މީހުން

އާދަޔާހިލާފު މީހުން: 31 އަހަރު ކުރިން ފެނުނު މޫނު އަދިވެސް އެގޮތުގައި

ނުވަ ދިހައިގެ ފަހުކޮޅާއި ދެހާހުގެ ކުރީކޮޅު އޭނާ އަކީ ޓީވީއެމްގެ އެންމެ މަޝްހޫރު އަދި އެންމެ މަގްބޫލު އެއް މޫނެވެ. މިހާރު އޭނާ އެގޮތަށް ޓީވީ އިން ނުފެންނަތާ 13 އަހަރުވީ އެވެ. އެކަމަކު މި އިންޓަވިއު އަށް ގަޑިކިޔައިގެން އޭނާއާ ބައްދަލުވިއިރު ވެސް ހުރީ މީގެ އެތައް އަހަރެއް ކުރިން ވެސް ޓީވީން ފެނުނު ގޮތަށެވެ.

މުހައްމަދު ޝަރީފު ނުވަތަ އޭނާ ޓީވީއެމްގައި ހުށަހަޅައިދިން ތިމާވެށީގެ ޕްރޮގްރާމަށް ނިސްބަތްކޮށް ބުނާ ނަމަ "ފެހިވިނަ ޝަރީފު" އަކީ، ފެންނަ ފެނުމަށް ބަދަލެއް އައުމެއް ނެތް، މުސްކުޅިވުމެއް ނެތް، ދެގޮތެއް ނުވާ ފަރާތެކެވެ. ދޮރު ހުޅުވާލާފައި އޮފީހަށް ވަދެގެން އައިސް ސަލާންކޮށްލުމުން އަޅުގަނޑަށް ހީވީ، 90ގެ ފަހުކޮޅު ދެއްކި "ފެހިވިނަ" ޕްރޮގްރާމެއްގެ ތެރެއިން ނުކުމެގެން އައިސް ސަލާންކޮށް ހީލިހެންނެވެ.

"ވަރަށް ގިނަ މީހުން ބުނޭ ތި ވާހަކަ. ކުރީގެ ރައްޓެއްސަކާ ދިމާވެލިޔަސް އެމީހުން ވެސް އަހާލާނެ، ކިހިނެތްހޭ މި ބަދަލުތައް މި ގޮތުގައި ހިފަހައްޓަނީ މިހާ ޒަމާންވަންދެން،" ހިނިތުންވުމެއްގެ ތެރެއިން ޝަރީފު ދިން ޖަވާބަކީ މިއީ އެވެ.

އޭނާގެ ބޮލުގައި އޮތް އިސްތަށިގަނޑުގެ ސްޓައިލާއި ހެދުން އަޅައިގެން ހުރި ގޮތް ވެސް ވަރަށް "ފެހިވިނަ" އެވެ.

"އަޅުގަނޑަކީ އެއްގޮތަކަށް ވެސް ސިނގިރޭޓް ބޯ މީހެއް ނޫން. ފާޑުފާޑުގެ އެނާޖީ ޑްރިންކްސް ބޯ މީހެއް ނޫން. ހޮޓާ ހޮޓާތަކުން ފާޑުފާޑަށް ކާ މީހެއް ނޫން. އެކަމަކު ހުރިހާ ކަމެއް ވެސް ގަވާއިދެއްގެ ދަށުން ކުރާ މީހެއް،" ބަދަލުވުމެއް ނެތް "ޝަރީފު" ގެ މާ ގިނަ ސިއްރުތަކެއް ނެތް ކަމަށް ބުނެ އޭނާ ދިނީ މިކަހަލަ ޖަވާބެކެވެ.

ކޮންމެއަކަސް، އުމުރުން މިހާރު 45 އަހަރުވެފައިވާ ޝަރީފަކީ ވަރަށް ވެސް އާދަޔާހިލާފު މީހެކެވެ. އޭނާގެ މި ހާއްސަ ސިފަ އަށް "ފެހިވިނަ" ޕްރޮގްރާމް އެކަނި ވެސް ފުދެ އެވެ.

އެހެންވީމަ ތިމާވެށީގެ ދާއިރާ އިން ފަށަމާ ހިނގާށެވެ. އުމުރުގެ ގިނަ ދުވަސްތަކުގައި އޭނާ އަކީ ތިމާވެށީގެ އެކްޓިވިސްޓެކެވެ. އޭނާގެ ޓްރޭޑްމާކް ޓީވީ ޕްރޮގްރާމް ނިމުމަކަށް އަޔަސް އަދިވެސް މި ދާއިރާ އަށް އޭނާ ފޫސެއް ނުވެ އެވެ.

މިހާރު ހަރަކާތްތެރިވަނީ "ޓްރީ މޯލްޑިވްސް" ނަމަކަށް ކިޔާ އެންޖީއޯއެއްގެ ކުޑައިގެ ދަށުންނެވެ.

ޝަރީފު ބުނީ ތިމާވެއްޓަށް ހިތް ޖެހުނު އެންމެ ބޮޑު ސަބަބަކީ އޭނާ އުޅެ ބޮޑުވި މާހައުލު ކަމަށެވެ. އޭނާ އުޅެ ބޮޑުވީ ބަގީޗާއަކަށެވެ.

އޭނާގެ އުފަންގެ ގ. ނޫރަލީ އަކީ މާލޭގައި އޭރު އެންމެ ގަދަ އަށް ގަސްއިންދައި ބަގީޗާ ހައްދާ އެއް ގެ އެވެ.

"މަންމަ އަކީ ގަސް ހެއްދުމަށް ވަރަށް ޝައުގުވެރިވި މީހެއް. އަޅުގަނޑުގެ ގެއަކީ ވަރަށް ފެހި ގެއެއް. ދެން އޭރު ކުޅެން ދާނީ ޖެހިގެން ހުންނަ ގެއަކަށް. އެ ގެއަކީ އަދި އެއަށް ވުރެ ފެހި ގެއެއް. ގަސް އިންދުމުގެ ތަފާތު މަންޒަރުތަކާއި އުކުޅުތަކެއް ފެނުނު ގެއެއް،" ޝަރީފު ކިޔައިދިނެވެ.

އޭނާ ބުނީ "ހަވީރު" ނޫހުގައި، ތިމާވެށީގެ މަޝްހޫރު އެކްޓިވިސްޓް، މުހައްމަދު ޒާހިރު (މީމުޒަވިޔަނި) ލިޔުއްވި ކޮލަމަކީ ވެސް ތިމާވެށީގެ ދާއިރާ އިން ހޭލުންތެރިކަން އިތުރުކޮށް ކުރިއަށް ދާން ލިބުނު ބޮޑު ހިތްވަރެއް ކަމަށެވެ. އެ ކޮލަމަކީ ޝަރީފު އޭރު ގަވާއިދުން ކިޔަމުން ދިޔަ ކޮލަމެކެވެ.

"އަޅުގަނޑަށް ވިސްނުނީ ތިމާވެށީގެ ދާއިރާ އަކީ ވަރަށް ބޮޑު ދާއިރާއެއްކަން އަދި ވަރަށް ކުރިއަށް ދެވިދާނެކަން މި ދާއިރާ އިން. އަޅުގަނޑުގެ ކިބައިގައި އެ ގާބިލުކަން ވެސް އެބަހުރިކަން އެނގުނީ. މައުލޫމާތު ވެސް އެއްކުރެވިދާނެޔޭ. ލިޔަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރެވޭނެޔޭ. ޓީވީ ޕްރޮގްރާމެއް ހުށަހަޅަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރެވިދާނެޔޭ އަޅުގަނޑުގެ ހިތަށް އެރީ،" ޝަރީފު ބުންޏެވެ.

ޓީވީއެމުން ރަސްމީކޮށް "ފެހިވިނަ" ޕްރޮގްރާމް ފެށުމުގެ މާ ކުރިން އެ ހިޔާލު ހިފައިގެން ޝަރީފު ޓީވީ އަށް ދިޔައީ އެހެންވެ އެވެ. ނަމަވެސް އޭނާ ދިން ހިޔާލުވީ "ޖޯކަކަށެވެ."

