ހަބަރު

ދިވެހި މަހުން ނަގާ ޑިއުޓީ ލަންކާއިން ބޮޑުކޮށްފި

Nov 3, 2020
5

ރާއްޖޭން އެތެރެކުރާ މަހުން ނަގާ ޑިޔުޓީ އަވަށްޓެރި ސްރީލަންކާއިން ބޮޑުކޮށްފި އެވެ.

ލަންކާގެ ފިޝަރީޒް މިނިސްޓްރީން ބުނީ އެ ގައުމަށް ބޭރުން އެތެރެކުރާ މަހުގެ ބާވަތްތަކުން ޑިޔުޓީ ބޮޑުކުރަން ނިންމާފައިވަނީ އެގައުމުގެ މަސްވެރިކަމުގެ ސިނާއަތަށް އިތުރު ރައްކާތެރިކަމެއް ފޯރުކޮށްދިނުމަށް ކަމަށެވެ.

މިގޮތުން، މިދިއަ އަންގާރަ ދުވަހުން ފެށިގެން ޑިޔުޓީ ބޮޑުކޮށްފައިވަނީ ލަންކާއަށް އިމްޕޯޓު ކުރާ މަހާއި، ހިކި މަހުގެ އިތުރުން ރާއްޖޭން އެތެރެކުރާ "މޯލްޑިވް ފިޝް" އިންނެވެ.

މިގޮތުން، ރާއްޖޭން އެތެރެކުރާ މަހަށް ކިލޯއަކުން ނަގާ ޑިޔުޓީ ވަނީ 302 ލަންކާ ރުޕީސްއަށް ބޮޑުކޮށްފައި އެވެ.

ލަންކާއަށް އެތެރެކުރާ މަހުގެ ބާވަތްތަކުން ޑިޔުޓީ އިތުރުކުރި ނަމަވެސް، އެކަމުން ރާއްޖެއަށް މާ ބޮޑު ގެއްލުމެއް ނުވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

އަދި ރާއްޖޭން އަމާޒު ކުރަނީ އަ ގުބޮޑު ބާޒާރަށް ކަމަށާއި ލަންކާގައި ރާއްޖޭގެ މަހަށް އެހާ ބޮޑު އަގެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

"ހިކި ކަނޑުމަހަކީ އަޅުގަނޑުމެންނަކަށް މާ ބޮޑު އަގެއް ލިބޭ އެއްޗެއް ނޫން. އެއަށް ވުރެ އަގު އެއްކުރެވިގެން އެއަށް ވުރެ ބޮޑެތި ބާޒާރަށް އަޅުގަނޑުމެންނަށް ފޮނުވޭނެ. އަޅުގަނޑުމެން ބޭނުމެއް ނޫން ގަނޑުކުރި މަސް ތައިލެންޑް ބާޒާރަށް ވެސް އަދި ލަންކާ ބާޒާރަށް ވެސް ފޮނުވާކަށެއް،" މިދިއަ އޯގަސްޓް މަހު ރައްޔިތުންގެ މަޖިލީހުގައި ޒަހާ ވިދާޅުވި އެވެ.