ވިޔަފާރި

އެމްއައިބީގެ ހިއްސާ ބ. ރެޒިޑެންޝަލް ލާނިން ސެންޓަރުން ގަނެފި

Aug 10, 2019

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ 1.5 މިލިއަން ހިއްސާ ބ. އެޓޯލް ރެޒިޑެންޝަލް ލާނިން ސެންޓަރުން ގެނެފި އެވެ.

ބ. އޭދަފުށީގައި ހުންނަ ރެޒިޑެންޝަލް ލާނިން ސެންޓަރަކީ އެ ރަށުގައި ކިޔަވާ އެހެން ރަށްރަށުގެ ކުދިން ތިބޭ ތަނެކެވެ.

އެމްއައިބީއިން މިދިޔަ މަހުގެ 28 ވަނަ ދުވަހު ހިއްސާ ވިއްކަން ފެށުމާއެކު އަމިއްލަ ކުންފުނިތަކާއި ބައެއް ކައުންސިލްތަކުން ވެސް ދަނީ ހިއްސާ ގަންނަމުންނެވެ. އެގޮތުން އައްޑޫ ސިޓީ ކައުންސިލުން ވެސް ވަނީ އެ ބޭންކުގެ 1.5 މިލިއަން ހިއްސާ ގަނެފަ އެވެ.

އެމްއައިބީގެ ހިއްސާއެއް ވިއްކަނީ 35ރ. އަށެވެ. އަދި އެންމެ މަދުން ގަނެވޭނީ 20 ހިއްސާ އެވެ. (އެއީ 35ރ. އަށް ހިއްސާއެއްގެ މަގުން ބަލާނަމަ 700ރ. ގެ ހިއްސާ ) އެވެ. އަދި 10 ހިއްސާ އިން އަދަދު އިތުރު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

އެ ކުންފުނި ވަނީ ހިއްސާ ވިއްކައިގެން 244 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބުނެފަ އެވެ. ހިއްސާ ވިއްކަން ހުޅުވާލިއިރު ހިއްސާ ބެހިގެން ދާނީ އިސްލާމިކް ބޭންކުގެ 4.5 މިލިއަން ހިއްސާ (157 މިލިއަން ރުފިޔާގެ ހިއްސާ) އާއި އިސްލާމިކް ކޯޕަރޭޝަން އޮފް ދަ ޑިވްލޮޕްމަންޓް އޮފް ޕްރައިވެޓް ސެކްޓާގެ 2.4 މިލިއަން ހިއްސާ (87 މިލިއަން ރުފިޔާގެ ހިއްސާ) އެވެ. އެމްއައިބީގެ ޖުމްލަ ހިއްސާގެ 31 ޕަސެންޓް ވިއްކާއިރު، ވިއްކާ ހިއްސާގެ ޖުމްލަ އަދަދަކީ 6،975،000 އެވެ.