ރައީސް މުހައްމަދު ނަޝީދު

މި ސަރުކާރު އައީ އާންމު މީހާއަށް ގޮތެއް ހޯދައިދޭން: ނަޝީދު

މި ސަރުކާރުގެ ބޭނުމަކީ އާންމު މީހާއަށް ގޮތެއް ހޯދައިދީ އެ މީހާގެ ދިރިއުޅުން މިހާރަށްވުރެ ތަނަވަސް ކޮށްދޭން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެެއްޖެ އެވެ.

ޓޫރިޒަމްގެ އާ މާސްޓާ ޕްލޭނާއި ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ މީހުންގެ ދަފްތަރުގެ މަސައްކަތް އިފްތިތާހް ކުރަން ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ނަޝީދު ވިދާޅުވީ ޓޫރިޒަމްގެ ސިނާއަތް ރާއްޖެއަށް ތައާރަފުވީ ވިޔަފާރިވެރިންތަކަކާއި އެ ސިނާއަތް ގެންނަން ބޭނުންވި ބައެއް ފަރާތްތަކުގެ ބުރަ މަސައްކަތުން "ބަނޑަހަ" ޖަހައިގެން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ޓޫރިޒަމްގެ ސިނާއަތުގައި މަސައްކަތް ކުރާ ދިވެހީން ދިރިއުޅެމުން ދަނީ ވަރަށް ހާލުގަ އެވެ. އެ ގޮތުން އެ ދިވެހީން މަސައްކަތް ކުރަމުން ދަނީ އާއިލާއާ ދުރު، ފަޅު ރަށެއްގައި ކަމަށާއި އޭނާގެ ދިރިއުޅުން އާރާސްތު ކުރެވޭ ވަރު ވަނީ މުޅި ހަޔާތުގައި މަސައްކަތް ކޮށްގެން ލިބޭ އާމްދަނީން ކަމަށެވެ.

"މިއިން ކޮންމެ މީހަކު މި ތިބީ ރިސޯޓު ވަޒީފާގައި އަނެއްކާ ވެސް ބަނޑަހަ ޖަހައިގެން، ފަޅު ރަށުގެ ދިރިއުޅުމަށް ދީލައިލައިގެން. އެ އެކަނިވެރި ދިރިއުޅުމަށް ވަރިހަމަ ކޮށްގެން، ގެއެއް އެޅުމުގެ އުއްމީދުގައި، އެ ގެ އަޅާ ނިމޭއިރުގައި އެއްކަލަ ރިސޯޓުގައި މަސައްކަތް ކުރާ މީހާގެ މުޅި ހަޔާތް މި ނިމުނީ." ރިސޯޓުތަކުގައި މަސައްކަތް ކުރާ އާންމު ދިވެހި ރައްޔިތެއްގެ ދިރިއުޅުމުގެ ހާލަތު ސިފަ ކޮށްދެއްވަމުން ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު އައުމުގެ ބޭނުމަކީ މި ކަންކަން ބަދަލު ކުރުމެވެ. މި ސަރުކާރު އައިސްފައި ވަނީ ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ އާންމު ރައްޔިތުންނާއި އެހެން ސިނާއަތުގައި މަސައްކަތް ކުރާ އާންމު ރައްޔިތުންގެ ހާލަތު ވެސް މިހާރަށްވުރެ ރަނގަޅު ކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ހުންނެވުމުގައި އިތުރު ބޭނުމެއް ނެތް ކަން މާ ރަނގަޅަށް ވެސް ސާފުވާނެ، މި ސަރުކާރުގެ އެންމެ ބޮޑު ވައުދަކީ، އެންމެ ބޮޑު ބޭނުމަކީ ވަޒީފާގެ ފުރުސަތު ހޯދައި ދިނުން، ޖީބަށް އެއްޗެއް ހޯދައިދިނުން، މި ސަރުކާރު އައިސްފައި މި ތިބީ އެ ފޮނި އުއްމީދެއްގައި." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދެވެނީ ވެސް ޓޫރިޒަމް ސިނާއަތުގެ ވިޔަފާރިތަކުން ލިބޭ ފައިދާއިން ކަމަށެވެ. ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ރަނގަޅުކޮށް ސަރުކާރުން ވާ ވައުދުތައް ފުއްދަން ވެސް ބޭނުން ކުރަނީ މައިގަނޑު ގޮތެއްގައި ޓޫރިޒަމް ވިޔަފާރިތަކުގެ ފައިދާއިން ލިބޭ ފައިސާއިން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފައްދައިގެން ވެރިކަމަށް އަންނަން މަސައްކަތްކޮށް ވެރިކަމަށް އައިސް ތިބީ ވެސް އާންމު ރައްޔިތު މީހާގެ ހާލަތު ރަނގަޅު ކުރަން ކަމަށެވެ. ވައްޓާލިޔަސް އެނބުރި އައިސް އަލުން ހަމަ އެ ވާހަކަތައް ދައްކަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވައްޓާ ވެސް ލެވިދާނެ، އެހެން ނަމަވެސް އަޅުގަނޑުމެން އެނބުރި އަންނާނަން، އެނބުރި އައިސް ތަކުރާރުކޮށް ދައްކަން އޮތީ ވެސް ހަމަ އެއް ވާހަަކައެއް. އެއީ އާންމު ރައްޔިތު މީހާގެ ވާހަކަ، އެއީ ޖީބަށް ވަންނަ އެއްޗެއް އިތުރުވާން ޖެހޭ ވާހަކަ،" ނަޝީދު ވިދާޅުވިއެވެ.