ހަބަރު

"ދިވެހި މަހުގެ ނަން ބޭނުންކުރުން ހުއްޓުވޭނީ ގާނޫނަކުން"

Aug 31, 2020

ދިވެހި ކަނޑުމަހުގެ ނަމުގައި އެހެން ގައުމުތަކަށް އަވަށްޓެރި ސްރީލަންކާއިން މަސް އެކްސްޕޯޓު ކުރުން ހުއްޓުވަން، އެކަމަށް ހާއްސަ ގާނޫނެއް ހަދަންޖެހޭ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ދެ މެންބަރަކު ކުރެއްވި ދެ ސުވާލަކަށް ޖަވާބު ދެއްވަން މިއަދު މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވި އެވެ. އަދި "މޯލްޑިވް ފިޝް" ގެ ނަމުގައި ސްރީ ލަންކާ އިން ޔޫރަޕަށާއި އެހެން ސަރަހައްދުތަކުގެ ގައުމުތަކަށް މަސް އެކްސްޕޯޓް ކުރުން ނުހުއްޓު ވެނީ ކީއްވެތޯ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވި އެވެ.

އެކަމަނާ ވިދާޅުވީ ރާއްޖޭގެ މަސް ބްރޭންޑެއްގެ ގޮތުގައި ޕޭޓަންޓް ކުރަން ގާނޫނެއް ބޭނުންވާނެ ކަމަށެވެ.

"ރާއްޖޭގެ މަސް ބްރޭންޑެއްގެ ގޮތުގައި ޕޭޓަންޓް ކުރަން ގާނޫނެއް ބޭނުންވޭ. އެކަން މި މަޖިލީހުގެ ތެރެއިން ކޮށް ދެއްވުމަށް އަޅުގަނޑު މެންބަރުންގެ ކިބައިން އެދެން،" ޒަހާ ވިދާޅުވި އެވެ.

ސީދާ ޕޭޓަންޓް ގާނޫނެއް ނެތަސް، ބައިނަލްއަގުވާމީ އެކި އެކި ގާނޫނުތަކުގެ ދަށުން އެކަން ހުއްޓުވޭނެ މަގެއް ނެތީތޯ ސުވާލު ކުރުމުގެ އދ ސުވާލަށް ސީދާ ޖަވާބެއް ޒަހާ ނުދެއްވަ އެވެ.

ލަންކާއަށް އެހެން ގައުމުތަކުން މަސް އެތެރެ ނުކުރެވޭ ގޮތަށް ހަދަން ލަންކާގެ އާ ސަރުކާރުން މަސައްކަތް ކުރަމުން ދާއިރު، އެކަމުން ރާއްޖެއަށް މާ ބޮޑު ގެއްލުމެއް ނުވާނެ ކަމަށް ވެސް ޒަހާ މިއަދު ވިދާޅުވި އެވެ. ރާއްޖޭން އަމާޒު ކުރަނީ އަ ގުބޮޑު ބާޒާރަށް ކަމަށާއި ލަންކާގައި ރާއްޖޭގެ މަހަށް އެހާ ބޮޑު އަގެއް ނުލިބޭ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

"ހިކި ކަނޑުމަހަކީ އަޅުގަނޑުމެންނަކަށް މާ ބޮޑު އަގެއް ލިބޭ އެއްޗެއް ނޫން. އެއަށް ވުރެ އަގު އެއްކުރެވިގެން އެއަށް ވުރެ ބޮޑެތި ބާޒާރަށް އަޅުގަނޑުމެންނަށް ފޮނުވޭނެ. އަޅުގަނޑުމެން ބޭނުމެއް ނޫން ގަނޑުކުރި މަސް ތައިލެންޑް ބާޒާރަށް ވެސް އަދި ލަންކާ ބާޒާރަށް ވެސް ފޮނުވާކަށެއް،" ޒަހާ ވިދާޅުވި އެވެ.