ހަބަރު

މަސްވެރިންގެ ދަތިތައް ހައްލު ކޮށްދޭން ގޮވާލާ ގަރާރެއް

Nov 8, 2020

މަސްވެރިންނަށް ކުރިމަތިވަމުންދާ އެކި އެކި ދަތިތައް ހައްލުކޮށް ދިނުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލައި، އިދިކޮޅުން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އާދަމް ޝަރީފު އުމަރު ހުށަހެއްޅުވި ގަރާރުގައި ބުނެފައިވަނީ މަސް ކިރުމަށްޓަކައި ގިނަ ދުވަސްތަކެއް ވަންދެން ކިޔޫގައި ޖެހެން ޖެހުމުގެ ސަބަބުން، ހަރަދު ބޮޑުވުމުގެ އިތުރުން މަސްވެރިންނަށް ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން، ކިރާ މަހަށް ފައިސާ ލިބުން ލަސްވުމުގެ އިތުރުން ކަޅު ބިލަމަހާއި ކަންނެލީގެ އަގު ދަށްވުމުގެ ސަބަބުން މަސްވެރިންނާއި އޮޑިވެރިންނަށް ބޮޑެތި ދަތިތައް ކުރިމަތިވަމުންދާ ކަމަށް ވެސް އެ ގަރާރުގައި ބުނެފައިވެ އެވެ.

އެހެންކަމުން، ބާނާ މަސްކޮޅު އަވަހަށް ކިރޭނެ ގޮތާއި، ކިރޭ މަސްކޮޅަށް ވަގުތުން ފައިސާ ލިބޭނެ ނިޒާމެއް ގާއިމުކޮށް ދިނުމަށް އާދަމް ޝަރީފް ހުށަހެޅުއްވި ގަރާރުގައި ވަނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފަ އެވެ.