ގައުމީ ފުޓްބޯޅް ޓީމް

ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ސުޒޭން

ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ކުލަބު ގްރީން ސްޓްރީޓްސްގެ ކުރީގެ ކޯޗް އަލީ ސުޒޭން ހަމަޖައްސައިފި އެވެ.

ސުޒޭން ވަނީ މީގެ ކުރިން ވެސް ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗްގެ މަގާމު އަދާ ކޮށްފަ އެވެ. ގްރީންގެ ކޯޗް ކަމުން ސުޒޭން ވަކިވީ ގައުމީ ޓީމުގެ ހުށަހެޅުން އޭނާއަށް ލިބުމުން ކަމަށް ކުރިން ވެސް ވާހަކަ ދެކެވުނެވެ.

ހެޑް ކޯޗެއްގެ ގޮތުގައި 2003 ވަނަ އަހަރު ކެރިއާ ފެށި، ސުޒޭން ކުލަބުގެ މަސައްކަތްތަކުން އަތް ދޫކޮށްލައި ގައުމީ ޓީމުގެ މަގާމަކާ ހަވާލުވި މިއީ ދެ ވަނަ ފަހަރެވެ. އެފްއޭއެމްގެ ކުރީގެ ރައީސް އިލްހާމް އަހްމަދުގެ ދައުރުގައި ސުޒޭން ވަނީ، ގައުމީ ޓީމުގެ ޑިރެކްޓަރުގެ މަގާމު އަދާކޮށްފަ އެވެ. ނަމަވެސް މިއީ ކުލަބުގެ މަސައްކަތުން އަތް ދޫކޮށްލުމަށް ފަހު ގައުމީ ޓީމުގެ ޓެކްނިކަލް މަގާމަކާ އޭނާ ހަވާލުވި ފުރަތަމަ ފަހަރެވެ.

ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރި އަހްމަދު ޝާކިރު (ޝާކިއްޓޭ) ވަނީ، އެފްއޭއެމްގެ ޓެކްނިކަލް އެހެން މަގާމަކާ ހަވާލުވެފަ އެވެ.

ކުރީގެ ކޯޗް ޕީޓާ ޝެގަޓް ހުރިިއިރު ސުޒޭން ވަނީ ގައުމީ ޓީމުގެ ކަންކަމާމެދު ވަރަށް ބޮޑު ފާޑު ކިޔާފަ އެވެ. އަދި ގައުމީ ޓީމުގެ އެސިސްޓެންޓުން ކޯޗުންގެ ދައުރު އެކަށީގެންވާ ވަރަށް އަދާ ނުކުރާ ކަމަށް ބުނެ ސުޒޭން ވަނީ ކުރިން ފާޑު ކިޔާފަ އެވެ.