ރަނގަޅު ޓްރެއިނިންތަކަކާއެކު ޓީމުގެ ތައްޔާރުވުންތައް ރަނގަޅަށް ގެންގޮސްފިނަމަ ކުރިއަށް އޮތް ކޮލިފިކޭޝަން މެޗުތަކުގައި ގައުމީ ޓީމަށް ނަތީޖާ ނެރެވޭނެ ކަމަށް ގްރީން ސްޓްރީޓްގެ ކޯޗް އަލީ ސުޒޭން ބުނެފި އެވެ.
އަންނަ މަހު ފަސް ވަނަ ދުވަހު ފަށާ ވޯލްޑްކަޕް އަދި އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެ ހިމެނިފައިވާ ގުރޫޕުގެ ގޮތުން ރަނގަޅު ނަތީޖާ އެއް ނެރުމުގައި ރާއްޖެއަށް އެޑްވާންޓޭޖުތަކެއް އެބަހުރި ކަމަށް ސުޒޭން ބުންޏެވެ.
ކޮލިފިކޭޝަންގައި ރާއްޖެ ހިމެނެނީ ޗައިނާ، ސީރިއާ، ފިލިޕީންސް، އަދި ގުއާމް އާއެކު ގުރޫޕް އޭ ގަ އެވެ. ރާއްޖޭގެ ފުރަތަމަ މެޗު ކުޅޭނީ ގުއާމް އާ ދެކޮޅަށް އެ ގައުމުގަ އެވެ.
"އަޅުގަނޑު ފާހަގަ ކުރާނީ އަޅުގަނޑުމެން [ރާއްޖެ] މިއޮތީ ވަރަށް އުންމީދީ ގުރޫޕެއްގައޭ،" ވޯލްޑްކަޕް ކޮލިފައިންގައި ރާއްޖެ ހިމެނޭ ގުރޫޕަށް އިޝާރާތްކޮށް ސުޒޭން ބުންޏެވެ. "އެއީ މިހާރު އޮތް ގޮތަށް ބަލާއިރުގައި ގުއާމް އަކީވެސް އެންމެ ވަރުގަދަ ޓީމެއް ނޫން، ދެން ފިލިޕީންސާއި ސީރިއާ، ސީރިއާގެ ހާލަތަށް ބަލާއިރު ސީރިއާގެ އަމިއްލަ ރަށުގައެއް ނޫން މެޗްތައް ކުޅެނީކީ، ހަމަގައިމުވެސް ރާއްޖޭގެ ތައްޔާރުވުންތައް ރަނގަޅު ކޮށްފިއްޔާ ވޯލްޑްކަޕް ކޮލިފިކޭޝަންގެ ނަތީޖާތައް ރަނގަޅު ކުރެވޭނެ."
ފުރަތަމަ މެޗު ގުއާމްގައި ކުޅެފައި އެ ގައުމުގެ ދަނޑަކީ ޓާފް ދަނޑެއް ކަމުގައި ވުމުން އެއީވެސް ދިވެހި ކުޅުންތެރިންނަށް އޮތް އެޑްވާންޓޭޖެއް ކަމަށް ސުޒޭން ބުންޏެވެ. ގައުމީ ކޯޗް ޕީޓާ ޝެގަޓްގެ ބައެއް ނިންމުންތަކާ މެދު ކުރިން ފާޑު ކީ ސުޒޭން ބުނީ ފުޓްބޯޅައިގެ ކޮންމެ ކަމެއްގައި ގައުމީ ކޯޗަށް އަބަދުވެސް އޭނާގެ އެއްބާރުލުން ލިބޭނެ ކަމަށެވެ.
"ފުޓްބޯޅައިގެ ތެރެއިން ކުރަން ހުރި ހުރިހާ ކަމަކަށް ގައުމީ ކޯޗަށް އަޅުގަނޑުގެ ފަރާތުން ހަމަ ހުރިހާ އިރެއްގައިވެސް އެއްބާރުލުން ދޭން ތައްޔާރަށް މިހުރީ،" ސުޒޭން ވާހަކަ ދެއްކި އެވެ. "މިސާލަކަށް އަޅުގަނޑުގެމެންގެ ގޯލްކީޕަރު ލަބާން މާދަމާއިން ފެށިގެން އޭނަ ޓްރޭނިންއަށް ނެރުނަސް އަޅުގަނޑުމެންގެ އެއްވެސް ޝަކުވާއެއް ނެތް، އަޅުގަނޑުމެން [ކުލަބު] ގެ މެޗު ކުޅޭ ދުވަހުގެ އެއްދުވަސް ކުރިން ދޫކޮށްލަ ދެނިކޮށް ނިމުނީ."
އަލީ އަޝްފާގް (ދަގަނޑޭ) ގައުމީ ޓީމަށް ނެގުމުގެ މުހިންމު ކަމާ ބެހޭގޮތުން ސުވާލު ކުރުމުން ސުޒޭން ބުނީ ވަކި ކުޅުންތެރިޔަކު މުހިންމު ނޫން ކަމަށާއި މުހިންމީ ޓީމަށް ނަތީޖާ ނެރުން ކަމަށެވެ. ނަތީޖާ ނެރުމަށް އަޝްފާގް އަދި މުހައްމަދު އުމޭރަކީވެސް މުހިންމު ކުޅުންތެރިޔެއް ކަމުގައި ވަންޏާ އެ ދެ ކުޅުންތެރިން ޓީމަށް ނަގަން ޖެހޭނެ ކަމަށެވެ.
"ނަތީޖާ ނެރެން އަޝްފާގަކީ މުހިންމު ކުޅުންތެރިޔެއް ކަމަށްވަންޏާ އަޝްފާގްވެސް ބައިވެރި ކުރަންވީ، ނަތީޖާ ނެރެން އުމޭރަކީ މުހިންމު ކުޅުންތެރިޔެއް ކަމަށްވަންޏާ އުމޭރުވެސް ބައިވެރި ކުރަންވީ،" ސުޒޭން ބުންޏެވެ. "އެހެންވީމަ އަޅުގަނޑު ފާހަގަ ކުރާނީ ކޯޗަށް ވިސްނޭ އެންމެ ރަނގަޅު ރަނގަޅު ބަޔަކު ނަގައިގެން ހަމަ ކުރިއަށް ދާންވީއޭ."
ދިވެހި ޕްރިމިއާ ލީގްގައި މިއަދު ހަވީރު ކުޅޭ މެޗުގައި ސުޒޭންގެ ގްރީންސް ނުކުންނާނީ، ފ. ނިލަންދުއާ ދެކޮޅަށެވެ. ސުޒޭން ބުނީ ނިލަންދުއަށް ބިދޭސީ ކުޅުންތެރިޔަކު ގެނެސްފައި ވުމުން އެ ޓީމުގެ ކުޅުން ރަނގަޅު ވާނެ ކަމަށެވެ.
ނިލަންދޫގެ ކޯޗް އަހްމަދު މުޖުތޮބާ ފެސްކޯ ބުނީ، ޕްރެކްޓިހުގައި ކުޅުންތެރިން ހިމެނުން ދަށް ކަމަށެވެ. އެހެންނަމަވެސް ޓީމުގެ ޕްރެކްޓިހަށް ނުކުންނަ ކުޅުންތެރިންގެ ފަރާތުން ފެންނަމުންދާ މަސައްކަތާއެކު ރަނގަޅު ކުޅުމެއް ފެންނާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.