"އަޅުގަނޑު އެހެން ބުނީމަ އެ ތަނުގެ ވެރިއަކަށް ހުންނެވި ބޭފުޅާ ވިދާޅުވީ ތިޔައީ ދެން ބަޔަކު ބަލާ ހިތްވާނެ ކަހަލަ ޕްރޮގްރާމެއް ހެއްޔޭ؟ ދެން އަޅުގަނޑު ބުނެފިން ބަލާނެއޭ. ބުނީމަ ވެސް ފުރުސަތެއް ނުލިބުނު. އެކޮޅުން ލަފާ ދިނީ އެންޓަޓެއިންމަންޓް ޝޯއެއް ހަދަން،" ޝަރީފު ބުންޏެވެ.

"ފެހިވިނަ" ޕްރޮގްރާމް ޕްރިމިއާކުރީ އޭގެ ގާތްގަނޑަކަށް ދެ އަހަރު ފަހުންނެވެ. އެއީ 1998 ވަނަ އަހަރެވެ. ޕްރޮގްރާމް ލިޔެ ޑައިރެކްޓްކޮށް ޕްރެޒެންޓްކުރީ ވެސް ޝަރީފެވެ.

"އަޅުގަނޑު އެކަނި އެ ޓީމުގައި ހުރީ ތިމާވެށި އެވަރަށް އެނގޭ މީހަކަށް ވެސް،" ޝަރީފު ބުންޏެވެ.

ނަމަވެސް ޝަރީފަކީ ވެސް ޔުނިވާސިޓީއަކަށް ގޮސްގެން ތިމާވެށި ކިޔަވައިގެން ހުރި މީހެއް ނޫނެވެ. އޭނާ ދަސްކުރި އެއްޗެއް ދަސްކުރީ އަމިއްލަ ގޭގައި މަންމަ އިންދި ބަގީޗާ އިންނާއި އެއްކޮށްގެން ކިޔައި ހުސްކުރި ފޮތްތަކުންނެވެ.

"އެއްވެސް އިންސްޓިޓިއުޝަނަކުން އެންވަޔަރޮމެންޓް ކިޔާ އެއްޗެއް އަޅުގަނޑެއް ނުކިޔަވަން. އަޅުގަނޑު އަމިއްލަ އަށް ކިޔެވީ،" ޝަރީފު ބުންޏެވެ.

"ފޮތްތަކުންނާއި އެހެން ލިޔެކިޔުންތަކުން މައުލޫމާތު އެއްކުރީ. ތިމާވެއްޓާ ބެހޭ މައުލޫމާތު ހޯދުމަށް އަޅުގަނޑު އަމިއްލަ އަށް ސިންގަޕޫރަށް ދަތުރެއް ވެސް ކުރިން. އެއީ ޔުނިވާސިޓީތަކުގައި ކިޔަވައިދޭ އެންވަޔަރޮމެންޓަލް ސައިންސް ފޮތެއް ހޯދުމުގެ ބޭނުމުގައި."

ޝަރީފު ހާއްސަވަނީ އެއްގޮތަކަށް ވެސް ތިމާވެށީގެ އެކްޓިވިސްޓަކަށް އޭނާ ވީމަކާއެއް ނޫނެވެ. އޭނާގެ ޕެޝަން އެވެ.

ޓީވީއެމް އިން "ފެހިވިނަ" ޕްރޮގްރާމްގެ 250 އެޕިސޯޑް 2006 ވަނަ އަހަރުގެ ނިޔަލަށް ދެއްކިއިރު މި ހުރިހާ އެޕިސޯޑެއްގައި ވެސް ޝަރީފު މަސައްކަތްކޮށްފައި ވަނީ ހިލޭ ސާބަހަށެވެ. ގަވާއިދު އޮންނަ ގޮތުން ކޮންމެ އަހަރަކު ވެސް ރޯދަ މަހަށް ޝޯ މެދުކަނޑާލަ އެވެ. ނަމަވެސް އެ ބްރޭކަކީ ވެސް އޭނާ ބޭނުންވި ބްރޭކެއް ނޫނެވެ.

