ލައިފްސްޓައިލް

ކޮފީގެ ހިތި ނިމުން އަންނަނީތަ؟

Jul 31, 2015

ކޮފީގެ ވައްތަރެއްގެ ބޮމުން ނޫހުގެ ފަލަ ސުރުހީތައް ބަލަމުންދާއިރު ދުނިޔެ ހޫނުވުމުގެ މައްސަލަ މާ ބޮޑު ނުރައްކަލެއްގެ ގޮތުގައި ފާހަގަނުކުރެވިދާނެ އެވެ. ނަމަވެސް އެތައް މޭލެއް ކަޑައްތުކޮށް ކޮފީގެ ދަނޑުބިންތަކަށް ޒިޔާރަކޮށްފި ނަމަ ދުނިޔެ ހޫނުވުމުގެ ސަބަބުން ލިބެމުން ދަނީ ކަންބޮޑުނުވެ ދޫކޮށްލާ ވަރުގެ ގެއްލުންތަކެއް ކަމަކަށް އެއްބަހެއް ނުވެވޭނެ އެވެ.

މިސާލަކަށް މެކްސިކޯގެ ދެކުނު ބިތުގައި އޮތް ޗިއާޕަސް ސްޓޭޓްގައި ކޮފީގެ ދަނޑުވެރިކަން ކުރާ މީހުންގެ ވާހަކަ އެވެ.

ޔުނިވާސިޓީ އޮފް ކެލިފޯނިއާގެ ތަޖުރިބާކާރެއް ކަމުގައިވާ އެލިސާ ފްރޭންކް މިފަހުން ކޮށްފައިވާ ދިރާސާއެއްގައި ބައިވެރިވި މި ސްޓޭޓްގެ ކޮފީ ދަނޑުވެރިންތަކެއް ބުނެފައި ވަނީ ބޭނުންވާ ފެންވަރުގެ ކޮފީ އުފެއްދުމަށް މިއަދުގެ މޫސުމް ތަންނުދޭ ކަމަށެވެ.

މޫސުމް ވަކި ހަމައެއްގައި ނުހިފެހެއްޓުމުގެ ނުރައްކާ މެކްސިކޯގެ ކޮފީގެ ދަނޑުބިންތަކަށް ބޮޑުވެފައިވާއިރު މިއީ ކޮފީގެ ދަނޑުވެރިކަންކުރާ އެހެން ހުރިހާ ހިސާބެއްގެ ވެސް ހާލެވެ. ގަދަ ވިއްސާރައިގެ ސަބަބުން ކޮފީ އިންދުމަށް ގިނަ ހުރަސްތަކެއް ކުރިމަތިވެފައިވާއިރު ހަނަފަސްކަމުގެ ބިރު ވެސް ކޮފީގެ ދަނޑުވެރިންނަށް ވަރަށް ބޮޑެވެ.

އެގޮތުން މެކްސިކޯ އިން ފެށިގެން ދެކުނު އެމެރިކާގެ އެހެން ގައުމުތަކާއި އޭޝިއާ އާއި އެފްރިކާގެ ކޮފީ ދަނޑުބިންތައް ވެސް ވަނީ މޫސުމީ ނުރައްކަލުގެ ބިރަށް ހުށަހެޅިފަ އެވެ. ގަދަ ވިއްސާރަ އާއި ހަނަފަސްކަމާއި ސޫފިސޫފާސޫފީގެ ނުރައްކާ ވެސް އޮތީ ދުނިޔެ ހޫނުވުމުގެ ސަބަބުން ބޮޑުވެފަ އެވެ.

ތަޖުރިބާކާރުން ބުނަނީ މިވަގުތަށް މި ހާލަތުގެ އަސަރު ކޮފީ ބޯ މީހާ އަށް ނުކުރިޔަސް މާ ގިނަ ދުވަސްތަކެއް ނުވެ ކޮފީގެ މި ހިތި ރަހަ އަރުތެރޭގައި ދޭން ފަށާނެ ކަމަށެވެ. ދުވާލެއްގެ މައްޗަށް ދުނިޔޭގައި ދެ ބިލިއަން ތަށީގެ ކޮފީ މީހުން ބޯއިރު މި އާދަ ވެއްޓިދާނެ ކަމުގެ ބިރު މިހާރު އެބައޮތެވެ.

ނަމަވެސް ކޮފީ އަށް ދެވިހިފާފައި ތިބި ނުވަތަ އޭގެ ރަހަ އާއި ވަހަށް ހިތްޖެހިފައިވާ މީހުން ތިބީކީ ދުނިޔެ ހޫނުވުމުގެ ސަބަބުން ކޮފީ ނެތިގެން ދިއުމަށް ފުރުސަތު ދޭ ގޮތަކަށް ނޫނެވެ. އެހެންވީމަ މި ނުރައްކަލުން ކޮފީގެ ދަނޑުބިންތައް ސަލާމަތްކޮށް އިންސާނުންގެ މި ފެވަރިޓް ބުއިން އޭގެ ގޮތުގައި ހިފެހެއްޓުމަށް ތަޖުރިބާކާރުންގެ ހިޔާލުތަކެއް ވެސް އެބަހުއްޓެވެ.

