ހަބަރު

ކުޑަކުދިންގެ ނިއުޓްރިޝަނާ ގުޅޭ ސްޓްރެޓެޖީ އިފުތިތާހުކޮށްފި

ހަޔާތުގެ ފުރަތަމަ 1000 ދުވަހަށް އަމާޒު ކޮށްގެން އެޗްޕީއޭ އާއި ޔުނިސެފުން ތައްޔާރު ކުރި "ސޯޝަލް އެެންޑް ބިހޭވިއާ ޗޭންޖް ކޮމިއުނިކޭޝަން ސްޓްރެޓެޖީ" އިފުތިތާހު ކޮށްފި އެވެ.

މި ޕްލޭން އިފްތިތާހު ކޮށް ދެއްވީ ޔުނިސެފުން ދެކުނު އޭޝިއާއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޖީން ގޯ އެވެ. މި ޕްލޭންގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ކުޑަކުދިންގެ ނިއުޓްރިޝަން ހާލަތު ރަނގަޅު ކުރުމަށާއި ގައިންގަޔަށް ނާރާ ބަލިތައް ޖެހުމުން މުޖުތަމައު ރައްޖާތެރި ކުރުމަަށްޓަކައި އެހީވެދިނުމެވެ.

ސްޓްރެޓެޖީ އެކުލަވައިލާފައި ވަނީ ލިބެން ހުރި ތަފާސް ހިސާބުތަކާއި އަދި ގުޅުންހުރި ފަރާތްތަކާއި އާއިލާ ބެލުމުގެ ޒިންމާ އުފުލާ ފަރާތްތަކާ މަޝްވަރާކޮށް މުޖުތަމައުގައި ގެންގުޅޭ ކެއުންބުއިމުގެ އާދަތައް ބަލައި ޓެސްޓުތަކެއް ކުރުމަށްފަހު ލިބުނު ނަތީޖާއަަށް ބަލައިގެނެވެ.

ރާއްޖޭގެ ހަތަރު އަތޮޅެއްގެ 12 ރަށުގައި މި ސްޓްރެޓެޖިކް ޕްލޭނެ އިމްޕްލިމެންޓް ކުރުމުގެ މަސައްކަތް ވަނީ މިހާރު ފަށާފަ އެވެ. މި ޕްލޭންގެ މަސައްކަތް ފަށާ އަތޮޅު ތަކަކީ ރ. އަތޮޅާއި އއ. އަތޮޅާއި ނ. އަތޮޅާއި ލ. އަތޮޅެވެ.

މިއަދުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، ކުއްޖާގެ ފުރަތަމަ 1000 ދުވަހަކީ އެ ކުއްޖާގެ މުސްތަގުބަލު ބައްޓަން ކުރަން މުހިއްމު މުއްދަތެއް ކަމަށެވެ. އަދި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ބަދަލުތައް އަންނަ މި ދުވަސްވަރު، ކުއްޖާއަށް ބޭނުންވާ ރަނގަޅު ކާނާ ލިބުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ބޮޑުވެ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި ބަލިތަކަށް ކުއްޖާ ހުށަހެޅުމުން ސަލާމަތް ކުރަން ބޭނުންތެރި ކަމެއް ކަމަށެވެ.

"މި ރަނުގެ ފުރުސަތުގެ ބޭނުން ނުހިފި ކުއްޖާގެ ނިއުޓްރިޝަންއާ މެދު ފަރުވާކުޑަ ކުޑަވެ އިހުމާލުވާނަމަ އިއާދަ ނުކުރެވޭނެ ގެއްލުމާއި ލިބޭ ހިތި ނަތީޖާއަކީ ހެދި ބޮޑުވުމުގައި ދިމާވާ މައްސަލަތައް ގިނަވުން. އަދި އެ ކަންކަން ހައްލު ނުކުރެވި މުސްތަގުބަލުގައި ވެސް ދިމާވާ މައްސަލަތައް ގިނަވެ ދާއިމީ ގޮތެއްގައި އޭގެ އަސަރުތައް ކުރަމުން ދިއުން،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ފާހަގަ ކުރެއްވީ ވޭތުވެދިޔަ އަހަރުތަކާ އަޅާ ބަލާއިރު ރާއްޖޭގެ ނިއުޓްރިޝަންގެ ހާލަތު ރަނގަޅުވަމުން އައި ކަމުގައި ވިޔަސް ރާއްޖެއަށް އަންނަ ކުރި އެރުމާއި ތަރައްގީއާ އަޅުވާނަމަ ނިއުޓްރިޝަންގެ ހާލަތު އެންމެ އެކަށީގެންވާ ބާރު މިނުގައި ރަނގަޅުވަމުން ނުދާކަން ދިރާސާތަކުންވެސް ދައްކާ ކަމަށެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި، ހަޔާތުގެ ފުރަތަަމަ 1000 ދުވަހު ކުއްޖާ ހެދިބޮޑުވުމަށް ބޭނުންވާ ކާނާއާ ބެހޭ މައުލޫމާތުގެ މައްޗަށް ތައްޔާރުކޮށްފައިވާ މޯބައިލް އެޕްލިކޭޝަން އެއްވެސް އިފްތިތާހުކޮށްފައި ވެއެވެ.