"މިއީ ހިލޭ ސާބަހަށް ކުރި ކަމެކޭ އަޅުގަނޑު. މިއީ އެއްވެސް ލާރިއަކަށް ކޮށްދިން ކަމެއް ނޫނޭ. ޕެޝަން އަކަށް، އަޅުގަނޑު އެކަން ކުރާ ހިތްވާތީ ކުރި ކަމެއް. އަޅުގަނޑަށް ލާރި ދޭން އުޅުނީމަ ވެސް އަޅުގަނޑު ނުހިފީ އޭގައި،" ޝަރީފު ބުންޏެވެ.

"އަޅުގަނޑު ބޭނުންވި ރޯދަ މަހު ވެސް އެ ޝޯ ގެންދަން. އަޅުގަނޑަށް މީހަކު ކިޔައިދޭކަށް ނުޖެހޭނެ ޕްރޮގްރާމުގައި ކިޔަން ޖެހޭ އެއްޗެހިތަކެއް."

ޝަރީފު ގަބޫލުކުރާ ގޮތުން އޭނާގެ ޕްރޮގްރާމް ހުއްޓާލަން ޖެހުނީ ރާއްޖެ އަށް ތައާރަފްވި ސިޔާސީ ކުލަތަކާ ގުޅިގެންނެވެ. ޕްރޮގްރާމް މެދުކެނޑުނީ އޭރުގެ އިންފޮމޭޝަން މިނިސްޓަރު ކަމުގައި ހުންނެވި މުހައްމަދު ނަޝީދުގެ އަރިހުގައި ރަށެއްގެ ކަތީބަކު ކުރި ޝަކުވާތަކަކާ ގުޅިގެން ކަމަށް އަޑު އިވުނު ކަމަށް ޝަރީފު ބުންޏެވެ.

"ޕްރޮގްރާމްގެ އެއްމެ ހާއްސަ އެއް ސިފައަކީ އެއީ ވަކި ފަރާތަކަށް ޖެހުނު ޕްރޮގްރާމެއް ނޫން. ރަށެއްގެ ފަޅު ތެރެއަށް ކަރުގޮހޮރު އަޅާފައިވާ ނަމަ އެ ރަށަކަށް ބެލުމެއް ނެތި އެ ވާހަކަ ވެސް ޝޯގައި ގެނެސްދޭނެ. އަދި ރީތި ކަމުގެ ވާހަކަ ވެސް ދައްކާނެ،" ޝަރީފު ބުނީ މިހެންނެވެ.

ކޮންމެއަކަސް އޭނާގެ ޕްރޮގްރާމް ނިމުމަކަށް އައި ގޮތަށް އެ ފެންވަރުގެ ދެ ވަނަ ޕްރޮގްރާމެއް ތިމާވެއްޓަށް ހާއްސަކޮށްގެން މިހާތަނަށް އުފެއްދިފައެއް ނެތެވެ. އޭނާގެ އެންމެ ބޮޑު ހިތާމައަކީ މިއީ އެވެ. އޭނާ ބުނީ ތިމާވެއްޓާ ހެދި އުޅޭ ބަޔަކު ނޫޅޭކަމަށެވެ.

"މިއީ މަޖުބޫރު މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ވެސް ޖެހޭ މާއްދާއެއް އަޅުގަނޑު ގަބޫލުކުރާ ގޮތުން. ސަބަބަކީ މިއީ ކިހާ ވަރެއްގެ ކަމެއްކަން ބުނެދޭން އެބަޖެހޭ. ރަށުގައި ދިރިއުޅޭ މީހާ އަމިއްލަ ރަށް ދެކެ ލޯތްބެއް ނުވޭ މިއަދަކު. ރުކާއި ގަސްތައް ކަނޑާލާއިރު ވިސްނާ ބަޔަކު ނެތް." ޝަފީރު ބުންޏެވެ.

"އެންމެ މޮޅު މީހާ އަކީ މި އޮތް ކުޑަ މާލޭގައި އެންމެ ގަދަ އަށް ބަރޮގޮނު އަޅާލާފައި އެންމެ ބާރަށް ސައިކަލާއި ކާރު ދުއްވާ މީހުން."

