ހަބަރު

މަސް ގަންނަން ވަންނަ ބޭރުގެ ބޯޓުތައް މޮނިޓާ ކުރެވެން ޖެހޭނެ: އިދިކޮޅު މެންބަރުން

ބޭރުގެ ބޯޓު ފަހަރު ރާއްޖެ އައިސް މަސްވެރިންގެ އަތުން މަސް ގަތުމަށް ހުއްދަ ދިނުމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދު ހުށަހެޅުއްވި ގަރާރާ ގުޅިގެން އެހެން އެތެރެވާ ބޯޓު ފަހަރުތައް ސަރުކާރަށް މޮނިޓާ ނުކުރެވިދާާނެ ކަމުގެ ކަންބޮޑުވުން އިދިކޮޅު ބައެއް މެންބަރުން މަޖިލީހުގެ ކޮމިޓީގައި ފާޅުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މަސްވެރިންނާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ގަރާރަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވަނީ ހާޒިރުކޮށްފަ އެވެ.

އެ ކޮމިޓީގައި ބައެއް މެންބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޒަހާ ވިދާޅުވީ ލޭނުގެ މަސްވެރިކަން ކުރުމަށް ލައިސަންސް ދޫކުރި އުޅަނދުތަކުގައި ވެސެލް ލޮކޭޓިން ޑިވައިސް ހަރުކޮށްފައި ހުރުމުން އެ އުޅަނދުތަކުގެ ހަރަކާތްތައް މޮނިޓާ ކުރެވޭ ކަމަށެވެ.

ނަމަވެސް ލައިސަންސް ނެތް ބައެއް ބޭރުގެ އުޅަނދު ފަހަރުތައް ކަނޑުގެ ސަރަހައްދަށް ވަދެ އުޅޭ ކަމަށާއި އެ ކަމުގެ ރިޕޯޓް މިނިސްޓްރީއަށް ގިނަ ފަހަރު ލިބެނީ ވެސް މަސްވެރިކަން ކުރަން ނުކުމެ އުޅޭ ދިވެހި މަސްވެރި އޮޑިފަހަރުތަކުން ރިޕޯޓް ކުރުމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ އުޅަނދުތަކުގެ ހަރަކާތްތައް ބެލޭނެ ނިޒާމެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރުގެ އެ ވާހަކަފުޅާ ގުޅިގެން މާވަށު ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ ލޭނުގެ މަސްވެރިކަން ކުރާ ބޭރުގެ އުޅަނދުފަހަރުތައް ފާހަގަކުރެވޭނެ ގޮތެއް ނެތް ކަން މިނިސްޓަރުގެ ވާހަކަފުޅުން ފާހަގަކުރެއްވުނު ކަމަށެވެ. އެހެންކަމުން މަސް ގަންނަން ބޭނުންވާ ބޭރުގެ ބޯޓު ފަހަރަށް ދިވެހި ކަނޑުތަކަށް ވަނުމުގެ ފުރުސަތު ހުވާލުމުން އެ ބޯޓުފަހަރުތަކުން މަސްވެރިކަން ކުރިއްޔާ އެނގޭނެ ގޮތެއް އޮންނާނެތޯ މެންބަރު ސުވާލު ކުރެއްވި އެވެ.

ސައީދުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޒަހާ ވިދާޅުވީ ލައިސަން ދޫކޮށްފައިހުރި އުޅަނދުތައް ޓްރެކް ކުރެވޭނެ ކަމަށެވެ. ނަމަވެސް ގަވާއިދާ ހިލާފަށް "ވަގަށް" ވަދެގެން އުޅޭ ބޭރުގެ ބޯޓު ފަހަރުތަކުގެ ހަރަކާތްތައް ޓްރެކް ނުކުރެވޭނެ ކަމަށާއި ނަމަވެސް އެފަދަ އުޅަނދުފަހަރުތައް މިހާރު ވެސް ކޯސްޓްގާޑުން އަތުލައިގަންނަމުންދާ ކަމަށެވެ.

މިނިސްޓަރު ޒަހާ އެހެން ވިދާޅުވުމުން ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހްމަދު ޝިޔާމް ވަނީ ބޭރުގެ ބޯޓު ފަހަރުތައް މަސް ގަންނަން ވަދެވޭ ގޮތަށް ހުށަހެޅި ގަރާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.

އެ ގޮތުން ކަނޑުގެ ސަރަހައްދު މިހާރު ވެސް ރަނގަޅަށް މޮނިޓާ ނުކުރެވޭއިރު ބޭރުގެ ބޯޓު ފަހަރުތައް ރާއްޖޭގެ ސަރަހައްދުތަކަށާއި ބަނދަރުތަކަށް ވަދެ މަސްވެރި އުޅަނދުފަހަރުތަކުން މަސް ގަންނަން ހުއްދަ ދިނުމުން އެ ބޯޓު ފަހަރުތައް މޮނިޓާ ކުރެވޭނެތޯ ޝިޔާމް ސުވާލު އުފެއްދެވި އެވެ. އަދި އެ ކަމުގެ ސަބަބުން މަސްވެރިންނަށް އެއްވެސް ފައިދާއެއްވާނެތޯ ވެސް މެންބަރު ޝިޔާމް ސުވާލު ކުރެއްވި އެވެ.

