ހަބަރު

އިންޑިއާއިން އާސަންދަ ލިބުމުގައި ދިމާވި މައްސަލަތައް ހައްލު ކުރަނީ

އިންޑިއާގެ ހޮސްޕިޓަލްތަކުން އާސަންދައިގެ ހިދުމަތް ލިބުމުގައި ދިމާވި މައްސަލަތައް ހައްލު ކުރަމުންދާ ކަމަށް އާސަންދަ ކުންފުނިން މިއަދު ބުނެފި އެވެ.

އަވަށްޓެރި އިންޑިއާގެ ޓްރެވިންޑްރަމް އަދި ކޮޗިންގައި ހުންނަ ހޮސްޕިޓަލްތަކުން އާސަންދައިގެ ހިދުމަތް ކަނޑާލުމާ ގުޅިގެން ބޭސްފަރުވާއަށް ތިބި ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އާސަންދަ ކުންފުނިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ޓްރެވިންޑްރަމް އަދި ކޮޗިންގައި ހުންނަ ހޮސްޕިޓަލްތަކުން ހިދުމަތް ފޯރުކޮށްދެނީ ތާޑް ޕާޓީ އެޑްމިނިސްޓްރޭޓާ (ޓީޕީއޭ) އެއް މެދުވެރިކޮށްގެން ކަމަށެވެ.

ނަމަވެސް، ޖުލައި 29 ވަނަ ދުވަހު ޓީޕީއޭ އިން އެ ހިދުމަތް އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަން ހޮސްޕިޓާތަކަށް އަންގާފައިވާ ކަމަށެވެ. މިކަން އެންގީ އިޝާރާތެއް ކުރުމަށްފަހު ނޫން ކަމަ ށްވެސް އާސަންދަ ކުންފުނިން ފާހަގަ ކުރެ އެވެ. އަދި ހިދުމަތްތަކަށް ބުރޫ އެރީ މިކަމުގެ ސަބަބުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

އިތުރަށް ބުނެފައިވަނީ، އާސަންދަ ނުލިބުނު ހޮސްޕިޓާތަކުގެ ތެރެއިން ޓްރެވިންޑްރަމްގައި ހުންނަ އާނަންތަޕޫރީ، ޗައިތަންޔާ، އާރް.ސީ.ސީ، އަދި ކިމްސް ހޮސްޕިޓަލާއި ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލުން ހިދުމަތްތައް ލިބޭނެ ކަމަށެވެ.

ހިދުމަތުގެ ދަތިތައް ދިމާވާ ފަރާތްތަކުން 24 ގަޑިއިރު ހުޅުވިފައި ހުންނަ އާސަންދަ ކޯލް ސެންޓަރުގެ 1400 ނަންބަރާ ގުޅުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ.