ކުރިއަށް ރައްޔިތުންގެ މަޖިލިސް އިންތިހާބު ބާއްވަން ހަމަޖެހިފައިވާ ދުވަސް ނޫން އެހެން ދުވަހަކު ބާއްވަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ޓިކެޓުގައި ހދ. ހަނިމާދޫ ދާއިރާއަށް ވާދަކުރައްވާ އަބްދުއްއަފޫރް މޫސާގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަޖިލިސް އިންތިހާބު ފަސްކުރުމަށް ކޯޓު އަމުރެއް ހޯދަން އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަނުން މަސައްކަތް ކުރައްވަމުންގެންދާ ކަން އެމަނިކުފާނަށް އެގިވަޑައިގަންނަވާ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލު ބަންދު ދޫކޮށް އެމަނިކުފާނުގެ އެކައުންޓް ފްރީޒް ކުރި މައްސަލައިގެ ހުކުމް އެމަނިކުފާނާ އެއްކޮޅަށް ނިންމައ، އެއަށްފަހު މަޖިލިސް އިންތިހާބު ފަސް ކުރަން ސްޕްރީމް ކޯޓުގެ އަމުރު ހޯދަން ޕީޕީއެމް އާއި ޕީއެންސީ މަސައްކަތް ކުރަމުންގެންދާ ކަމަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ..
"އިންތިހާބު ފަސް ކުރުމަށް އާދައިގެ މަތިން މިހާރު އިދިކޮޅުގައި އޮތް ޕީޕީއެމް ކޮންގްރެސް މަސައްކަތް ކުރަމުންދާ ކަން އަޅުގަނޑުމެންނަށް އިގޭ، މިއީ އެބޭފުޅުން ވެރިކަމުގައި ތިއްބެވިއިރުވެސް މަސައްކަތް ކުރި ގޮތް އެހެން ނަމަވެސް އަޅުގަނޑުމެން މިތިބީ ވަރަށް ސަމާލުވެ، އިރާދަކުރެއްވިއްޔާ އިންތިހާބު ބާއްވަން އިލެކްޝަން ކޮމިޝަނުން (އީސީ) ކަނޑައަޅާފައި އޮތް 6 އެޕްރީލް ގަ އިންތިހާބު ބޭއްވިގެންދާނެ" ރައީސް ވިދާޅުވި އެވެ.
ޔާމީންއަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ނިމިދިޔަ ފަސް އަހަރުގެ ދައުރުގައި ރައްޔިތުން ދެކެފައިވަނީ ހިތި ދުވަސްތަކެއް ކަމަށެވެ. ރައީސް ވިދާޅުވީ، އިދިކޮޅު ސިޔާސީ ލީޑަރު ޔާމީނަށް މަޖިލިސް މެޖޯރިޓީ ދީގެން ގައުމަށް ހަމަޖެހުން އަންނާނެ ކަމަށް ވިދާޅުވިޔަސް، އަނެއްކާވެސް ގައުމު ދަނީ ހަލަބޮލި ކަމެއްގެ ތެރެއަށް ކަމަށެވެ. އަދި ޔާމީން ނިމިދިޔަ ދައުރުގައި މަޖިލިސް މެޖޯޜިޓީ ލިބުމުން މުޅި މަޖިލިސް ގަނޑުބަޑު ކޮށްލައިފައިވާ ކަމަށްވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ، އިދިކޮޅު ފަރާތްތަކަށް މަޖިލިސް މެޖޯރިޓީ ލިބިޖެއްނަމަ ކުރިންވެސް މަޖިލިސް ތެރެއިން ކަންތަށް ކުރި ގޮތަށް ކަންތަށް ކުރުމަށް ނިންމާފައިވާ ކަމަށެވެ. ،އެމަނިކުފާނު ވިދާޅުވީ، މަޖިލިސް މެޖޯރިޓީ އެމްޑީޕީއަށް ނުލިބެއްޖެނަމަ ވެރިކަން ކުރުމުގެ ކުރިމަތިލާން ޖެހޭ ދަތިތަށް 2008 ވަނަ އަހަރު ވެރިކަމަށް އައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދައުރުގައި ރައްޔިތުންނަށް ފެނިގެން ގޮސްފައިވާ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ މަޖިލިސް އިންތިހާބުގެ ކެމްޕޭން ފެށުމުން އެމަނިކުފާނު ކެމްޕޭން ބައިވެރިވެ ނުވެ ދުރުގައި ހުންނެވީ ކަމަށެވެ. އެހެން ނަމަވެސް ކެމްޕޭންގެ މިސްރާބު ދާ ދިމާލުގެ ގޮތުން އަނެއްކާވެސް ގައުމުގެ އަމަން އޮމާންކަން ހިގައިދާނެ ކަމުގެ ބިރު ހީވުމުން ކެމްޕޭނަށް ނުކުމެ ވަޑައިގަތީ ކަމަށެވެ.