"ރާއްޖޭގެ ސަރަހައްދަށް ވަންނަން ބޭނުންވެފައި ލޯ އަޅާލަ އަޅާލަ ތިބޭ ބޯޓު ފަހަރު ތިބޭކަން އެންމެން ދަނޭ. މަސް ގަންނަން ވަންނަ އެ ބޭރުގެ ބޯޓު ފަހަރުތަައް ވަންނަ އިރަށް (މަސް ބާނަން) ދާ އަޅާފާނެ، ނުކުންނަ އިރަށް ދާ އަޅާފާނެ. ވަންނާނީ ކަނޑު ކަހާލާފައި. ނުކުންނާނީ ކަނޑު ކަހާލާފައި. އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވޭ." ގަރާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމްގެ އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޒަހާ ވިދާޅުވީ ރާއްޖޭގެ ކަނޑުގެ އިގްތިސާދީ ހާއްސަ ސަރަހައްދު އިތުރަށް މޮނިޓާ ކުރުމުގެ މަސައްކަތް ކޯސްޓްގާޑާ ގުޅިގެން ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ ވެސެލް އޮބްޒާވަރިން ސިސްޓަމާއި އެލެކްޓްރޯނިކަލް އޮބްޒާވާ ގާއިމު ކުރެވުމުން ލައިސަންސް ދެވޭ އުޅަނދުތަކުގެ ހަރަކާތްތައް އިތުރަށް މޮނިޓާ ކުރެވޭނެ ކަމަށެވެ.

"ބޭރުގެ ބޯޓުތައް މަސް ގަންނަ ކަމަށް ވަންޏާ ވެސް އަޅުގަނޑުމެންގެ ނިޒާމުގެ ތެރެއިން ކަނޑައެޅިގެން ދާނެ ވަކި އެލެކްޓްރޯނިކް އޮބްޒާވާސް ސިސްޓަމް ނުނީ އޮބްޒާވަރުން ތިބެގެން އެ ހަރަކާތް ކުރިއަށް ގެންދަން. އަޅުގަނޑުމެން އެކަހަލަ ސިޔާސަތެއް ހަމަ ޖެހިއްޖެނަމަ އެއަށް އެޑްރެސް ކުރާނެ ސިޔާސަތުތަކެއް ވެސް އަޅުގަނޑުމެން އެކުލަވާލާނަން." ޒަހާ ވިދާޅުވި އެވެ.

މަސް ގަންނަން ބޭނުންވާ ބޭރުގެ ބޯޓު ފަހަރުތަކަށް ފުރުސަތު ދިނުމަށް ގަރާރު ހުށަހެޅުއްވި މެންބަރު އިސްމާއީލް ކޮމިޓީގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ގަރާރެއްގެ ގޮތުގައި އެ ކަންކަން ހުށަހަޅަނީ ވެސް އެ ކަންކަމުގައި އިދިކޮޅު ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް ހޯދުމަށް ކަމަށެވެ. އަދި ވިދާޅުވީ ބޭނުން ބޯޓެއް ހަމަ ބޭނުން ވަގުތެއްގައި ރާއްޖެއަށް އެތެރެވެގެން މަސް ގަތުމަކީ ބައިނަލްއަގްވާމީ އުސޫލުތަކުން ފުރުސަތު ލިބޭ ކަމެއް ނޫން ކަމަށާއި އެ ކަން ކުރާނީ ވަކި ހަމަތަކާއި އުސޫލުތަކެއްގެ ތެރެއިން ކަމަށެވެ.

"އެ ބޯޓެއް މަސް ގަންނައިރު މި ރާއްޖޭގައި އިސްޑަސްޓްރީއެއް ގާއިމުކޮށް މަސް ދަޅު ވެސް އެހެނިހެން ބާވަތްތައް ވެސް އުފެއްދޭ ގޮތަށް އެ ލައިސަންސް ދޫކުރެވިގެން އަދި ގަނޑު ކުރެވޭ މަސް ވެސް ބޭރުކުރެވޭ ގޮތަށް ކަންތައް ކުރަން މި އުޅެނީ. އެއް ގޮތަކަށް ވެސް މަސް ގަންނަން ބޭރުގެ ބޯޓެއް ހަމަ ރާއްޖެ އައިސް މީހުންގެ އަތުން މަސް ގަނެގެން އެ ބޭރުކުރެވޭ ގޮތަކަށް ނޫން. އެއީ ދުނިޔޭގެ ގާނޫނުތަކުން ވެސް ޖާގަ ލިބޭ ކަމެއް ނޫން،" އިސްމާއިލް ވިދާޅުވި އެވެ.