ޖުލައި މަހު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް 2.16 ބިލިއަން ރުފިޔާ ބަލައިގެންފި އެވެ.
މީރާއިން ބުނީ، އެ އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 1.3 އިންސައްތަ އިތުރު އަދަދެއް ކަމަށާއި، އެހެން ނަމަވެސް، އެއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ 1.3 އިންސައްތަ ދަށް އަދަދެއް ކަމަށެވެ.
ވޭތުވެދިޔަ އަހަރުގެ ޖުލައި މަހު ލިބުނު އާމްދަނީއަށްވުރެ މި އަހަރުގެ ޖުލައި މަހުގެ އާމްދަނީ އިތުރުވުމުގެ ސަބަބަކީ ޓީ.ޖީ.އެސް.ޓީ، ގްރީން ޓެކްސް އަދި ބޭންކް ޕްރޮފިޓް ޓެކުހުގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވެފައިވުން ކަމަށާއި، އެހެންނަމަވެސް، މި އަހަރުގެ ޖުލައި މަހު ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ އާމްދަނީ ދަށްވެފައިވުމުގެ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީ އަދި ބީ.ޕީ.ޓީގެ ގޮތުގައި ލިބެންޖެހޭ ފައިސާ ލިބިފައިވާ މިންވަރު، އަންދާޒާކުރި މިންވަރަށްވުރެ ދަށްވެފައިވުން ކަމަށްވެސް މީރާއިން ވަނީ ބުނެފަ އެވެ.
ޖުލައި މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބީ.ޕީ.ޓީން ކަމަށާއި، ބީޕީޓީން 873.71 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނު ޖީއެސްޓީން ލިބިފައިވަނީ 510.73 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ޓޫރިޒަމް ކުލީގެ ގޮތުގައި 436.10 މިލިއަން ރުފިޔާ އަދި ބޭންކް ޕްރޮފިޓް ޓެކުހުގެ ގޮތުގައި 67.31 މިލިއަން ރުފިޔާގެ އިތުރުން އެއަރޕޯޓު ސަރވިސް ޗާޖްގެ ގޮތުގައި 50.17 މިލިއަން ރުފިޔާއާއި، އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 220.79 މިލިއަން ރުފިޔާ ހިމެނޭ ކަމަށްވެސް މީރާއިން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން މިރާއިން ބުނީ ޖޫން މަހުގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 50.6 މިލިއަން އެމެރިކާ ޑޮލަރުވެސް ހިމެނޭ ކަމަށެވެ.