ހަބަރު

މަސްވެރިކަމުގެ ގަވައިދުތައް ހަދާ ނިންމައިފި

Oct 12, 2020
2

މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހު ވުޖޫދުވި މަސްވެރިކަމުގެ އާ ގާނޫނުގެ ދަށުން ހަދަންޖެހޭ ހުރިހާ ގަވައިދެއް މިހާރު ހަދައި ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ އެފްޓީއޭގެ ދަށުން ދިވެހި މަސްވެރިންނަށް ލިބެންޖެހޭ މަންފާތައް ހިފަހައްޓާފައިވާ ކަމަށް ވިދާޅުވެ ކާށިދޫ ދާއިރާގެ މެންބަރު އަބްދު لله ޖާބިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވުމުގައި ޒަހާ ވިދާޅުވީ މަސްވެރިކަމާބެހޭ ގާނޫނުގެ ދަށުން މިހާތަނަށް ހަތް ގަވާއިދެއް މިހާރު ގެޒެޓްކުރެވިފައިވާ ކަމަށާއި އެންމެ ފަހުން އެކުލަވާލި ގަވާއިދު ވެސް މިހާރު ގެޒެޓްކުރަން ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

ގެޒެޓު ކުރަން ފޮނުވާފައިވަނީ ރިސާޗް ޕާމިޓު ދިނުމާބެހޭ ގަވައިދު ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހު ވުޖޫދުވި މަސްވެރިކަމުގެ އާ ގާނޫނުގައި ބުނާ ގޮތުން އެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ހަ މަސް ދުވަހުގެ ތެރޭގައި ނިންމައި ޝާއިއު ކުރަން ޖެހެ އެވެ. ނަމަވެސް، އެ މުއްދަތުގައި އެ މަސައްކަތް ކުރެވިފައި ނުވާތީ، މަޖިލީހުގެ ގަވާއިދު ކޮމިޓީން އެ މައްސަލަ ބަލައި ޒަހާގެ މަސްއޫލިއްޔަތު އަދާ ކުރައްވާފައި ނުވާ ކަމަށް ކަނޑައެޅި އެވެ.

މީގެ ކުރިން މަސްވެރިކަމުގެ ގަވާއިދުތައް ނުހެދި ލަސްވާތީ އެމްޑީޕީގެ މެންބަރުން ވަނީ މިނިސްޓަރު ޒަހާއަށް ވަރަށް ބޮޑަށް ނުރުހުން އަމާޒު ކުރައްވައިފަ އެވެ. އަދި ޒަހާގެ އިސްތިއުފާއަށް ގިނަ މެންބަރުންތަކެއް ގޮވާލެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ މެންބަރުން އަބަދުވެސް ސަރުކާރު ހިންގާ ކޯލިޝަންގައި ދެން ތިއްބެވި މިނިސްޓަރުންނަށް ފާޑުވިދާޅުވެއެވެ. މިނިސްޓަރު ޒަހާއަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެމްއާރުއެމްގެ ސްލޮޓްގައި މަގާމުގައި ހުންނެވި ބޭފުޅެކެވެ.