގަޅަށް ކުރެވޭތޯ މަސައްކަތް ކުރެވޭތޯ ބަލާނެއެވެ.

4- ސީދާ ކަންތައްތައް ވާންވީ ގޮތް ކިޔާދޭށެވެ. އިންޑައިރެކްޓް ކޮށް އޭނާއަށް 'ގެޓު' ވޭތޯ ކިތަންމެ ވަރަކަށް އުޅުނަސް ނުވާނެއެވެ. އެއްވެސް މީހަކީ "މައިންޑް ރީޑަރެއް" ނޫނެވެ. ގޭތެރެ ސާފުކޮށް ބަހައްޓަން ބޭނުންވާނަމަ، ހާދަ ނަޖިހޭ ނުބުނެ، ތުވާއްޔެއްނަމަ އަޅުވަންޖެހޭ ތަނެއް ކިޔާލަދޭށެވެ. ކުރީއްސުރެ އެމީހެއްގެ ގައިގާ ނެތް އާދައެއް އެއްރެއަކުން ހަރެއްވެސް ނުލާނެއެވެ. ކިޔައިދީގެން ނޭނގޭނަމަ ދައްކުވައިދޭށެވެ. އޭނާއަށްވެސް ވަގުތު ބޭނުންވާނެކަން އަމިއްލައަށް ވިސްނާށެވެ.

5- އަބަދު 'ނެގަޓިވް' ނުވާށެވެ. ލޯބިވެރިޔާއަކީ ރައްޓެހިންގެ ކަންކަމުގައި އިސްނަގައިގެން އަބަދު ސޯޝަލް މީހަކަށްވެ، އެހެންނޫނީ މަސައްކަތުގައި ބުރަކޮށް އުޅޭ މީހެއްނަމަ، މަސައްކަތުގައައާއި އެކުވެރިންގެ ކަންކަމުގައި އެހާ ފަރުވާ ބަހައްޓާތީ ފަހުރުވެރިވާ ކަމަށާއި ލޯބިއިތުރުވާ ކަމަށް ބުނެ ދެމީހުންވެސް އެކަކު އަނެކަކަށް ވަގުތު ހޯދައިގެން ކަމެއް ރާވަން ހިނގާބަލާށޭ ބުނުމުން ލޯބިވެރިޔާއަށް ނޫނެކޭ ބުނާކަށް ފުރުސަތެއް ނުލިބޭނެއެވެ.

6)) ކަމެއް ގޯސްވާ ކޮންމެ ފަހަރަކު އަބަދު އޭނާގެ ބޮލުގައި އިލްޒާމް އަޅުވަން ނޫޅޭށެވެ. އޭނާގެ އަތުން ކުރެވުނު ކަމެއްކަމުގައި ވިޔަސް ތިމާ ވެސް ޒިންމާ ނަގާށެވެ. އޭރުން އޭނާއަށް އަބަދު ތިމާއަށް މިހުރެވެނީ ކޯޓެއްގައި ލޯޔަރެއްގެ ހާޒިރުގައި ހެނެއް ހިޔެއް ނުވާނެއެވެ. ޒިންމާ ނެގިކަމުގައިވިޔަސް ތިމާގެ ހިތުގައި އޮންނަ އެއްޗެއްވެސް ބުނުން މުހިއްމެވެ.

ދެބަސްވުމަކަށް ނާރާ ލޯބިވެރިންނެއް ނުތިބޭނެއެވެ. އެހެންނަމަވެސް ދެބަސްވުމާއި ކޯޅުމުގެ ތަފާތު ވަކިކުރަން ދަސްކުރާށެވެ. ގުޅުމެއް ދެމެހެއްޓޭނީ ދެމީހުންވެސް އެކުގައި މަސައްކަތްކޮށްގެން ވީހާވެސް ކެތްތެރިކަމާއި އެކުގައެވެ. ގޯސްވާ ކޮންމެ ފަހަރަކު ފޭސްބުކްގައި ސްޓޭޓަސް އަޕްޑޭޓް ކުރިއަސް ކަމެއް ރަނގަޅެއް ނުވާނެއެވެ.