ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ ޝަރީއަތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނުފޫޒު ފޯރުވާ ކަމަށް އިދިކޮޅުން ތުހުމަތު ކޮށްފި އެވެ.
އިދިކޮޅު ދެ ޕާޓީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން އަދި ޖުޑީޝަލް ސާވިސް ކޮމިޝަނުން މަސައްކަތް ކުރާ ކަމަށެވެ. އެކަން ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކޮށްފައެވެ. ޔާމީންގެ އެކައުންޓްތައް ފްރީޒްކޮށްފައިވަނީ ގާނޫނާއި ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރި ކުރުމަށް އިޝާރާތްކޮށް އެ ބަޔާނުގައި ބުނީ އެ ހުކުމާއެކު ހައިކޯޓްގައި މިހާރު ކުރިއަށްދާ އިދިކޮޅު ލީޑަރުގެ އިސްތިއުނާފީ މައްސަލައަށް ނުފޫޒު ފޯރުވުމަށް ޖޭއެސްސީން މަސައްކަތް ކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"މިއީ ސުޕްރީމް ކޯޓްގެ ހުކުމަށް ތާއީދު ކުރުމާއެކު ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމަކީ ސިޔާސީ ހުކުމެއްކަން ދިވެހި ރައްޔިތުންނަށް އިތުރަށް ޔަގީންވެފައިވާ ދަނޑިވަޅެއްގައި ޖޭއެސްސީގެ އިސްވެރިންނާއި މި ސަރުކާރުގެ އިސްވެރިން ގޮތް ހުސްވެގެން ކުރަމުންދާ ދަށު ދަރަޖައިގެ އަމަލެއް،"
އިދިކޮޅުގެ ބަޔާނުގައި ބުނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ލޯޔަރުންނާއި މި ސަރުކާރަށް ތާއީދުކުރާ ބޭފުޅުން ޖޭއެސްސީގެ މެންބަރުންގެ ގޮތުގައި ތިއްބަވައިގެން ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް މަަސައްކަތް ކުރުމުން މި ސަރުކާރުން ޝަރުއީ ދާއިރާއަށް ބާރުފޯރުވާ މިންވަރު ސާފުވާ ކަމަށެވެ.
އެ ބަޔާނުގައި ވަނީ ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުން ހުއްޓާލުމަށާއި އެމަނިކުފާނު އެއްވެސް ޝަރުތަކާ ނުލައި މިނިވަން ކުރުމަށްވެސް ގޮވާލާފައެވެ.