ހަބަރު

ކުޑަކުދިންގެ ކާނާއާ ގުޅޭ އެޕެއް ލޯންޗުކޮށްފި

ހަޔާތުގެ ފުރަތަމަ 1000 ދުވަހު ކުޑަދަރިފުޅަށް ދޭންޖެހޭ ކާނާގެ މައްޗަށް ތައްޔާރުކޮށްފައިވާ މޯބައިލް އެޕްލިކޭޝަން އެއް ހެލްތު މިނިސްޓްރީން ލޯންޗުކޮށްފި އެވެ.

މި އެޕްލިކޭޝަން އިފްތިތާހުކުރީ، ހަޔާތުގެ ފުރަތަމަ ދުވަހަށް އަމާޒުކޮށްގެން ތައްޔާރު ކުރި "ސޯޝަލް އެންޑް ބިހޭވިއާ ޗޭންޖް ކޮމިއުނިކޭޝަން ސްޓްރެޓެޖީ" އިފްތިތާހު ކުރުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

"ޔާގޫތު" ނަމުގައި ނެރުނު މި އެޕްލިކޭޝަންގެ މަގުސަދަކީ މަންމަ އާއި ކުޑަދަރިފުޅުގެ ސިއްހަތަށްޓަކައި ފައިދާހުރި ކާނާ މުހިއްމުވަނީ ކީއްވެގެން ކަމާއި ކާމިޔާބު ކަމާއެކު ކިރު ދޭނެ ގޮތާއި ކުޑަ ދަރިފުޅަށް އޮށްޓަރު ހުރި ކާނާ ކާންދޭން ފަށާނެ ގޮތާއި ކާނާ ތައްޔާރު ކުރުމާއި ދިނުމުގައި ބަލަންޖެހޭ ކަންކަމާ ބެހޭ މައުލޫމާތު ގިނަ ބަޔަކަށް ދިނުން ކަމަށް ހެލްތުން ބުނެ އެވެ.

މީގެ އިތުރުން، ފަސް އަހަރުުން ދަށު އުމުރުފުރައިގެ ކުދިންގެ ތެރެއިން ހެދިބޮޑު ވުމުގައި ދިމާވާ މައްސަލަތައް ދެނެގަނެ އެކަމަށް އަމަލު ކުރާނެ ގޮތުގެ މައުލޫމާތު މި އެޕްލިކޭޝަންގައި ހިމެނޭނެ ކަމަށްވެސް ބުންޏެވެ. އަދި، ރާއްޖޭގައި ލިބޭ ކާނާގެ ބާވަތްތައް ބޭނުންކޮށްގެން ފައިދާހުރި ކާނާ ތައްޔާރު ކުރުމުގެ މައުލޫމާތުތައްވެސް ހިމެނޭނެ ކަން ފާހަގަކުރި އެވެ.

އެޕްލިކޭޝަން އިފްތިތާހުކޮށްދެއްވާ ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ކުޑަދަރިފުޅުގެ އުމުރުގެ ފުރަތަމަ 1000 ދުވަހު ކުއްޖާއަށް ފުރިހަމަ ކާނާ ފޯރުކޮށްދިނުމަކީ މައިންބަފައިންނަށް އޮތް އިހްތިޔާރެއް ނުން ކަމަށެވެ. އަދި އެއީ ކުއްޖާގެ ހައްގެއް ކަމަށާއި އެއީ މައިންބަފައިންގެ ޒިންމާ އެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އުމުރުގެ ފުރަތަމަ 100 ދުވަހު ރަނގަޅު ކާނާ ފޯރުކޮށްދިނުމާއި ފުރަތަމަ ހަ މަސް ދުވަހު ހަމައެކަނި މައިމީހާގެ ގާތުން ކިރު ދިނުމުގެ ފައިދާ އަކީ އަޅުގަނޑުމެންގެ ލޯ މަތީ ސާބިތު ހެކި ފެންނަން ހުރި ކަންކަން" ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ރާއްޖޭގައި މީހުން މަރުވާ އަދަދުގެ ނިސްބަތަށް ބަލާއިރު ގާތްގަނޑަކަށް 84 އިންސައްތަ މީހުން މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން ކަމަށެވެ. އަދި މިފަދަ ބަލިތައް އިތުރުވަމުންދާއިރު އަދި ޅަ އުމުރުގައި މިފަދަ ބަލިތައް ޖެހުން ދާ މިންވަރު އިތުރުވާއިރު ކެއުންބުއިމުގައި ގެންގުޅޭ ނުރަނގަޅު އާދަތައް މިކަމުގައި ބޮޑު ދައުރެއް އަދާ ކުރާ ކަމަށެވެ.
"ރާއްޖޭގެ ނިއުޓްރިޝަން ހާލަތު އަދިވެސް ރަނގަޅު ކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަން ފާހަގަ ކުރަން"

މިއަދު ނެރުނު މޯބައިލް އެޕްލިކޭޝަން އަކީ ކުޑަކުދިންގެ ނިއުޓްރިޝަން ހާލަތު ރަނގަޅުކޮށް ދުޅަހެޔޮ މުޖުތަމައު އެއް ބިނާ ކުރުމަށް މުހިއްމު މައުލޫމާތު ތަކެއް ފޯރުކޮށްދޭނެ އެޕްލިކޭޝަން އަކަށް ވާއިރު އެ މައުލޫމާތުތަކުގެ ބޭނުން ހިފާ ސިއްހީގޮތުން ދުޅަހެޔޮ ޖީލެއް ބިނާ ކުރުމަށް މިނިސްޓަރު ވަނީ ގޮވާލައްވާފަ އެވެ.

"ޔާގޫތު" އެޕްލިކޭޝަން މިހާރު އެޕް ސޯޓުންނާއި ގޫގުލް ޕްލޭ އިން ޑައުންލޯޑު ކުރެވޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.