ހަބަރު

އެންއައިސީގެ މެމްބަރުކަމަށް ކުރިމަތިލާން އަލުން ހުޅުވާލައިފި

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލާން އަލުން ފުރުސަތު ހުޅުވާލައިފި އެވެ.

އެންއައިސީގެ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވީ ރައްޔިތުންގެ މަޖިލީހުން ރައީސް އަށް ލަފާ ދެއްވުމުންނެވެ. މި މަގާމަށް ފުރުސަތު ހުޅުވާލައިފައިވަނީ އޮގަސްޓު މަހުގެ 6 ވަނަ ދުވަހާ ހަމައަށެވެ.

އެންއައިސީގެ ރައީސް ކަމުގައި ކުރިން ހުންނެވި މުހައްމަދު ފަރުހާދު އެ ކޮމިޝަނުން އިސްތިއުފާ ދިނުމާ ގުޅިގެން ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލާން މީގެ ކުރިން ހުޅުވާލި ފުރުސަތުގައި 26 މީހަކު ކުރިމަތިލި އެވެ. އޭގެ ތެރެއިން ކޮމިޓީ މަރުހަލާގައި އެންމެ ގިނަ މާކްސް ދިނީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ކުރީގެ މެންބަރު ރުކްޝާނާ އިބްރާހިމަށެވެ.

އެ ކޮމިޝަންގެ މަގާމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ފުރަތަމަ ޑިގްރީއެއް ހާސިލްކުރުމާއި މަދުވެގެން ހަތް އަހަރު މަސައްކަތުގެ ތަޖްރިބާ ލިބިފައިވާ މީހެއް ކަމަށް ވާން ޖެހެއެވެ.