ހަބަރު

ބެންޗު އެކުލަވާލުމާމެދު ޖޭއެސްސީއަށް ބަސް ކިޔޭނެ: އިދިކޮޅު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ކުރިޔަށް ގެންދިއުމުގައި ގިނަ ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލުމާއި މެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ބަސް ކިޔޭނެ ކަމަށް ޕްރޮގްރެސިވް ކޮންގެރްސް ކޯލިޝަނުން ބުނެފި އެވެ.

އިދިކޮޅުން އިއްޔެ ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ، ރައީސް ޔާމީންގެ ޝަރީއަތް ބެންޗެއް މެދުވެރިކޮށް ކުރިޔަށް ގެންދަން ބާރު އަޅާނެ ކަމަށާއި، އެކަމަށް އެދެވޭ ޖަވާބެއް ލިބޭނެ ކަމަށް ވެސް އުމްމީދު ކުރައްވާ ކަމަށެވެ.

ސައީދު ވިދާޅުވީ ޖޭއެސްސީއަށް އެ މައްސަލަ ހުށަހެޅުމުން އެ ކޮމިޝަނުން މައްސަލަ ބަލާ ބެންޗު އެކުލަވާލުމާ މެދު ބަސް ނުކިޔޭނެ ކަމަށް ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް ފަނޑިޔާރުންނާއި ގުޅޭ ކަންކަން ބަލާ މުއައްސަސާއަަަކަށް ޖޭއެސްސީ ވާއިރު، އެކަމުގައި ބަސް ކިޔެންޖެހޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ ޝަރީއަތް ކުރިޔަށް ގެންދިއުމަށް ބެންޗެއް އެކުލަވާލުމާއި މެދު، އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއިވެސް މަޝްވަރާ ކުރަމުންދާ ކަމަށާއި، ސްޕްރީމްކޯޓަށްވެސް އެކަން ހުށަހަޅާފައިވާ ކަމަށެވެ. ސައީދު އިތުރަށް ވިދާޅުވީ، މަނީ ލޯންޑްރިން ފަދަ ބޮޑު މައްސަލައެއް ރައީސް ޔާމީންގެ މައްޗަށް ހުށަހަޅާފައިވަނީ ސިޔާސީ ގޮތުން ކަމަށާއި، އެކަން ދޮގު ކުރުމަށްޓަކައިވެސް ބެންޗެއް އެކުލަވާލައި އިންސާފުވެރި ޝަރީއަތެއް ކުރަން ޖެހޭ ކަމަށެވެ.