ނަމަވެސް މި ހިޔާލުތަކެއް ހަގީގަތަކަށް ހަދައި ތަންފީޒުކުރަން ބަލާއިރު އޭގެ ސަބަބުން ދުނިޔޭގެ ތިމާވެއްޓަށް އިތުރު މައްސަލަތަކެއް ވެސް ކުރިމަތިވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. މިއީ ކޮފީގެ ރަހަ ތާ އަބަދަށް ބަދަލުކުރަން މަޖުބޫރުވެދާނެ ކަމެއް ކަމަށް ވެސް ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

ބާޒާރަށް ނެރޭ ކޮފީގެ ވައްތަރުތަކަށް ބަލާއިރު މި އުޅެނީ މައިގަނޑު ދެ ކޮލިޓީ އެކެވެ. އެއީ އެންމެ މަގްބޫލު އަދި އެންމެ ކޮލިޓީ ވައްތަރު ކަމުގައިވާ ކޮފީ އަރޭބިކާ އާއި އެއަށް ވުރެ ހިތި ކޮފީ ރޮބަސްޓާ އެވެ.

އަރޭބިކާ އަކީ މި ދެ ކޮލިޓީގެ ކޮފީގެ ތެރެއިން ދުނިޔޭގައި އެންމެ މަގްބޫލު ވައްތަރުގެ ކޮފީގެ ރަހަ އެވެ. ކޮފީ ބޯ މީހުންގެ 70 ޕަސެންޓް ބޮނީ އެރޭބިކާ ރަހައިގެ ކޮފީ އެވެ.

އަރޭބިކާ ކޮފީ ގަހަކީ މޫސުމަށް ވަރަށް ބަލިކަށި ގަހެކެވެ. ތަޖުރިބާކާރުން ބުނާ ގޮތުން މި ގަސް އެންމެ ފުރިހަމަ އަށް އިންދޭނީ ވެސް 18 ޑިގްރީ ސެލްސިއަސް އާއި 22 ޑިގްރީ ސެލްސިއަސްއާ ދެމެދުގެ ފިނިހޫނުމިނުގެ މާހައުލެއްގަ އެވެ. މި ސަބަބާ ހެދި މި ކޮލިޓީގެ ކޮފީ ހިތުހުރި ގޮތަކަށް ނުވަތަ އެއަށް އޮތް ޑިމާންޑާ އެއް ވަރަކަށް އުފެއްދުމަކީ ނުވަތަ އިންދުމަކީ ފަސޭހަ ކަމެއް ނޫނެވެ. 

އެހެންވީމަ ވާރޭގެ ތޫފާން ކުރިމަތިވާ ހިސާބުތަކުގައި މި ކޮލިޓީގެ ކޮފީ އިންދުމަށް ވަނީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ. މި ގޮންޖެހުންތަކާ އެކު މެދުތެރޭ އެމެރިކާގައި ކޮފީ އުފެއްދި މިންވަރު ވަނީ 2013 ވަނަ އަހަރު 20 ޕަސެންޓް ދަށަށް ގޮސްފަ އެވެ.

ކޮލިޓީ ކޮފީ އުފެއްދުމަށް ބޭނުންވާ މާހައުލު ތަނަވަސްނުވުމުގެ ސަބަބުން 2050 ވަނަ އަހަރު އަންނަންވާއިރަށް އަރޭބިކާ ކޮފީގެ އުފެއްދުންތެރިކަން 50 ޕަސެންޓަށް ވެއްޓިގެންދާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ލަފާކުރެ އެވެ. އެއީ ދުނިޔެ ހޫނުވުމުގެ ސަބަބުން ވިއެޓްނާމާއި އިންޑިއާ އަދި އެމެރިކާގެ މެދުތެރޭ ހިސާބަށް ފިނިހޫނުމިނުގެ ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެތީ އެވެ. މި ގައުމުތަކާއި ސަރަހައްދުތަކަކީ އެންމެ މަގްބޫލު ކޮފީގެ އެންމެ މުހިންމު ބިންތަކެވެ.

ބާޒާރަށް ނެރޭ ކޮފީ މި ރޭޓުން ދަށްވެގެން ދިއުމަކީ ކޮފީގެ އަގު މުސްތަގުބަލުގައި އިންތިހާ އަށް އުފުލިގެން ހިނގައިދާނެ ކަމެކެވެ. ދިރާސާކުރާ ފަރާތްތަކުން ލަފާކުރާގޮތުން 2050 ވަނަ އަހަރު އަންނަންވާއިރަށް ކޮފީ ލަގްޒަރީ ބުއިމަކަށް ބަދަލުވެ އޭގެ އަގު 25 ޕަސެންޓަށް އުފުލިގެންދާނެ އެވެ.