އޭނާ ބުނީ "ފެހިވިނަ" ގެ ތަޖުރިބާތަކުގެ ތެރެއިން އެންމެ ގަދަ ހަނދާނަކީ ގއ. ހިތާދޫ އަށް ހާއްސަކޮށްގެން ހެދި ޕްރޮގްރާމް ކަމަށެވެ.

"ޅޮސް ގަހާއި ހޯރަ އަށް މަޝްހޫރު އެ ރަށް ވެސް އެއްކޮށް ހަލާކުވެއްޖެ ކަމަށް ވަނީ މިހާރު. މިފަދަ ޓީވީ ޕްރޮގްރާމަކާ އެކު އެނބުރި އަންނަ ނަމަ އަޅުގަނޑު ވަރަށް ބޭނުން އެ ރަށަށް އަލުން ގޮސް މިހާރު އެ ރަށް އޮތް ގޮތުގެ ވާހަކަ ކިޔައިދޭން،" ޝަރީފު ބުންޏެވެ.

ތިމާވެށީގެ ހާއްސަ އެކްޓިވިސްޓެއްގެ ގޮތުގައި ޝަރީފު ފާހަގަކޮށްލެވުނަސް އޭނާ އަކީ އެހެން ދިމާލަކުން ވެސް ފާހަގަކޮށްލެވޭ ފަރާތެކެވެ. ކުރީގެ އީޕީއެސް ސްކޫލުން އިން ކިޔެވުމަށް ފަހު އޭނާ އަކީ އެ ތަނުގެ މުހިންމު ހުރިހާ މަގާމުތަކެއް ވެސް ފުރާފައިވާ ފަރާތެކެވެ.

އެންމެ ފުރަތަމަ ދަރިވަރެކެވެ. އެއަށް ފަހު ސްކޫލްގެ އެކި ޖަމިއްޔާތަކުގެ ވެރިއެކެވެ. ސްކޫލް ނިންމާލާފައި އެ ސްކޫލުގެ ގްރޭޑް އަށެކަށް ދިވެހި މާއްދާ ކިޔަވައިދޭން ފެށީ އެވެ. އެންމެފަހުން އޭނާ ސްކޫލުން ނުކުތީ ހެޑްމާސްޓަރު ކަމުގެ މަގާމު ވެސް އަދާކޮށްފަ އެވެ.

ދެން އަޅުގަނޑު ބަލާލަން ބޭނުންވީ އަމިއްލަ ދިރިއުޅުމުގައި ޝަރީފު މިހާރު ތިމާވެއްޓަށް ދޭ ސަމާލުކަން އޮތް މިންވަރެވެ. އެ ސުވާލުކޮށްލުމުން އޭނާ ގަމީހުގެ ޖީބުން ނަގައި ދައްކާލީ ޓިކެޓް ބުރި އެކެވެ. އެއީ ހުޅުމާލެ އިން މާލެ އައިއިރު ކެނޑި ބަސް ޓިކެޓެވެ.

"މި އޮތީ އަޅުގަނޑުގެ ޖީބަށް ލެވިފައި. މިކަހަލަ ކަންކަމަށް ހުންނަނީ އާދަވެފައި. އަޅުގަނޑު މެޓައެއް ކާލިޔަސް ދަޅެއް ބޯލިޔަސް މަގު މައްޗަކަށް ނުވަތަ މޫދަކަށް އެއްލައެއް ނުލާނަން ބާކީވާ އެއްޗެއް،" ޝަރީފު ބުނެލި އެވެ.

"އަޅުގަނޑު އުޅެނީ ވެސް ހިނގާފައި. ކުރިން ބައިސިކަލް ދުއްވިން. މިހާރު ހިނގާފައި އުޅެނީ ސައިކަލެއް ވެސް ރަނގަޅަށް ދުއްވާލާނެ ތަނެއް މާލޭގައި ނެތީމަ. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މާލޭގައި ބާރުބާރަށް ސައިކަލް ދުއްވާކަށް ވެސް. އަޅުގަނޑު ގަބޫލުކުރާ ގޮތުން މިހާރު މި ބޭނުންކުރާ ޓެކްސީތަކުގެ ސައިޒްވެސް އެބަ ޖެހޭ ކުޑަކުރަން."