ޓީސީން ލީޑް ނަގައި ދިވެހި ޕްރިމިއާ ލީގްގެ ތާވަލުގެ ތިން އަށް ދާން ލިބުނު ފުރުސަތަށް ދަ ގުރޭންޑޭއިން ލަނޑުން މެޗުގެ ނަތީޖާ 1-1 އިން ހަމަހަމަކޮށް ހުރަސް އަޅައިފި އެވެ.
ރޭ ވިކްޓަރީ އަތުން މާޒިޔާ މޮޅުވުމުން، މާޒިޔާއަށް ތާވަލުގެ އެއް ވަނަ މަގާމު ލިބި ދަ ގުރޭންޑޭ ދެ ވަނަ އަށް ވެއްޓުނެވެ. ފުރަތަމަ ހާފުގައި ޓީސީން ލީޑް ނަގައި ތިން ޕޮއިންޓްގެ އުންމީދުގައި ތިއްބައި ދަ ގުރޭންޑޭއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ އެ ޓީމަށް ލިބުނު ޕެނަލްޓީއެއްގަ އެވެ.
ޓީސީ މެޗު ކާމިޔާބު ކުރެ ވުނުނަމަ، 12 ޕޮއިންޓާއެކު އެ ޓީމަށް ތާވަލުގެ ތިން އަށް އެރުނީހެވެ. މެޗުގައި ޓީސީގެ ލަނޑު ކާމިޔާބު ކުރީ ނޭޕާލްގެ ގައުމީ ޓީމުގެ ފޯވަޑް ބިމާލް މަގަރު އެވެ.
ޓީސީގެ ވިންގު ބޭނުން ކޮށްގެން، ޑިފެންޑަރު ސާމިރު އާއި ވިންގް ފޯވަޑް އިޝާން އިބްރާހިމް ސައްޓު މެދުވެރިގެން އުފެއްދި ހަމަލާގައި ސައްޓު ބޯޅަ ދިނީ، ދަ ގުރޭންޑޭގެ ޕެނަލްޓީ އޭރިއާ ތެރެއަށް އެރި އިސްމާއިލް އީސާ އަށެވެ. އިސްމާއީލް ހުރި އޭންގަލުން އޭނާއަށް ގޯލަށް ބޯޅަ ފޮނުވާ ލެވެން ނެތުމުން އޭނާ ބޯޅަ ދިނީ އޭރިއާ ތެރޭގައި ހުރި ބިމާލް އަށެވެ. ވެއްޓިގެން ފައި ބިމާލް އެ ބޯޅަ ފޮނުވާލީ ތިރިތިރިން ގޯލްގެ މެދުތެރެއަށެވެ. ގުރޭންޑޭގެ ކީޕަރު މުހައްމަދު ފައިސަލް ހުރި ޕޮޒިޝަންގެ ގޮތުން އެ ބޯޅަ އަތުލުމުގައި އޭނާ އަށް ކާމިޔާބު ނުހޯދުނެވެ.
ދެ ވަނަ ހާފުގައި ދަ ގުރޭންޑޭގެ ހަމަލާތައް ރަނގަޅު ކުރި އެވެ. މެޗުގެ 90 ވަނަ މިނެޓްގައި އެ ޓީމުން ޕެނަލްޓީން ޖެހި ލަނޑު ކާމިޔާބު ކުރީ އިރާގްގެ ފޯވަޑް އަބައިދާ ޚަދޫމް އަހްމަދެވެ.
އެ ޕެނަލްޓީ އަކީ، ގުރޭންޑޭގެ އަޔާޒް އަހްމަދު ބޯޅަ ހިފައިގެން ޓީސީގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމުން ޓީސީގެ ޑިފެންޑަރު އަބްދުލް ވާހިދު ވާޑް، އަޔާޒް އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ކުރި ފައުލެކެވެ. ޕެނަލްޓީ އުބައިދާ ވައްދާލީ ގޯލްގެ ތިރީ ކަނަށެވެ.
މެޗުގެ އެންމެ ފަހު ބޯޅައިގައި ބިމާލް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސް ކޮށްފަ އެވެ. މެޗުގެ އެންމެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި އޭނާ ފޮނުވާލި ބާރު ހަމަލާ ކީޕަރު ފައިސަލް ދިފާއު ކޮށް ކޯނަރަކަށް ބޭރު ކޮށްލި އެވެ.