ހަބަރު

ދިވެހި ދިދައިން ބުރްޖް ހަލީފާ ދިއްލާލައިފި

Jul 27, 2019
2

ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ދުބާއީގައި ހުންނަ ދުނިޔޭގެ އެންމެ އުސް އިމާރާތް ދިވެހި ދިދައިން ދިއްލާލައިފި އެވެ.

މިރޭ ބުރްޖް ހަލީފާ ތިރިން ފެށިގެން މައްޗަށް ދިއްލާލާފައިވަނީ ދިވެހި ދިދަ ރަމްޒުވާ ގޮތަށެވެ. މިއީ މިގޮތަށް ރާއްޖޭގެ މިނިވަން ދުވަހު ބުރްޖް ހަލީފާ ރާއްޖޭގެ ދިދައިން ދިއްލާލި ފުރަތަމަ ފަހަރެވެ.

ބުރްޖް ހަލީފާ ދިވެހި ދިދައިން ދިއްލާލާފައިވާއިރު، މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގައި ވަރަށް ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން މިރޭ ވަނީ ހެވިކަމާއިި ކުޅިވަރުތައް ބާއްވާފަ އެވެ.

މީގެ އިތުރުން މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން ސިފައިންގެ ތަފާތު ހުނަރުތައް ދައްކައިލާ މިނިވަންދުވަހުގެ ޝަރަފުގެ ހިނގާލުން މާދަމާ ހަވީރު އޮންނާނެ އެވެ.

މެދުކެނޑުމަކަށްފަހު އާންމުކޮށް ބާއްވަމުން އަންނަ ފުޅަނދުބުރު މާދަމާ ރޭ އޮންނާނެ އެވެ. މިފަހަރުގެ ފުޅަނދުބުރުގައި ޖަޒީރާވަންތައް ގޮތްތައް އެކުލެވޭނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސް ސޯލިހާއި ފަސްޓްލޭޑީ ފަޒުނާ އަހުމަދު ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން ރޭ ވަނީ ދަރުބާރުގޭގައި ބާއްވަވާފަ އެވެ.